ހޮލީވުޑް

ކަރްލާ ސޫޒާ ރޭޕްގެ ޝިކާރައަކަށްވި!

މަޝްހޫރު ޓީވީ ސީރީޒް "ހައުޓް ގެޓް އަވޭ ވިތް މާޑާ" ގެ އެކްޓްރެސް ކަރްލާ ސޫޒާ، ރޭޕްގެ ޝިކާރަކަށްވި ކަމަށް އޭނާ ބުނެފި އެވެ. ކަރްލާ ބުނީ އޭނާ ރޭޕްކުރީ އެކްޓިންގެ ދާއިރާއަށް ފުރަތަމަ ނިކުތް ދުވަސްކޮޅު އޭނާ މަސައްކަތް ކުރި ސީރީޒެއްގެ ޑައިރެކްޓަރެއް ކަމަށެވެ.

ހައުޓު ގެޓް އަވޭ ވިތް މަޑާގައި ކަރްލާ ފެނިގެންދަނީ ލޯރެލް ކަސްޓީޖޯގެ ރޯލުންނެވެ. ރޭޕްގެ ޝިކާރައަކަށް ވީކަން އޭނާ ހާމަކުރީ ސީއެންއެން އަށް ދިން އިންޓަވިއުއެއްގަ އެވެ. ރޭޕުކުރި ވާހަކަ ތަފްސީލުކޮށް ކިޔާދިން ނަމަވެސް އޭނާ ރޭޕްކުރި ކަމަށް ބުނާ ޑައިރެކްޓަރުގެ ނަން ހާމަ ކޮށްފައެއް ނުވެ އެވެ.

އެ ޑައިރެކްޓަރު ކަރްލާ ރޭޕުކުރީ މެކްސިކޯގައި އޮތް ޝޫޓިންއަކަށް ގޮސްފައި ކަމަށް އޭނާ ބުންޏެވެ. ކަރްލާ ބުނީ ފުރަތަމަ އޭނާއަށް އެ ޑައިރެކްޓަރު ފުރައްސާރަ ކުރަން ފެށީ ޝޫޓިންއަށް ގޮސް ހުރި އިރު ކަރްލާ ހުރި ހޮޓެލްގެ ކޮޓަރިއަށް އައިސް ކަމަށެވެ.

"އެފަހަރު ފިލްމުގެ ޓީމު މެމްބަރުން ތިބީ ދެ ހޮޓަލެއްގައި. އަހަރެންނާއި ޑައިރެކްޓަރު ތިބީ ވަކި ހޮޓަލެއްގައި. ބާކީ ތިބި އެންމެ ތިބީ އަނެއް ހޮޓަލުގައި" ކަރްލާ ބުންޏެވެ. "އެއް ރެޔަކު މެންދަމު ދެއް ޖަހާފައި ހުއްޓާ އޭނާ އައީ ސީނެއްގެ ވާހަކަތަކެއް މަޝްވަރާކުރަން އަހަރެންގެ ކޮޓަރިއަށް. އެރޭ އެންމެ ފުރަތަމަ އޭނާ އަހަންނަ [ޖިންސީ] ފުރައްސާރަކުރީ. އަހަރެން ދެކޮޅު ހެދުމުން އޭނަ ދިޔައީ."

އޭގެ ފަހުން ޝޫޓިންތަކުގައި ޑައިރެކްޓަރު އޭނާ ބަދުނާމުކޮށް، އެންމެ ކުރިމަތީގައި ލަދުގަންނަވަން މަސައްކަތް ކުރިކަމަށް ކަރްލާ ބުންޏެވެ. މަސްދުވެހެއް ވަންދެން އެގޮތަށް އޭނާގެ ފަރާތުން ބަދުބަސްތައް ލިބެމުންދިޔަ ކަމަށް ކަރްލާ ބުންޏެވެ.

"އަހަރެންގެ ރޯލު ގެއްލިދާނެތީ އޭގެ ސަބަބުން އަހަރެންގެ ކެރިއަރު އަޑިއަޅާލައިގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައި އަހަންނަ އެންމެފަހު މަޖުބޫރުވީ އެނާ ބޭނުންވާ ގޮތަށް ކަންތައްތައްކުރަން. އޭނަ އަހަރެން ރޭޕްކުރީ،" އެ ވާހަކަ މިއޮށް ހާ ދުވަހު ހިއްސާ ނުކުރީ ކެރިއަރާއިމެދު ވިސްނާފައި ކަމަށް އޭނާ ބުންޏެވެ.

ހޮލީވުޑްގައި ގިނަ އަދަދެއް އަންހެން އެކްޓަރުންނަށް ޖިންސީ ފުރައްސާރަތަށް ކުރިމަތިވަމުންދާ މައްސަލަތައް ބޮޑެވެ. ހޮލީވުޑްގައި މިހާރު ވަނީ އަންހެން އެކްޓަރުންނަށް ކުރިމަތިވަމުންދާ ޖިންސީ ފުރައްސާރަތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް "#މީޓޫ" ގެ ނަމުގައި ހާއްސަ ކެމްޕޭނެއްވެސް ފަށާފަ އެވެ. އެ ކެމްޕޭން ފެށުމާއެކު ގިނަ އަދަދެއް ހޮލީވުޑްގެ އަންހެން އެކްޓަރުން އަންނަނީ އެ މީހުނަށް ކުރިމަތިވެފައިވާ ކަންތައްތައް އާންމުންނާއި ހިއްސާ ކުރަމުންނެވެ.