ވާހަކަ

ބުނެދޭށޭރުހެމޭ

(20 ފެބްރުއަރީ 2018 އާ ގުޅޭ)

"މާމަ މަރުވީމާ ގެއަށް ނުދާންވެގެން ވަރުދައްކާތީވެ ގަދަކަމުން މިތަނުން ނެރެންޖެހުނީ" ރާދިން ބުނެލިއެވެ. އަދި އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރީން އަވަހަށް ސަހަރާއިން ނުކުތެވެ. އޭރު ނިމްރާގެ އަތުގައި ހިފައިގެން އަރްސަލް ހުރެ އޭނާ ގެނެސް ކާރުގެ ފަހަތު ސީޓަށް އަރުވަނީއެވެ.

ޖެހިލުންވެ ބިރުގެންފައި އިން ނިމްރާ އިތުރަށް ކަންބޮޑުވީ އޭނާއާއެކު އަރްސަލް ވެސް ކާރުގެ ފަހަތު ސީޓަށް އެރުމުންނެވެ. އެތެރެއަށް ދެމިގަންނަމުން އަރްސަލްގެ އަތް ނައްޓުވާލެވޭތޯ އަނެއްކާ ވެސް ނިމްރާ އުޅުނެވެ. އަރްސަލްގެ ނަޒަރު ނިމްރާއާ ސީދާވެލި ހިނދު ނިމްރާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އެ ދެ ލޮލުން ފާޅުވަމުންދިޔަ އިންތިހާ ދަރަޖައިގެ ނުރުހުމުގެ އަސަރުގެ ސިއްރަކީ ކޮބައިކަމެއް ނިމްރާއަށް ކުޑަކޮށް ވެސް ދެނެގަންނާކަށް ނޭނގުނެވެ. އަރްސަލް އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު ކުއްލިއަކަށް ކާރުގެ ކުރީގެ ދޮރުފަތް ހުޅުވާލާފައި ޑްރައިވަރު ސީޓުގައި އިށީނީ ރާދިންއެވެ. ކޮންބައެއްކަމާއި އެ މީހުންގެ ބޭނުމަކީ ކޮބައިކަން ނޭނގި އިން ނިމްރާގެ ނޭވާ ވެސް ހާސްވަމުން ދިޔަ ކަހަލައެވެ. ނިމްރާގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީ ހަޔާތައް އައި ފިރިހެނެއްގެ ސަބަބުންނެވެ. ދެވަނަ ފަހަރަށް އޭނާގެ ހަޔާތް ބަރުބާދުވަނީއޭ ނިމްރާގެ ހިތަށް އެރިއެވެ. ދެ ފިރިހެނުންގެ އަތް ދަށުން ސަލާމަތްވާނޭ ގޮތެއް ނިމްރާއަކަށް ނުވިސްނުނެވެ.

"ޕްލީޒް!... އަހަރެން ދޫކޮއްލާ... އަހަރެން އަތުގައި ހުރި ހުރިހާ ފައިސާއެއް ކަލޭމެންނަށް ދީފާނަން" ރޮވެމުން ކަހަލަ ގޮތަކަށް ނިމްރާއަށް ބުނެލެވުނެވެ. އޭނާ ބިރުގެންފައި އިންވަރު ރާދިންއަށް ނަގައިގަނެވުނެވެ. ކާރު ދުއްވާލުމުގެ ކުރީން ފަހަތައް އެނބުރިލާ އަރްސަލްއަށް ބަލާލިއެވެ. ގޮތްދޫނުކުރާ ފަދަ ގޮތެއް އޭނާ ދައްކާލި ނަމަވެސް ނިމްރާގެ އަތް ފޮޅުވާލިއެވެ.

"އޭނާ އުޅޭ ގެއަށް ހިނގާބަލަ" ރާދިންއާ ދިމާއަށް ވެސް އަރްސަލް ބުނެލީ ހިތްހަމަނުޖެހިފައި އިނދެއެވެ.

އަނގައިން ނުބުނެ ރާދިން ކާރު ދުއްވާލި ނަމަވެސް ދޭތެރެއަކުން މަތީގައި ހަރުކޮއްފައި ހުރި ބިއްލޫރިކޮޅުން އަރްސަލްއާއެކު އިން ނިމްރާއަށް އޭނާ ބަލާލައެވެ. ކުރުގެޅިގެން އިން ކަހަލަ ގޮތަކަށް އެއްފަރާތައް ވަދެ ނިމްރާ އިންއިރު އަރްސަލް ކިރިޔާ ހަރަކާތެއް ކޮއްލިޔަސް އޭނާ ސިހެއެވެ.

"ކޮބާ ކަލޭގެ ޢާއިލާ މީހުން؟" އަރްސަލްއަށް ހުރިހާ ހަޤީޤަތެއް އެނގޭއިރު ވެސް ސުވާލުކޮއްލިއެވެ. ނަމަވެސް ނިމްރާ ޖަވާބެއް ނުދިނެވެ. އޭނާ އަރްސަލްއާ ނަޒަރު ސީދާކޮއްލަން ވެސް ބޭނުންނުވެފައި އިން ކަހަލައެވެ. އަރްސަލް އަތް ހިއްލާލައިފިއްޔާ އޭނާ ވަކިން ބޮޑަށް ފަހަތަށް ޖެހިލައެވެ. އިތުރަށް ފަހަތަށް ޖެހޭނޭ ޖާގަ ނެތްކަމުގައި ވިޔަސްއެވެ.

"ކަލޭތީ މީހަކު މަރާފަ ހުރި މީހެއް" އަރްސަލް މިހެން ބުނުމާއެކު ނިމްރާ އިސްޖަހާލިއެވެ. މަޑުމަޑުން އަރްސަލްއާ ދުރަށް މޫނު އަނބުރާލިއެވެ. ގައިގެ އެއްވެސް ދިމާއަކުން ލައްވާނުލާހާ ބޮޑު ގަމީހުގެ ފަސްބައި ދެއަތުގެ ތެރެއަށް ބޮޑިކޮއްލާ ދެ އަތްތިލަ ނިމްރާއަށް މުއްކަވާލެވުނެވެ. ދެތުންފަތް ޖައްސާ ބާރުކޮއްލުމާއެކު ދެބުމަ ކައިރިކޮއްލިއެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް ނިމްރާގެ ކޯތާފަތުންލާފައި ދެމިގަތް ކަރުނަ ތިއްކަކައްފަހު ތިއްކެއް އުނގައްވެއްޓެމުންދިޔައެވެ. ހިތުގައި ޖެހިފައިވާ މީހަކު ފަދައިން ނިމްރާ އެތެރެއަށް ލީ ނޭވާއާއެކު ގިސްގެ އަޑު އަނގައިން ނުކުތެވެ. އިޚްތިޔާރަކާނުލާ ނިމްރާއަށް އަނގަމަތީ ދެއަތްއަޅާ ބާރަށް ހިފަހައްޓާލެވުނެވެ. އޭނާގެ ހިތުގެ ކެކުޅުން އަޑުއަހާނޭ މީހަކު މިއަދު ނެތްކަން ނިމްރާއަށް އެނގެއެވެ. ކާރުގައި ތިބި ދެ މީހުން ވެސް އޭނާ ރޯއަޑު އަހާކަށް ބޭނުމެއްނުވާނޭކަން ނިމްރާއަށް އެނގެއެވެ.

"ރޯން ވެސް ހާދަ މޮޅޭ ދޯ... އެކްޓުކޮއް އުޅުނިންތަ؟ މީހުން މަރާ މީހުންގެ އިހުސާސްތަކެއްވާކަމެއް އަހަރެން ނުދެނަހުރިން" ނިމްރާ ރޯތަން ބަލަން އުނދަގޫވެގެން އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ނިކަން އަވަހަށް ދެ ކޯތާފަތާއި ލޯ ފުހެލައިފިއެވެ. އަނގައިން އަޑެއް ލައްވާނުލިކަމުގައި ވިޔަސް ނިމްރާގެ ނޭވާއާ ގުޅިފައި ހުރި ގިސްލެވުމުގެ އަސަރު ކެނޑިގެނެއްނުދިޔައެވެ. ކާރު ދުއްވަން އިން ރާދިންއަށް ދަތްކުނޑިވިކާލެވުނެވެ. އަރްސަލްއާ ދިމާއަށް އެއްޗެއް ބުނަން އޭނާ ބޭނުންވިޔަސް ނިމްރާގެ ކުރިމަތީގައި ބުނަން ބޭނުންނުވާތީ ކެތްތެރިކަމާއެކު އިނީއެވެ.

"ނުކުމޭ... މިހެން ނުކުމޭ" ނިމްރާ އުޅޭ ގޭ ކައިރީ ހިސާބެއްގައި ކާރު ޕާކުކޮއްލުމާއެކު އަރްސަލް ކާރުން ފޭބުމަށްފަހު ނިމްރާއަށް އަމުރުކުރިއެވެ. ރާދިންއާއި އަރްސަލްއާއެކު ނިމްރާ އިމާރާތުގެ ތެރެއަށް ވަނެވެ. އޭނާ ދިރިއުޅޭ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ނުކުތެވެ. އުޅޭތަނަށް އާދެވުނީތީ ނިމްރާއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އެ ޒުވާނުންގެ ކިބައިން އޭނާ ސަލާމަތްވެދާނޭކަމުގެ ޔަގީންކަމެއް ލިބިގެންދިޔައެވެ.

"ޚަރަދުވީވަރު ބުނެލަދީ... ބިލު އޮތިއްޔާ ދައްކާލަދޭންވީނު. އެވަރަށް އަހަރެން ފައިސާ ހިފައިގެން އަންނާނަން" ޖެހިލުންވެފައި ހުރެ ވެސް އެޕާޓްމެންޓަށް ވަނުމުގެ ކުރީން ނިމްރާ ބުނެލިއެވެ.

"ކޮންބިލެއް. އަހަރެމެން ބުނާވަރަށް ދޭންޖެހޭނީ" އަރްސަލް ބުނެލިއެވެ. އޭނާ ނިމްރާއާ ދިމާއަށް ފިޔަވަޅެއް އަޅާލުމާއެކު އޭނާގެ ކޮނޑުގައި ރާދިން ހިފަހެއްޓިއެވެ.

"އަހަރެން... އަހަރެންގެ އަތުގައި އެހާ ބައިވަރު ފައިސާއެއްނެތް. ތީ ކޮންބައެއްތަ؟ އަހަރެން ބުނެގެންނޫނެއްނު މާމަގެ ކަންތައްތައް ހަމަޖައްސައިދިނީ. އެކަކު އެހީ ނުވިނަމަވެސް އަހަރެން އަމިއްލައަށް އެކަން ކުރީމުސް. އެހެންވީމަ ޚަރަދުވިވަރު ބުނޭ... އެވަރަށް ކަލޭމެންނަށް ފައިސާ ދީފާނަން... އަހަރެމެން ނޯންނާނެ މީހަކަށް ދަރާފައެއް" އެޕާޓްމެންޓުގެ ދޮރުގައިވާ ތަޅުގައި ހިފަހައްޓާލައިގެން ހުރެ ނިމްރާ ވާހަކަދެއްކިއެވެ. އެ މީހުންގެ ފަރާތުން ނިމްރާއަށް ގޮތެއް ދެން ނުހެދޭނޭކަން ސިކުނޑި ވިސްނައިދެމުންދިޔައިރު އަމިއްލަ ނަފްސަށް ކުޑަ ނަމަވެސް ހިތްވަރެއް ނިމްރާއަށް ލިބުނެވެ.

"މީހެއްގެ ފުރައިނައިގެ ބަދަލަކީ ކިހާ ވަރެއްކަން އެނގޭތަ؟ ފުރާނައަކަށް ކަލޭ އަގު ކިޔާނީ ކިހާ ވަރަކަށް؟" އަރްސަލް ބުނި އެއްޗެއް އެއްގޮތަކަށް ވެސް ނިމްރާއަކަށް ނުވިސްނުނެވެ.

"އެއްވެސް މީހެއްގެ ފުރާނައަކީ އެއަށް އަގެއް ކިޔޭނޭ އެއްޗެއްނޫން. ކޮންމެ ފުރާނައެއް ވެސް ވަގުތު ޖެހުމުން އޭގެ ވެރި ފަރާތުން ގެންދަވާނީ" ނިމްރާ ބުނެލިއެވެ.

"އެހެންތަ! ވަގުތު ޖެހުނުކަމެއް ކިހިނެއް ކަލެއަށް އެނގެނީ. ކަލޭ އޭނާ މަރާލީއެއްނު. އެހެންނޫންނަމަ އޭނާ މިއަދު އިންނާނި ލޯބިލޯބި ކުއްޖެއްގެ މަންމައެއްގެ ގޮތުގައޭ. އެ ޢާއިލާގެ ހުރިހާ އުފަލެއް ފޭރިގަތީ ކަލޭ" އަރްސަލް އައިސް ނިމްރާއާ ދާދި ގާތުގައި ހުއްޓުމާއެކު އަތްއުފާލިތަން ފެނި ނިމްރާއަށް މޫނު އަނބުރާލެވުނެވެ. އެހިނދު ނިމްރާގެ ކަންފަތް ދޮށުން ފާރުގައި އަރްސަލްގެ އަތުން ޖެހި އަޑު އިވުނެވެ. މަޑު އާހެއް ނިމްރާގެ އަނގައިން ނުކުތެވެ. އަރްސަލް އެ ދައްކަނީ ކޮންވާހަކައެއްކަން ނިމްރާއަށް ފަހުމްވީ ދެނެވެ. މަޑުމަޑުން އަރްސަލްއާ ދިމާއަށް ނިމްރާ މޫނު އަނބުރާލިއެވެ. ދެ މީހުންގެ ނަޒަރު ސީދާވެގެން ދިޔައިރު ދެ މީހުންގެ ލޯ ވެސް ވަނީ ރަތްވެފައެވެ. ދިފާއުގައި އެއްޗެއް ބުނާނޭ ހިތްވަރެއް ނިމްރާގެ ނެތެވެ. ބަސްހުއްޓިފައި އަރްސަލްއަށް ބަލަން އޭނާއަށް ހުރެވުނީއެވެ. އެ ހުރިހާ އިރު ރާދިން ވެސް ހުރީ ހިމޭނުންނެވެ.

"އޭނާގެ ފުރާނައިގެ ބަދަލު ކަލެއަށް ދެވޭނެތަ؟ ވަކިވެގެންދިޔަ ތުއްތު ދަރިފުޅުގެ ފުރާނައިގެ ބަދަލު ދެވިދާނޭތަ؟" އަރްސަލްގެ އަޑު ކުރެހުނެވެ. ފެންކަޅިވަމުންދިޔަ ދެ ލޮލުން އަރްސަލްއަށް ބަލަން ހުރެ ނިމްރާ ދެފަރާތައް ބޯހޫރުވާލިއެވެ.

އެޕާޓްމެންޓުގެ ބޭރުގައި އަޑު ގަދަ ވެގެން ދޮރުހުޅުވާލާ އަންހެނަކު ބޯދިއްކޮއްލިއެވެ. އަދި ދޮރުކައިރީ ތިބި އަރްސަލްއާއި ނިމްރާއަށް ބަލާލީ ހައިރާންކަމާއެކުއެވެ. އަރްސަލް އަވަސްއަވަހަށް ނިމްރާއާ ދުރަށް ޖެހިލިއެވެ.

"ނިމްރާ! މީ ކޮންބައެއް؟ ކިހިނެއްތަވެގެން މި އުޅެނީ؟ ކޮބާ މާމަ؟" ދޮރުމަތީ ހުރީ އެ އެޕާޓްމެންޓުގެ ވެރިފަރާތުގެ އަނބިމީހާއެވެ. އަރްސަލްއާއި ރާދިން އައިސް ކުރީން ވާހަކަދެއްކީ ވެސް ހަމަ އެ އަންހެން މީހާއާއެވެ.

"މާމަ ނިޔާވެއްޖެ" އިސްޖަހާލައިގެން ހުރެ ނިމްރާ މަޑުމަޑުން ބުނެލިއެވެ. ދޮރުގައި ހިފަހައްޓާލައިގެން ހުރި އަންހެންމީހާއަށް ސިހުމެއް ލިބުނެވެ.

"އެ ކުދީން ގޮވައިގެން އެތެރެއަށް ވަންނަންވީނު" އަރްސަލްއާއި ރާދިނަށް ބަލާލާފައި އެ އަންހެންމީހާ ނިމްރާއަށް ލަފާ ދިނެވެ. އެއީ ނިމްރާއާ ގުޅުން ހުރި ބައެއްކަމުގައި އޭނާއަށް ހީވީ ކަންނޭނގެއެވެ. ނިމްރާ އަނގައިން ނުބުނެ ހުންނަން ފެށުމުން އެ އަންހެންމީހާ އެނބުރި ގޭތެރެއަށް ވަދެ ދޮރުލައްޕާލިއެވެ.

"މަޑުކުރޭ..." ނިމްރާ މަޑުމަޑުން ބުނެލާފައި އެޕާޓްމެންޓުގެ ދޮރުހުޅުވާލަމުން ހަލުވިކޮށް ގޭތެރެއަށް ވަދެގެން ދިޔައެވެ. އެތަން ބަލަން އަރްސަލް މަޑެއް ނުކުރިއެވެ. އޭނާ ނިމްރާގެ ފަހަތުން ހިނގައިގަތްތަން ފެނި ރާދިން ވެސް ހުންނާކަށް ބޭނުމެއްނުވިއެވެ.
ގޭތެރޭގައި ކުޑަކުއްޖަކާއި ކުރީން ނުކުތް އަންހެންމީހާގެ އިތުރުން ބިދޭސީ އަންހެނަކު އުޅޭތަން ފެނުނެވެ. އެމީހުންނަށް ސަމާލުކަމެއްނުދީ ނިމްރާގެ ފަހަތުން އައިސް އޭނާ ވަން ކޮޓަރިއަށް އަރްސަލް ދެމިގަނެއްޖެއެވެ. އަރްސަލްގެ އެ ޢަމަލުން ނިމްރާ ސިހުނެއްކަމަކު މިފަހަރު އެއްޗެއް ނުބުންޏެވެ. އޭނާ ބޭނުންވީ ފައިސާ ދީފައި އެމީހުން އަވަހަށް ފޮނުވާލާށެވެ.

ރާދިން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ފަހުގެ ފަރުމާއަކަށް ހަދާފައި ހުރި ފަރުނީޗަރު އެ ކޮޓަރީގައި ހުއްޓެވެ. އެނދާއި އަލަމާރީގެ އިތުރުން ރީތިވާ މޭޒެއް ހުއްޓެވެ. ކަނެއްގައި ބަންދުކޮއްފައި ހުރި ކަރުދާސް ދެ ފޮށިގަނޑު ހުއްޓެވެ. ހެދުން އަޅުވާ ދިގު ދަނޑިއެއް އަލަމާރިކައިރި ހުރިއިރު އޭގައި ޓީޝާޓެއް އަޅުވާފައި އޮތެވެ. ނިމްރާ އަލަމާރި ކައިރިއަށް އައިސް ހުއްޓިލުމާއެކު އޭގެ ތެރެއިން ނެރުނީ ލެގެޖެކެވެ. ނިމްރާ އަޅުވާލައިގެން ހުރި ދަބަހުގެ ތެރެއިން ނެގި ތަޅުދަނޑިއަކުން ފޮށީގައި ހަރުކޮއްފައި ހުރި ތަޅު ހުޅުވާލިއެވެ. އަދި ފޮށީގެ ތެރެއިން ވޮލެޓެއް ނަގާ އޭގައި ހުރި ފައިސާއަށް ނިމްރާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. ނިމްރާ އެ ވޮލެޓުން ނަގަންވީ ވަރަކާ މެދު ވިސްނާ ކަހަލައެވެ. އަރްސަލްއާއި ރާދިންއަށް ވަކިވަކިން ބަލާލިއެވެ.

"ޕްލީޒް... ޚަރަދުވީ ވަރު ބުނެދީފާނަންތަ؟" އާދޭސްކުރާ ފަދަ ރާގެއްގައި ނިމްރާއަށް ބުނެލެވުނެވެ.

"އަރްސަލް... ލެޓްސް ގޯ" އަރްސަލްގެ ކޮނޑުގައި ޖަހާލަމުން ރާދިން މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އޭނާ ރާދިންގެ އަތް ފޮޅުވާލުމާއެކު ކުއްލިއަކަށް ނިމްރާގެ އަތުގައި ވޮލެޓު އަތުލިއެވެ. ނިމްރާ ވެސް އަރްސަލްއާ ދިމާއަށް ފުންމައިގަތެވެ. ވޮލެޓުގެ ތެރެއަށް އަތްކޮއްޕާލުމާއެކު އޭގައި ހުރި ހުރިހާ ފައިސާއެއް އަރްސަލް ނެގިއެވެ.

"މީ ކޯއްޗެއް؟ އެންމެ ތިންހާސް ރުފިޔާ؟" އަރްސަލްގެ އަތުގައި އޮތް ފައިސާގެ ގަނޑުތައް ގުނާލުމާއެކު ނިމްރާއާ ދިމާއަށް ދިއްކޮއްލިއެވެ.

"އަހަރެންގެ އަތުގައި ނެތްވަރެއް ދޭނީ ކިހިނެއް؟" އަރްސަލް ބަލަން ހުރެ ނިމްރާ ބުނެލިއެވެ. އެ ދެ ލޮލުގައިވާ އަސަރުން ރާދިންގެ ހިމޭންކަން ފޫދުއްވާލިއެވެ. ޔަގީންނުން ވެސް އިންސާނަކު ކެތްތެރިވާނޭ އެންމެ މަތީ ދަރަޖައަށް ނިމްރާ ކެތްތެރިވާތީ ރާދިންއަށް ފެނެއެވެ.

"އަރްސަލް... ސްޓޮޕް އިޓް" އަރްސަލްގެ އަތުގައި ހުރި ފައިސާތައް ރާދިން ޖަހައިގަތެވެ. އަދި ނިމްރާއަށް އެ ފައިސާތައް ދިއްކޮށްލިއެވެ. އޭގައި ހިފަންވީކަމެއް ނޭނގިފައި ނިމްރާ ހުރީއެވެ.

"އިޓްސް އޯކޭ... ޓޭކް އިޓް. އަހަރެމެން ދެން ދަނީ" އަތްތަޅުވާލަމުން ދިއްކޮއްގެން ހުރި ފައިސާގާ ހިފުމަށް ރާދިން ބުންޏެވެ. ނިމްރާ އެ ފައިސާގައި ހިފުމާއެކު އަރްސަލް ކުދި ކިޔާލިއެވެ. އެހެންވިޔަސް އޭނާގެ ކޮނޑުގައި ހިފާ އެ ކޮޓަރިން ނުކުންނަން ރާދިން ބާރުއެޅިއެވެ.

"ލޯބިވާ މީހުން ވަކިވީމާ ކުރާ އަސަރު ކަލެއަކަށް ނޭނގޭނެ. ފުރާނައިގެ ބަދަލު ކަލޭގެ އަތުން އަތުލާނަން..." އަރްސަލް ހީވަނީ ހޭބުއްދިފިލާފައި ހުރި މީހަކު ހެންނެވެ. ނުކުންނަން އުޅެފައި ވެސް ނިމްރާއާ ދިމާކުރަން އެނބުރިލިއެވެ. އެހެންނަމަވެސް ހުށިޔާރުވެ ހުރި ރާދިން އޭނާ ހިފެހެއްޓީއެވެ. ކޮޓަރިން އަރްސަލް ނެރެވުމާއެކު ރާދިން އަވަހަށް ދޮރުލައްޕާލިއެވެ.

ކޮޓަރީގައި އެކަނިވީކަން ނިމްރާއަށް އިހުސާސް ކުރެވުނީ އަރްސަލްއާއި ރާދިން އެ ކޮޓަރިން ނުކުމެގެން ދިޔަތާ އިރުކޮޅެއް ފަހުންނެވެ. ނަފްސަށް ލިބިފައިވާ ސިހުމުގައި މުޅި ހަށިގަނޑަށް ވެސް ތުރުތުރެއް ވެރިވެފައިވާ ކަހަލައެވެ. އަތުގައި އޮތް ފައިސާގެ ގަނޑުތައް ފެންކަޅިވެފައި ދެ ލޮލުން ނިމްރާ ބަލާލިއެވެ. އެއާއެކު އޭނާގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. ރޮމުން ގިސްލަމުން އައިސް ހުޅުވާފައި ހުރި ފޮށީގެ މަތިގަނޑު ހިއްލާލިއެވެ. އަދި އެއްފަރާތައް އަތްކޮއްޕާލުމާއެކު ނިމްރާ ނެގީ ފަށެކެވެ. އެއަށް ބަލަން އިނދެ އޭނާ ރޮނީއެވެ. މުށުގެ ތެރޭ އެ ބޮނޑިކޮއްލާ ގެނެސް މޭގައި ޖައްސާލިއެވެ.

"އެމީހުންގެ މަރަށް ފަހު މާމަ ވެސް ދިޔައީ..." ރޮމުން ރޮމުން ނިމްރާއަށް ބުނެލެވުނެވެ.

* * * *

"އަރްސަލް ކަންތައް ތިކުރީ އެއްގޮތަކަށް ވެސް ރަނގަޅަކަށްނޫން. އޭނާގެ ހުރިހާ ވެސް މީހަކީ އެ މާމަ. ވަޅުލާފައި ސަހަރާއިން ނުނިކުމެވޭ... އަރްސަލްއަކީ އެހާ ރަހުމުކުޑަ މީހެއްނޫން" ކާރުގައި އިން ރާދިން ބުނެލިއެވެ.

"ޝީ ޑިޒާވް އިޓް... އޭނާއަށް ޓަކައި އަހަރެންގެ ހިތުގަ ކުނޑިފުކެއްގެ މިންވަރަށް ވެސް ރަހުމެއްނެތް. ދުވަހަކުވެސް މާފެއް ނުކުރާނަން" ކުރީ ސީޓުގައި ރާދިންއާ ޖެހިގެން އިން އަރްސަލްގެ އަޑުގައި ހުރީ ނުރުހުމުގެ އަސަރެވެ.

"ތިހެން ނުބުނޭ އަރްސަލް... މިއަދު ގޯސް ހެދުނީ އަހަރެމެންނަށް. ހެޔޮކަމެއްކޮއްދިނުމާއެކު އެ ހެޔޮކަން އަހަރެމެންގެ އަތުން ގެއްލިގެން ހިނގައްޖެ... ﷲގެ މިންވަރުފުޅުގެ މައްޗަށް އަހަރެމެން ބަސްބުނަންވެއްޖެނަމަ" ރާދިންގެ ވާހަކަ ކުރިއަށް ގެންދިޔަކަ އަރްސަލް ނުދިނެވެ.

ގެއަށް ވަދެގެން އައި ގޮތަށް އަރްސަލް ވަނީ އޭނާގެ ކޮޓަރިއަށެވެ. އައި ގޮތަށް ބަންޑުން އެނދުމައްޗަށް ވެއްޓިގަތީވެ. ބާލީހުގައި މޫނު ޖައްސާ ބާރުކޮއްލުމާއެކު އޭނާ ހަޅޭލަވަން ފެށިއެވެ. ނިމްރާއަށް ކުރެވުނުވަރު އަރްސަލްގެ ނަޒަރުގައި އަދިވެސް ކުޑައެވެ. އޭނާ ބޭނުންވަނީ ނިމްރާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާށެވެ. އޭނާ ނޭވާލާން ވެސް ދަތިކުރާށެވެ. ހިންދެމިލާނޭ ފުރުޞަތެއް ވެސް އޭނާއަށް ނުދޭށެވެ. ސިކުނޑީގައިވި އުދާސްތައް ހަޅޭކުގެ ސިފައިގައި ބާލީހަށް ބޭރުކޮއްލުމަށްފަހު އޭނާ އުއްޑުން ޖެހިލިއެވެ. ފުންނޭވާތަކެއް ލަމުން ނިތުގައި ކަނާއަތް ބާއްވާލައިގެން އޮތެވެ.

* * * *

ދަންވަރުގެ ހަމަހިމޭން ވަގުތުގައި ވެސް ހަތަރު ފާރުގެ ތެރެއިން އިވެމުން ދިޔައީ ނިމްރާގެ ރުއިމުގެ އަޑެވެ. އޭނާ ގިސްލެވި ގޮސް މީހާ ހިނދެނީއެވެ. އޭރު ވެސް އޭނާއަށް ހުއްޓައެއްނުލެވުނެވެ. ދިރިހުރުމުގެ އުންމީދު ގެއްލިއްޖެއެވެ. ބޯހިޔާވަހިކަން ގެއްލި އަތުގައި ފައިސާ ހުސްވެއްޖެއެވެ. ވަޒީފާއެއް ހަމައެއްނުޖެހުނެވެ. ފެބްރުއަރީ މަސް ނިމެން ހަފްތާއަކަށްވީއިރު މާރިޗުމަހުގެ ކުލި ދައްކާފަ ހައިހޫނުކަމުގައި ހުރުން ނޫންގޮތެއް ނިމްރާއަކަށް ނެތެވެ. އެހީވާނެ މީހަކު ނެތެވެ. އުޅެބޮޑުވީ މީހުންގެ ގާތުގައި ކަންތަކު ކިޔައިގެން އެހެންމީހުންގެ އަތުން އެއްޗެހި ހޯދައިގެންނެއްނޫނެވެ. އެހެންވެ މީހުންގެ ގާތަށް އެހީއަށް އެދި ދާނޭ ހިތްވަރެއް ނިމްރާގެ ނެތެވެ. އެކަކުވެސް ނެތްއިރު ދިރިހުރުމަށްވުރެން މަރުވެދިއުން ރަނގަޅުކަމުގައި އޭނާއަށް ވިސްނެނީއެވެ. މަޑުމަޑުން ޓައިލްސްތަކުގެ މަތިން ނިމްރާ ތެދުވެގެން އައިސް ހުޅުވާފައި އޮތް ފޮށީގެ ތެރެއަށް އަތުގައި އޮތް ފަށް ލައި ފޮރުވާލިއެވެ. އަދި ފޮށީގެ މަތިގަނޑު ޖަހާ ބަންދުކޮއްލާފައި އޭގައި ބޯއަޅާލައިގެން ނިމްރާ އޮށޯވެލިއެވެ.

* * * *

ޖެހިގެން އައި ދުވަހު އޮފީހުގައި އަރްސަލް އިނދެފައި ބޭންކުގައި އުޅޭ އޭނާގެ ރަޙުމަތްތެރިއާ ބާސިތުއާ ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. އެއިން އެއްވެސް ކަމެއް ރާދިންއަށް އަންގާކަށް އަރްސަލް އަދި ބޭނުމެއްނުވިއެވެ. އޭނާގެ ސިކުނޑީގައި އޮތް ރޭވުން ކާމިޔާބު ކުރުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމޭތޯ އަރްސަލް މަސައްކަތް ކުރިއެވެ. މެންދުރުފަސްވިއިރު އަރްސަލް ބޭނުންވެގެން އުޅޭ ކަންތައް ބާސިތު ހަމަޖައްސައިދިނެވެ. އަވަހަށް އެ ޚަބަރު ހިފައިގެން އަރްސަލް އައީ ރާދިންގެ ގާތަށެވެ. ކާންތައްޔާރުވެލައިގެން ރެސްޓޯރެންޓެއްގެ މޭޒުގެ ދޮށުގައި ރާދިން އިނެވެ. އަރްސަލް އައިސް މޭޒުދޮށުގައި އިށީނުމާއެކު ރާދިން ވާހަކަދެއްކިއެވެ.

"މިއަދު ޑީލްއެއް ނިންމާލީތަ؟" ރާދިން އެހިއެވެ.

"ކިހިނެއްވީ؟" އަރްސަލް ބުނަން އައި ވާހަކައިގެ ކުރީން ރާދިންއަށް ކަމެއް ޝައްކުކުރެވުނީތޯ ބަލަން އޭނާ ބޭނުންވިއެވެ.

"ޢާންމުކޮށް ޑީލްއެއް ނިންމާލާ ދުވަހެއްވިއްޔާ އަރްސަލް ފޯނުގަ ވަރަށް ބިޒީވާނެ. މިއަދު އެއްކޮށް ފޯނު އަތުން ދޫނުވޭ... އެހެންވެ" ރާދިންއަށް ހީވި ގޮތް ބުންޏެވެ.

"އާން! މިވެސް ޑީލްއެއް... އެނގޭތަ! ގ.ރަންދޯދި ގަންނަން ވެގެން މިއުޅެނީ. އެއީ ބޮޑު ބިމެއް އިނގޭ. ލަގްޒަރީ ހޮޓަލެއް އަޅާލެވޭނެ" އަރްސަލް ނިކަން ހަމަޖެހިފައި އިނދެ ބުންޏެވެ.

"އެއީ ކާކުގެ ބިމެއް. މާލެއިން... ކާކު މި ޒަމާނުގަ ބިމެއް ވިއްކާލަން އުޅެނީ" ރާދިންއަށް ޤަބޫލެއްނުކުރެވުނެވެ.

"ބޭންކަށް ބޭނުންވަނީ ފައިސާ... އަހަރެން ބޭނުމީ ކޮންމެ ގޮތަކުން ވެސް އެ ބިން" އަރްސަލް ބުނި އެއްޗެއް ރާދިންއަށް ވިސްނުނީ ދެނެވެ.

"އަރްސަލް! އެއީ ހާދަ ބޮޑު ޚަރަދެކޭ... އަހަރެމެންނަކީ އަދި ޔަންގު ކޮމްޕެނީއެއް. އަހަންނަށް އެނގޭ ކޮންމެހެން ވެސް އެ ބިން އަރްސަލް އަމިއްލަ ކުރަން ބޭނުންވެގެން ތި އުޅެނީ ކީއްވެކަން. އެކަމަކު..." ރާދިން ކަންބޮޑުވިއެވެ. އޭނާގެ ވާހަކަ ހުއްޓާލީ ދެން ބުނެވޭ އެއްޗަކުން އަރްސަލް ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ. (ނުނިމޭ)