ސިޔާސީ ޕާޓީތަކުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުގައި އދ. ގެ މަންދޫބަކު ބައިވެރިވުމަށް ސަރުކާރު ދެކޮޅު ހަދާފައި ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީ މިހެން ވިދާޅުވީ މަޝްވަރާތަކުގައި އދ. މެދވެރިއަކަށް ވުމަށް އެ ޖަމިއްޔާއިން ހުށަހެޅި ހުށަހެޅުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށާއި އދ. ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނުގެ ނައިބު ފަރުހާން ހައްގުއާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާތީ އެވެ. ނޫސްތަކުގައި ބުނެފައި ވަނީ މި ދަނޑިވަޅުގައި ބާއްވާ މަޝްވަރާތަކުގައި ބޭރުގެ މަންދޫބެއް ބޭނުން ނުވާ ކަަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން ސަރުކާރު ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް އުޅުއްވާ މިނިސްޓަރު ޝައިނީ ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ފަތުރާ ދޮގު ހަބަރުތަކެއް ކަމަށެވެ. އޭގެ ބަދަލުގައި މަޝްވަރާތަކުގައި ބޭރުގެ މަންދޫބެއް ބައިވެރިވުމަށް ވެސް ހުޅުވާލީ ވެސް ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް މިންވަރަކަށް ދެކޮޅު ހަދާފައި ނުވާނެ ކަމަށެވެ.
"އެ ދައްކާ ވާހަކައަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭ ވާހަކައެއް ނޫން، ސަރުކާރުން އެއްވެސް ގޮތަކަށް ރިޖެކްޓްކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެ އެކަމަކުގައެއް. ބޭރުގެ ފަރާތްތަކާއެކު ވެސް ސަރުކާރާ ވަރަށް ބޮޑަށް ގުޅިގެން މިކަމުގައި މަސައްކަތް ކުރެވޭތޯ މިބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ރާއްޖޭގެ މައްސަލާގައި އދ. އިން އެދިފައި ވަނީ ޕާޓީތަކާއެކު ވާހަކަދެއްކޭނެ މާހައުލެއް ގާއިމް ކުރުމަށް ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން ޝަރުތުތަކާއެކު މަޝްވަރާ ފަށަން ބޭނުން ވަނީނަމަ އެކަން ނުކުރެވޭނެ ކަމަށާއި އެކަން ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ގަބޫލު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޝަރުތަކާ ނުލާ ވާހަކަ ނުދެއްކޭނެ ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް އެ ދަނީ ބުނަމުން، އެކަން އިދިކޮޅު ފަރާތްތަުން ވެސް އެބަ ގަބޫލު ކުރަން ޖެހޭ، ކޮންޑިޝަންތަކެއް ލައިގެން އެއްވެސް ބަޔަކު އެއްވެސް މަޝްވަރާއަކަށް ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ސަރުކާރުން އަލުން މަޝްވަރާތަކަށް ހުޅުވާލުމުން އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ބޮޑެތި ޝަަރުތުތަކެއް ކުރިމަތި ކުރުވައިފަ އެވެ. އެގޮތުން މަޝްވަރާތަކުގައި ބައިވެރިވާނީ ސަރުކާރުން 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތާއެކު ހައްޔަރު ކުރި ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެހެން ބޭފުޅުން ވެސް ދޫކޮށްލުމުން ކަމަށް އެ ޕާޓީތަކުން ބުނެ އެވެ. އޭގެ އިތުރުން އދ. ގެ މެންބަދޫބެއް ބައިވެރިކޮށްގެން މެނުވީ މަޝްވަރާތަކަށް އިދިކޮޅު ޕާޓީތަކުން ނުދާނެ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.
ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމް އިން ބުނީ އިދިކޮޅު ލީޑަރުން ދޫކޮށްލައިގެން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއެއްގައި އެ ޕާޓީން ބައިވެރިނުވާނެ ކަމަށެވެ.