ހަބަރު

އެސްއޯއީ ނިމިފައިވާކަން އޭޖީގެ ސީނިއާ ވަކީލުން ވެސް ލަފާއެރުވި: އޮފިޝަލުން

Feb 21, 2018
3

ސްޓޭޓް އޮފް އެމެޖެންސީ އިތުރު ކުރުމަށް މަޖިލީހުން އިއްޔެ ނެގި ވޯޓް ސައްހަ ނުވާނެ ކަމަށް އެޓާނީ ޖެނެރަލްގެ ސީނިއާ ހުރިހާ ވަކީލުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއަށް ލަފާދެއްވާފައިވާ ކަމަށް އެ އޮފީހުގެ ބައެއް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

"އަވަސް"އާ ވާހަކަ ދެއްކެވި އެ އޮފީހުގެ އޮފިޝަލުންތަކެއް މިއަދު ވިދާޅުވީ، ގާނޫނު އަސާސީގައި ބުނާ އަދަދަށް މަޖިލީހުގެ ޗެމްބަރުގައި މެންބަރުން ނެތިސް ސްޓޭޓް އޮފް އެމެޖެންސީ އިތުރު ކުރަން ފާސްކޮށްފައި ވާތީ އެއީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ނޫން ކަމަށް އޭޖީއަށް އެ އޮފީހުގެ ސީނިއާ ވަކީލުން ލަފާދެއްވި އެވެ. އަދި އެސްއޯއީގެ ދަށުން ހައްޔަރުކުރި ފަރާތްތައް ބަންދުގެ މުއްދަތަށް ކޯޓަށް ގެންދިޔުމަށް ލަފާދެއްވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭޖީ އަނިލް އެކަމާ މެދު އަމަލު ކުރެއްވި ގޮތެއް އެބޭފުޅުންނަށް ނޭނގޭ ކަމަށް ވިދާޅުވި އެވެ. އޭޖީ އަނިލްގެ އަމަލުތަކާ މެދު ހިތްހަމަ ނުޖެހިގެން އެ އޮފީހުގެ ގިނަ ވަކީލުންތަކެއް އަނިލް ކަންކަން އިސްލާހު ކުރެއްވުމަށް މި ފަހުން ޕެޓިޝަނެއް ވެސް ތައްޔާރު ކުރި ކަމަށް އެ އޮފީހުގެ އޮފިޝަލުން ވިދާޅުވި އެވެ. އެކަން އަނިލްއަށް އެނގިވަޑައިގަތުމުން ވަޒީފާ ބޭނުން ނަމަ ތިކަން ހުއްޓާލައްވަން އެ ވަކީލުންނަށް އަނިލް އެންގެވި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ވޯޓް ނުނެގޭނެ ކަމަށް މަޖިލީހުގެ ރައީސްއަށް ގާނޫނީ ލަފާދެއްވާ ކައުންސިލާ ޖެނެރަލް ފިލްޒާ ވެސް ވަނީ ވިދާޅުވެ މަޖިލީހުގެ ޗެމްބަރުން ނިކުމެ ވަޑައިގެންފަ އެވެ. އަދި ގާނޫނީ ގޮތުން ތަޖުރިބާކާރު މެންބަރު، މުހައްމަދު ނަޝީދު ވެސް އިއްޔެގެ ވޯޓްގައި ބައިވެރިވެ ވަޑައިނުގެން ވަނީ ޗެމްބަރުގައި އިންނަވައިފަ އެވެ.