ހަބަރު

ކުނޫޒަށް ފުލުހުން ވަދެ، މީހުން ބޭރުކޮށްފި

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒަށް އެސްއޯ ފުލުހުން ކުއްލި ގޮތަކަށް ވަދެ، އެތަނުގެ ތެރޭގައި ތިބި އެންމެން ބޭރަށް ނެރެފި އެވެ. ފުލުހުން މިހާރު ވަނީ ކުނޫޒަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.

ކުނޫޒަށް މިރޭ ކުއްލި ގޮތަކަށް ފުލުހުން ވަން ސަބަބެއް ސާފެއް ނުވެ އެވެ. ކުނޫޒު ދޮރުމަތީގައި ހަތް ވަރަކަށް ފުލުހުން ތިބިއިރު ވެހިކަލެއް ވެސް އެ ސަރަހައްދުގައި އެބަ އޮތެވެ. ކުނޫޒުން މީހުން ނެރުނު ނަމަވެސް އޮފީސް ހިންގާ ބަޔަށް ފުލުހުން އަރާފައެއް ނުވެ އެވެ. ނަމަވެސް ތިރީގައި ތިބި އެންމެން ވަނީ ނެރެފަ އެވެ. އެ ސަރަހައްދުގައި ތިބީ އިދިކޮޅު އެއްވުމުގެ ބައިވެރިންނާއި ބައެއް ނޫސްވެރިންންނެވެ. ޕާޓީގެ ބައެއް އިސްވެރިން މަތީ ބުރީގައި އަދިވެސް އެބަ ތިއްބެވި އެވެ.

ކުނޫޒުން މިރޭ މީހުން ނެރުނުއިރު އެމްޑީޕީ ހަރުގެ ކުރީގައި ބޭއްވި އެއްވުން ރޫޅާލުމުގެ ކުރިން އެ ހަރުގެއަށް ވެސް ފުލުހުން ވަދެ މީހުން ހުސްކުރި އެވެ. މަގުތަކަށް މީހުން ނުކުތީ ހަރުގެ ކުރިމަތީ އެއްވުން ރޫޅާލުމުންނެވެ. މިހާރު ވެސް އެއްވުމުގެ މަދު ބައިވެރިން ކޮޅެއް ކުނޫޒު ސަރަހައްދުގައި އެބަ ހަރަކާތްތެރިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މަޖިލިސް މެންބަރުން ވެސް އެ ސަރަހައްދުގައި އެބަ ތިއްބެވި އެވެ.

ކުނޫޒު ސަރަހައްދަށް އެއްވުމުގެ ބައެއް ބައިވެރިން އެއްވީ ވެސް ފުލުހުން އެއްވުން ރޫޅާލުމަށް ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީފައި އޮތްވަ އެވެ. އެއްވުމުގެ ބައިވެރިން ގޮވަމުން ދަނީ އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން މިނިވަންކުރުމަށެވެ. އޭގެއިތުރުން ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.