ހަބަރު

ޝިފާޒްއަށް ވެސް ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު

އެމްޑީޕީގެ ނައިބު ރައީސް އަހުމަދު ޝިފާޒްގެ މައްޗައް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ފުލުހުން ކުރާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ފުލުހުން ޝިފާޒް ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ ހަރުގޭގައި އޭނާ ހުންނަވަނިކޮށެވެ. އޭނާގެ ވަކީލު އަބްދުﷲ ޝާއިރު މިއަދު ވިދާޅުވީ ޝިފާޒް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނި ނަމަވެސް ފަހުން ބުނެފައި ވަނީ އޭނާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރަނީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ޝިފާޒް ހައްޔަރު ކުރި މައްސަލަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކުށްވެރިކޮށް އޭނާ ދޫކޮށްލަން ގޮވާލައިފަ އެވެ.

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޝިފާޒް ހައްޔަރުކޮށްފައިވާ އިރު ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކޮށްފައި ވަނީ އެ މައްސަލައިގެ ތުހުމަތަށެވެ. އަދި މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ހައްޔަރުކޮށްފައި ވަނީ އެ ތުހުމަތުގަ އެވެ.