ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދިގުދަންމަން ސަރުކާރުން ނިންމުމާއި އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ރާއްޖޭގެ ގާނޫނު އަސަސީއާ ހިލާފަށް ކަމަށް ވުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ހިނގުން ހުއްޓުވަމުން ދިއުމަކީ ރާއްޖެ އާއްމު ހާލަތަށް އިއާދަވުން އިތުރަށް ލަސްވެގެންދާނެ ކަމެއް ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ދިވެހި ސަރުކާރުން އިތުރުން 30 ދުވަހަށް އިތުރު ކުރުމުން އަހަރެމެން މިތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރިކުރުމަށް މަޖިލީހުން ރުހުން ދިނީ ރާއްޖޭގެ ގާނޫނު އަސާސީއާ ތައާރުޒުވާ ގޮތަކަށް ކަމަށް ވުމީ ވެސް ކަންބޮޑުވާ ކެމެކެވެ،" އިންޑިއާގެ ބަޔާނުގައި ވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިިތުރުކުރަން ސަރުކާރުން ނިންމުމުން އިއްޔެ ވެސް އިންޑިއާއިން ބަޔާނެއް ނެރުނެވެ. އިއްޔެ ނެރުނު ބަޔާނުގައި ބަޔާނެއްގައި ބުނީ އެކެއް ފެބްރުއަރީގެ އަމުރު އޭގެ ދެލިގަނޑާ ރޫހާ އެއްގޮތަށް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.
"ކުއްލި ހާލަތު ނިމުމަކަށް ގެނެސް ޑިމޮކްރަޓިކް މުއައްސަސާތަކަށް ޝަރުއީ ދާއިރާ ވެސް ހިމެނޭ ގޮތަށް ދެފުށް ފެންނަ ގޮތަށް މިނިވަންކަމާއެކު ގާނޫނު އަސާސީގައިވާ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ. ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު އޮތް ގޮތަށް އޭގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރަން ޖެހޭނެ،" ބަޔާނުގައި ބުނެފައި ވެެއެވެ.
އިންޑިއާގެ މިފަހަރުގެ ބަޔާނުގައި ބޭނުންކޮށްފައި ވަނީ ޑިޕްލޮމެޓިކް ގޮތުން ބޭނުންކުރާނެ އެންމެ ހަރުކަށި އިބާރާތްތަކެެވެ. އެގޮތުން ކުރީގެ ބަޔާންތަކާ ހިލާފަށް އިންޑިއާއިން ރާއްޖެއަށް ޑިމާންޑް ކުރާ ކަންތައްތަކުގައި ބުނެފައި ވަނީ ' ކުރަން ޖެހޭނެ' މި އިބާރާތެވެ.
ޑިމޮކްރަސީގެ މަގަށް ރާއްޖޭން އަަވަހަށް ރުޖޫއަވާން ވެސް ވަނީ ގޮވާލާފައެވެ.