ވާހަކަ

ކުރު ވާހަކަ: ފޯން ކޯލް

"ހެލޯ...."ނިދި މޯޅިއަކަށް ދެމިލަމުން ފޯނު ކަންފަތުގައި ޖަހަމުން އަލީން ބުނެލިއެވެ. އޭނާ އޮތް ފަސްފޫޓު އެނދުގެ ކަނާތްފަރާތުގައި އަރާމް ނިންޖެއްގެތެރޭގައި އެއްއަރިއަކަށް ގުރުޑުވެލައިގެން ނޫރާ އޮތެވެ. ކުރިމަތީ ފާރުގައި އަޅުވާފައިއިން ގަޑިއަށް ބަލާލިއިރު ހެނދުނު ހައެއް ޖެހުމަކާ ގާތްވަނީއެވެ.

" މާފަންނު...މަޖީދީ މަގު...ގަސް..ރުޅި..ގަދަ އަ...އަންހެން މީހެއް...ރަތްކުލައިގެ..ގޭޓޭއް...ހިމަ ގޯޅި.. ޕޮލިހަށް ނުގުޅާތި... މިތާ އުޅޭ މީހުން އަހަރެން މަރާލާނެ....ޕްލީޒް ސަލާމަތް......."އެކޮޅުން ވައިއަޑުން ވާހަކަދައްކަމުން ދިޔަ މީހާގެ އަޑު އަންނަމުން ދިޔައީ ކެނޑިކެނޑިގެންނެވެ. ގައިންހަކަތަ ހުސްވެ ނިހާޔަތަށް ވަރުބަލިވެފައިވާ މީހެއްގެ އަޑު ފަދައިންނެވެ. ކުޑައިރު ކޮޅަކު ވިސްނަން އޮވެލުމަށްފަހު ތެދުވެ އަލީން އެނދުގައި އިށީނދެލިއެވެ. ދެން މަޑުމަޑުން އެމީހާ ބުނިބަސް ތަކުރާރުކޮށްލިއެވެ. ނޫރާ ކުޑަކޮށް ލޯހުޅުވާލަމުން"ތިކިޔަނީ ކީކޭހޭ"ބުނެ އަނެއް ފަރާތަށް އެނބުރިލިއެވެ. މިއީ ކޮންމެ ވެސް މީހަކު އޭނާއާ ކުރާ ސަމާސާއެއް ބާވައޭ އަލީންގެ ހިތަށް އެރިއެވެ. މިހާ ހެނދުނުގެ މިގަޑީގައި ނުދަންނަ ނަންބަރަކުން ގުޅައި އެފަދަ ސަމާސާއެއް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަލީންއަކީ އޭނަގެ ރައްޓެހިންނާ އެފަދަ ސަމާސާއެއް ކުރާ މީހެއްވެސް ނޫނެވެ.އެ މީހަކީ ޙަގީގަތުގައިވެސް ކޮންމެވެސް ބޮޑު މުސީބާތެއް ޖެހިފައިވާ މީހަކަށް ނުވާނެ ބާވައެވެ. އަލީންގެ ނަންބަރަކީ ފަސޭހައިން ހަނދާންވާ ކަހަލަ ނަންބަރަކެވެ. ޕޮލިހަށް ގުޅަން އުޅެފައިވެސް އެމީހާގެ ވާހަކަ ހަނދާންވުމުން ފޯނު ބޭއްވިއެވެ. އޭނާ އެފަދައިން ކަންތައް ކޮށްފިނަމަ، އެމީހާގެ ފުރާނައަށް ހަގީގަތުގައިވެސް ގެއްލުން ވެއްޖެނަމަ، ވާނީ ކިހިނެއް ހެއްޔެވެ؟ ހާލުގައި ޖެހިފައިވާ މީހަކު މަދަދަށް އެދުމުން އެހީނުވެ ހުންނަންވާނެ ހެއްޔެވެ؟

މިފަދަ ޚިޔާލުތަކެއް ސިކުނޑި ވަށާލުމުން ނޫރާ ނިދާފައިއޮތްތޯ ނިކަން ރަނގަޅަށް ބަލާލަމުން ލައިގެންއިން ޓްރެކްޝޫޓްގެ ޖީބުގައި އޮތް "ބައްތި ފޯން" އޮފީސް ބޫޓު ތެރެއަށް ލައި ފޮރުވައިފިއެވެ. އެފޯނަކީ ނޫރާއަށް ސިއްރުން އޭނާ ކުރާ ހުރިހާ ކަމެއްގެ މަދަދުގާރެވެ.އަތުގައި އޮންނަ ދެފޯނުގެ ތެރެއިން ނޫރާއަށް ވަންހަނާކުރެވިފައިވާ ފޯނެވެ. ވަފާތެރިކަމުގެ ދަޅައިން ގިރިޓީ ވެގެން ހުއްޓަސް އަލީންއަކީ ބޭވަފާތެރިއެކެވެ."ވަގު އަނބިން" ގެންގުޅުމުގެ މާހިރެކެވެ.

އަލީން ފެންވަރާލައިގެން ނުކުތްއިރު، އޮފީހަށް ދާން ލާ ހުދުއަތްދިގު ގަމީހާއި ކަޅުފަޓުލޫން އިސްތިރިކޮށް އެނދުމަތީގައި ބާއްވާލާފައިއޮތެވެ. ނޫރާއަކީ ތަރުތީބުކަމާއި ސާފުތާހިރު ކަމުގައި އެފަދަ ދެވަނައެއްނުވާ އަންހެންކުއްޖެކެވެ. ނޫރާ ކޮޓަރިތެރޭގައި ނެތުމުން، އޭނާ އެދިޔައީ އަލީންއަށް ސައިތައްޔާރުކުރަންކަން އޭނާއަށް އެނގުނެވެ. އަލީންއާ އިން އިރު ނޫރާއަކީ ރަނގަޅު ވަޒީފާއެއްގައި ހުރި އަންހެންކުއްޖެއް ނަމަވެސް، ކައިވެންޏަށްފަހު އަލީންގެ އެދުމަށް އޭނާ ވަޒީފާއިންކެނޑި، އަލީންގެ ޚިދުމަތަށް ހުސްވިއެވެ.

އިސްޓާކީނަށް އަރައި ބޫޓަށް އެރުމަށްޓަކައި އެތެރޭގައި އޮތް ފޯނުއަތަށް ނެގުމާއެކު ނޫރާ ދޮރުހުޅުވާލިއެވެ. އެއާއެކު ނޫންކަމަށް ހަދާފައި ފޯނު ކޮއްޕާލީ އަރައިގެން އިން އިސްޓާކީނު ތެރެއަށެވެ.

"ހާދަ އަވަހަކަށް މިއަދު ތިރެޑީ ވީ؟! އަދި ހަތެއް ނު އެޖަހަނީ" ސިއްރުވެރި ނަޒަރަކުން އަލީންގެ މޫނަށް ބަލާލަމުން ނޫރާ ބުނެލިއެވެ.

"މިއަދު ވަރަށް މުހިއްމު ކަމެއް އޮތީމަ އަވަހަށް ދާން ކަމަށް. ހަތެއް ޖަހާއިރު އޮފީސް ހުޅުވަދޭން ބުނެފަ އިންނާނީވެސް" އަލީން ކޮޅަށްތެދުވަމުން ބުނެލިއެވެ.

ނޫރާއާއެކުގޮސް ސައިބޮއެ ނިންމާލައިގެން އޮފީހަށް ދިއުމަށްޓަކައިސައިކަލަށްއަރައި ދުއްވާލިއެވެ. އޮފީހަށް ދިއުމަށްޓަކައި އަލީން ހުރަސްކުރަންޖެހެނީ ގަލޮޅުން ހެންވޭރަށް ދާ ރާސްތާއެއް ނަމަވެސް އޭނާ މިސްރާބު ޖެހީ މަޖީދީމަގުން މާފަންނާ ދިމާއަށެވެ. އެގަޑިއަކީ އޮފީސްތަކަށްދާ މީހުން ނުކުމެއުޅޭ ވަގުތުކަށް ނުވުމާއި،ސުކޫލުތަކުގެ ޗުއްޓީއަށްވާތީ،އަލީންއަށް މުޅިމަގު ހިތަކަށްލިބިފައިވެއެވެ. މަގުގެ ދެފަރާތަށް ބަލަމުން މަޑު ދުވެއްޔެއްގައި އަލީން ސައިކަލު ދުއްވަމުން ދިޔައެވެ. 

ކުއްލިއަކަށް އޭނާގެ ބޯމައްޗަށް އޮހުނީ ފެން އެއްޗެކެވެ. އަލީންރުޅިގަދަ ވެފައި "ޗޮކެއް ކަނޑާލަމުން" މައްޗަށް ބަލާލިއިރު އޭނާ އިންފަޅިގައި ހުރި އިމާރާތުގެ ފުރަތަމަ ބުރީގައި ހުރީ އަންހެނެކެވެ. އެއީ ރުޅިވެރި މޫނެކެވެ.

"ތަންކޮޅެއް ބަލައިގެން އުޅެބަލަ!" ލައިގެން ހުރި ގަމީސް ޚަރާބުވުމުން ރުޅިގަދަވެފައި އަލީން އަށް ބުނެވުނެވެ.

އަންހެންމީހާގެ ރުޅިވެރިކަން ފެނުނީ ދެނެވެ. އަމުނަންފެށި ފަތިވަރު ހުއްޓާނުލުމުން އެންމެ ފަހުން ހަތިޔާރު ބެހެއްޓީ އަލީން އެވެ. އެ ފޯން ކޯލް ކުރި މީހާ ބުނި އަންހެން މީހާއަކީ މިއީ ނޫންބާވައޭ އަލީންގެ ހިތަށް އެރިއެވެ. ދެންހަމަ އެވަގުތު އެއްލިކަޅިއަކުން އަލީންއަށް ފެނުނީ ރަތްކުލައިގެ ދޮރުއައްޓެކެވެ.އެއީ ދެބުރިއަށް ނަގާފައިވާ އިމާރާތެކެވެ. ގެއަށް ވަންނަ ދޮރުއަށިން އެތެރެއަށް ވަދެވެން އޮންނަ ހުސްބިމުގައި އިން ގަހުގެ އޮފިތަކުން މަގުމަށްޗަށް ކޮންމެވެސް ވަރަކަށް ހިޔާއެޅިފައިވެއެވެ.

އިރުކޮޅަކު ވިސްނަން އިނުމަށްފަހު ސައިކަލް ޕާކުކޮށްލިއެވެ. ދެން ލަސްހިނގުމެއްގައި ގޮސް އެގޭދޮރު ހުޅުވާލިއެވެ. ދޮރުއައްޓާއި ގޭގެ އެތެރެއަށް ވަންނަން އިންދޮރާދެމެދު ހައެއްކަ ފޫޓުގެ ދުރުމިން ހުރި އެގޭގެ ތެރެއިން މީހެއްގެ އަޑެއް ބަޑެއް ނީވެއެވެ. ބަލާބެލުމަށް ފަޅުގެއަކާ ވައްތަރު ނޫނަސް، އެތެރޭގައިވަނީ ފަޅުކަމެވެ. ގެއަށް ވަންނަ ދޮރުގެ ކަނާތް ފަރާތުން އެތެރެއަށް ވަދެވޭ ގޮތަށް ހިމަގޯޅިގަނޑެއްލާފައިވެއެވެ. ގޯޅިގަނޑު ތެރެއިން ކުއްލިއަކަށް ކޮންމެވެސް އެއްޗެއް ހޫރާލިއަޑު އިވުނެވެ. މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ އެދުން އަލީންގެ ހިތުގައި އޮތްލެއް ބޮޑުކަމުން އެއަޑުއަންނަ ދިމާއަށް ހިނަގައިގަތެވެ. އެ ހިމަ ގޯޅި ގަނޑުން އެތެރެއަށް ދެތިން ފިޔަވަޅެއް އެޅުމާއެކު ކޮންމެވެސް މީހަކު ބޮލުގެ ފުށްކިބާގައި ޖެހި ބާރު އެތިފަހަރާއެކު އަލީންގެ މޫނުމައްޗަށް އަނދިރިވިއެވެ.

ހޭވެރިކަން ވީއިރު އަލީން ދެއަތް ފުރަގަހަށް ލާ އައްސާފައިވާއިރު، ދެފަޔާއި އަނގަމައްޗާއި ލޯވެސް އިނީ ވަރަށް ރަނގަޅަށް ބަނދެ ހައްޔަރުކޮށްފައެވެ.ޖެހެވުނު މަޅީގެ "ގޮށް" ބާރުކަމުން ހައްޔަރުވެފައި އިނީ ފަސޭހައިން ސަލާމަތްވެވޭ ކަހަލަ ގޮތަކަށްވެސް ނޫނެވެ. މީހަކު އެތާހުރިކަމެއްވެސް ނެތްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

"ކާކު....ކާކު މިތާއުޅޭނީ؟ އަހަރެން ދޫކޮށްލާ!"

" ޝުކުރިއް....ޔާ....މިތަނަށް.......ތި..ތި..ހާ ފަސޭހައިން އައިސް ދިނީތީ....ތިއީ....މިހާރު އަހަރެމެންނަށް ލާރި ޖަ..... ޖަހާދޭނެ މެޝިނެއް.." އަލީންގެ ކަންތަފްދަށުގައި ކޮންމެވެސް މީހަކު ވައި އަޑުން ބުނެލިއެވެ. އެއީ މިއަދު ހެނދުނު ފޯނުން ވާހަކަ ދެއްކި މީހާކަން އަލީންއަށް ޔަގީންވިއެވެ. އޭރު ގޮތް ހުސްވެ، އެހީތެރިކަމަށް އެދި އާދޭސްކުރާ މީހެއްގެ ރާގު އެއަޑުގައި ހުއްޓަސް މިހާރު އެއަޑުގައިވަނީ މަލާމާތާއި ފުރައްސާރައެވެ. ބުނަންއޮތްއެތި ބުނުމުގެ ބޭނުމެއް ނެތްކަން އެނގި އަލީން އިޚުތިޔާރުކުރީ ހިމޭންކަމެވެ.

"އަން...ހެނުން....ގެ... ފޯނު ނަން..ބަރު ދީބަލަ...." ދެންވެސް ހަމަ އެރާގެވެ. އަލީން އެއްޗެއް ނުބުނެ އިންނަން ފެށުމުން އެމީހާ އަލީނަށް ކުދިކުދި އަނިޔާތައް ދޭންފެށިއެވެ.

"އަހަންނަށް...ކަލޭ މަރާލައި ޖަލަށް ދާން ޖެހުމަކީވެސް މާބޮޑުކަމެއްނޫން...އަތުންފައިން ކަމެއްނުކޮށް ކައިގެން އެތާ އޮވެވޭނެ... މިހުރިހާކަމެއް ކުރަންޖެހުނީވެސް ހަމަ ކަލެޔާހެދި..ނަންބަރު!!! " މިފަހަރު ވައިއަޑުން ބުނި ނަމަވެސް އެއަޑުގައިވަނީ ހަރުކަށިކަމެވެ. އަލީންއަށް ނޫރާގެ ނަންބަރު ނުދީ ހުންނާކަށް ނުކެރުނެވެ. ނޫރާއަށްވުރެ އޭނާގެ އަމިއްލަ ފުރާނަ މުހިއްމު ވީތީއެވެ. ފޯނު ނަންބަރު ލިބުމުން އެމީހާ ކޮންމެވެސް ތަނަކަށް ދިޔައަޑު އިވުނެވެ. އެއާއެކު އަތްމޮހާލެވޭތޯ މަސައްކަތްކުރަނިކޮށް ކޮށްމެވެސް މީހަކު ފައިގެ ކަށިމަތީގައި ޖެހުމާއެކު އަލީންގެ ހެއަށް ގޮތް ނުވީ ކިރިޔާއެވެ. އެތާއުޅޭނީ އެކަކު ނޫންކަން އަލީނަށް ރޭކާލީ ދެނެވެ. ނޫރާއަށް މިމީހުން ގުޅަފައި ފައިސާއަށް އެދޭނެ އިރަކަށް ނުވަތަ، ނޫރާ އޭނާ ހޯދަން ގުޅާނެ އިރަކަށް އޭނާ އިންތިޒާރު ކުރިއެވެ.

"ހަލޯ؟؟"

"ރަނގަޅަށް އަޑުއަހާ! ކަލޭގެ ފިރިމީހާ އިނީ އަހަރެމެންގެ އަތްދަށުވެފަ. އެއްލައްކަ ރުފިޔާ ހަމަޖައްސާފަ އަހަރެން މިކިޔާ ދޭ ތަނެއްގަ ބަހައްޓާ.! ހަނދާން ކުރާތި ޕޮލިހަށް ނުގުޅާތި! ގުޅައިފިއްޔާ އޭނާގެ ކަންތައް އެހާ ހިސާބުން އެނިމުނީ. އަހަރެމެންގެ މީހުންތިބޭނެ ކަލޭ ކުރާ ކަންތައް ބަލަން..." ވައިއަޑުން ހަރުކަށިކަމާއެކު އެދޭ އިންޒާރެއްދިނުމަށްފަހު އެއްލައްކަ ރުފިޔާ މިރޭ ދަންވަރު 3 ޖަހާއިރު ބަހައްޓަންވީތަން ބުނެފައި އެމީހާ ފޯނު ބޭއްވީއެވެ. ނޫރާ ދުވެފައިގޮސް ހުޅުވާފައިވާ ދޮރުތައް ލައްޕާލިއެވެ. ހިޑްން ކެމެރާއެއް އިންތޯ އެކިތަންތަން ބެލުނެވެ. ކަރުނަތައް ނުހިފެހެއްޓިގެން އަޑުން އަޑުނަގައި ރޮއިގަނެވުނީ ދެނެވެ. އަލީންއަކީ މުސާރަބޮޑު ވަޒީފާއެއްގައި އުޅޭ މީހަކަށްވާތީ ފައިސާއަކީ އެމީހުންނަށް ތަދު އެއްޗެއްނޫނެވެ. ނޫރާ ބިރުގަތީ އަލީންއަށް ގޮތެއްވެދާނެތީއެވެ.

އެރޭދަންވަރު ތިނެއް ޖެހުމާއެކު އެތެރެ ނުފެންނަކޮތަޅަކަށް އެއްލައްކަ ރުފިޔާ ލުމަށްފަހު އެބުނާތަނަކަށްގޮސް ބެހެއްޓިއެވެ. ނޫރާ އެ ކޮތަޅު ބެހެއްޓުމަށްފަހު ދެގަޑިއިރު ވީއިރުވެސް އެތަނަށް މީހަކު ނައުމުން ދެހިޔާލެއްގައި ހުރެ ކޮތަޅަށް ފުރަގަސްދީ ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށްފަހު ދެން ފަސްދީ ބަލާލިއިރު އެކޮތަޅެއްނެތެވެ. އެމީހާ އެބުނީ ތެދެކެވެ. އޭނާގެ ކޮންމެ ފިޔަވަޅަކަށް އެމީހުން ފާރަލައެވެ.

ނޫރާ ގެއަށްގޮސް އެނަންބަރަށް ގުޅިއެވެ. ފޯނުއޮތީ ނިއްވާލާފައެވެ. މިގޮތަށް ދިހަ ވަރަކަށްފަހަރު ގުޅިއިރުވެސް އެނަންބަރަކަށް ނުގުޅުނެވެ. ނިދި ވަރުބަލިކަމުގައި އިން ނޫރާއަށް ހެނދުނު 8:30 ވުމާއެކު އޮފީހުންގުޅިއެވެ. އަލީން ފޯނުނުނަގާތީއެވެ. އަލީން ވީގޮތް ނާންގައި އޮފީހަށް ނާންނާތީއެވެ.

އެންމެ ދުވަހަކީވެސް އޮފީހަށް އަލީންގެ ބޭނުންބޮޑު ދުވަހެކެވެ. ވީގޮތް ބުނަން އަނގަހުޅުވާލުމަށްފަހުވެސް ނޫރާއަށް އަނގަލައްޕާ ލެވުނެވެ. ބަހަނާއަކަށްނުވިޔަސް ނުދެވުނީ ބަލިވެގެން ކަމުގައި ބުނެ އަވަސް އަވަހަށް ނޫރާ ފޯނު ކަނޑާލިއެވެ. އެ ނުދަންނަ ނަންބަރުން ފޯނުއައީ އެވަގުތުއެވެ.

"މިހާރު ލާރިވެސް ދީ ފީމެއްނު.ދެން އަލީން ދޫކޮށްލާ ޕްލީޒް...!" ނޫރާ އާދޭސް ކުރިއެވެ.

"މަޖީދީ މަގު...މާފަންނު...ގަސް..ރަތްކުލައިގެ ގޭޓު..ރުޅިގަދަ އަންހެން މީހާ..ހިމަ ގޯޅި.." ހަނދާން އާކުރަމުން ނޫރާއަށް ކިޔާލެވުނެވެ. ފޯނު ލައިގެންހުރި ޖިންސުގެ ޖީބަށްލުމަށްފަހު ވަގުތުން ގެއިން ނުކުމެ ނޫރާގެ ސުކޫޓީ ނަގައިގެން މާފަންނާ ވީކޮޅަށް ދުއްވާލިއެވެ. މަޖީދީމަގުން މާފަންނުގައި ދެތިންބުރު އެޅިއިރުވެސް އެބުނާތަނެއް ނޫރާގެ ލޮލުގައިއަޅައެއްނުގަތެވެ. ނާއުންމީދުގައި ގެއަށް އެނބުރި ދިއުމަށް ހިތަށް އެރުވި ވަގުތު ގެއެއްގެ މަތީބައިން އަންހެނަކު ހަލޭއްލަވާ އަޑަށް ސުކޫޓީ ހުއްޓާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. އެއަޑު އައި ގެއާޖެހިގެން އޮތް ހުސްތަންގަނޑާ ޖެހިގެން ރަތްކުލައިގެ ދޮރުއަށިލައި ދެބުރިއަށް ނަގާފައިވާ ގެ ނޫރާއަށް ފެނުނީ ދެނެވެ. އެގޭތެރެއިން ބޭރަށް އެލިފައިވާ ގަސް ފެނި އެބުނާ ތަނުގެ މަންޒަރު ހިތަށް ސިފަވިއެވެ. ސުކޫޓީ ބެހެއްޓުމަށްފަހު ދޮރުއަށިން އެތެރެއަށްވަނެވެ. މީހެއްގެ ހިލަމެއް ނެތެވެ. ގެއަށްވަންނަ ދޮރުގެ ކަނާތްފަރާތުން އެތެރެއަށްވަންނަން އޮތް ގޯޅި ފެނުނީ އެވަގުތުއެވެ. ފައިހިލަވަޅު އޮއްބަމުން ނޫރާ މަޑުމަޑުން އެތެރެއަށްވަނެވެ. ނޫރާ ހުރިދިމާލުން މީހަކު ނިކަން ބާރަށް ކަރުކެހިލިއަޑު އިވުނީ އެވަގުތުއެވެ.

އެވަގުތު އެއީ އަލީންގެ އަޑުކަން ނޫރާއަށް ޔަގީންވިއެވެ. އެއީ އަލީންގެ އާދައަކަށްވާތީއެވެ. ނޫރާ ހުރިދިމާލުން އެއްއަރިމައްޗަށް ވާގޮތަށް ހުރި ދޮރުގެ ތަޅުގައި ހިފާލިއެވެ. ދޮރުހުޅީ ހުޅުވާފައެވެ. ނޫރާ ދޮރު ހުޅުވާލިއެވެ. އެއީ ބޮޑު ގުދަނެއްފަދަ ތަނެކެވެ. ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ހުރި އެތަނުގައި ބާވެގެން ހަލާކުވެފައިވާ ގޮނޑިއާ މޭޒުފަދަ ތަކެތި އެއްވެސް ތަރުތީބެއްނެތި އުކާލާފައި ހުއްޓެވެ. ނަސީބު ދިމާކުރިގޮތުން އެވަގުތު އެތަނުގައި އެކަކުވެސް ނެތެވެ. ގުދަނުގެ ފާރެއްގައި ނޫރާގެ ފިޔަވަޅުގެ އަޑަށް ސަމާލުވެގެން އަލީންއިނެވެ. ނޫރާގޮސް އަލީނުގެ ލޮލާއި އަނގަމަތީ ގައި އައްސާފައިވާ ފޮތިގަނޑު ކަހާލިއެވެ.

"ރަނގަޅު ވަގުތަށް ތިއާދެވުނީ...އެމީހުން ސައިބޯންހެން ހީވަނީ އެދިޔައީ..."

ބޭރުން އަންނަމުންދިޔަ ފިޔަވަޅުގެ އަޑު އިވުނީ އެވަގުތުއެވެ.

"އެހެރަ ފާރުގެ ފުރަގަހަށްވަދޭ... ކަނާތްފަރާތު އިސްޓާކީނުތެރޭ އޮންނާނެ ފޯނެއް.ޕޮލިހަށް ގުޅާއަވަހަށް" ފަޔަށް އިޝާރާތް ކުރަމުން އަލީން ބުނެލިއެވެ. އުފެދެމުންދިޔަ ސުވާލުތަކާއެކުވެސް އަލީންގެ ލޮލާއި އަނގަމަތީ އައްސާފައިވާ ފޮތިގަނޑު އަޅުވާލަމުން އެ ގުދަންތެރޭ ވަކިހިސާބަކަށް ތަޅާލާފައިވާ ފާރާ ނިވާވެލިއެވެ. އެއީ ކުރިން ފާހާނާއެއްގެ ގޮތުގައި ބޭނުން ކުރިތަނެއްކަން އެނގޭވަރުވެއެވެ.

ޕޮލިހުން އައިސް އެތަނަށްވަނީއެވަގުތުއެވެ. އެތަނުގައި ތިބި ދެމީހުން ހައްޔަރުކުރިއެވެ. ނޫރާ ހުރިތަނުން ނުކުމެ އަލީންގެ ހަތަރެސް ފަޔާއި ލޮލާއި އަނގަމަތީ އައްސާފައިވާ ފޮތިގަނޑު މޮހާލިއެވެ. ކުޑަފުސްކަމަކާއެކު ފެންނަމުންދިޔަ މަންޒަރު ސާފުވުމުން އަލީން ހައިރާންވިއެވެ. ކުރިމަތީގައި ޕޮލިހުންގެ ހައްޔަރުގައި ތިބީ ހައްޖައާއި ހައްޖަގެ ބޭބެ ޒާހިދު އެވެ. ހައްޖައަކީ އަލީންގެ ވަގު ލޯބިވެރިއެއްގެ ގޮތުގައި ގެންގުޅެމުންއައި އަންހެންކުއްޖެކެވެ. ނަމަވެސް އޭނާއަކީ އަލީންގެ އޮފީސް މުވައްޒަފެއްކަމަށްވާ ޒާހިދުގެ ކޮއްކޮކަން އެނގުނު ހިސާބުން ނޫރާއަށް ހުރިހާ ކަމެއް ފަޅައަރާފާނެ ކަމުގެ ބިރަށް ހައްޖައާ ރުޅިވިއެވެ. ޒާހިދު އޮފީހުގެ ވަޒީފާއިން ކަނޑާލީވެސް އޭނާގެ އެއްވެސް ކުށެއްނެތި، ހަމައެކަނި އަލީން ކުރަމުންއަންނަ ކަންތައްތައް ފޮރުވުމުގެ ގޮތުންނެވެ. ޕޮލިހުން އެމީހުން ނެރެގެން ގެންދިއުމުގެ ކުރިން މި ހުރިހާ ވާހަކައެއް އެމީހުން ނޫރާއަށް ކިޔައިދިނެވެ.

އަލީންއަށް އެއްޗެއް ބުނުމުގެ ފުރުސަތުނުދީ ނޫރާއޭނާއަށް ފަސްދިނެވެ. ވަފާތެރިކަމުގެ އަގު އެގޮތަށް ދިނީތީއެވެ.  (ނިމުނީ)