ގާނޫނީ ކަންބޮޑުވުންތަކެއް ހިއްސާ ކުރެއްވުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ބައްދަލުކުރެއްވުމަށް ގާނޫނީ ވަކީލް ޝާހީން ހަމީދު މިއަދު އެދިވަޑައިގެންފި އެވެ.
ބަންޑާރަ ނައިބަށް މިއަދު ޝާހީން ހަމީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މިހާރު ހިނގަމުންދާ ބައެއް ކަންކަމުގެ ސަބަބުން ގާނޫނު އަސާސީއާ ގާނޫނުގެ ވެރިކަމަށް ނުރައްކާވެފައިވާ ކަމަށާއި އެހެންވެ ގާނޫނީ ވަކީލުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
ގާނޫނީ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަކީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)އިން ބަންޑާރަ ނައިބަށް މަތިކޮށްފައިވާ މަސްއޫލިއްޔަތަކަށްވާއިރު ދައުލަތުގެ ދުސްތޫރީ ނިޒާމް މިދަނޑިވަޅުގައި އޮޅުންބޮޅުންވެފައިވާ ކަމަށް ޝާހީން ވިދާޅުވެފައިވެ އެވެ. އެހެންވެ އެކަންކަމާ ގުޅޭ ގޮތުން ވަކީލުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް ބަންޑާރަ ނައިބާއި އެ އޮފީހުގެ އިސް ވަކީލުންނާއެކު ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޝާހީން ވަނީ އެދިވަޑައިގެންފަ އެވެ.
މީގެކުރިން ރާއްޖޭގައި މިހާރު އޮތް ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ޝާހީން ވިދާޅުވެފައިވަނީ، ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޝަރުއީ ނިޒާމް މިނިވަން އަދި އިންސާފުވެރި ނުވާނެ ކަމަށެވެ. ޝާހީން މިއަދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު "ރަހީނުކޮށް" ކޯޓުތައް ސިފައިންގެ ކޮންޓްރޯލް ދަށުގައި އޮތް ހާލަތެއްގައި ފަނޑިޔާރު ގެތައް މިނިވަންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިނިވަން ޝަރުއީ ނިޒާމަކަށް އަހަރެން ގޮވާލަން، އަދި އެހެން ވަކީލުން ވެސް ރާއްޖޭގައި މިނިވަން ޝަރުއީ ނިޒާމެއް ގާއިމުކޮށް، ޑިއު ޕްރޮސެސް އާއި ރޫލް އޮފް ލޯއަށް ސަރުކާރުން ތަބާވުމަށް ގޮވާލުމުގައި ބައިވެރިވުމަށް އެދެން،" ޝާހީން ވިދާޅުވެފައިވެ އެވެ.
ޝާހީން މިހެން ވިދާޅުވެފައިވާއިރު، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުން ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ބައެއް ނިންމުންތައް ބާތިލުކޮށްފަ އެވެ. އަދި އަނެއް ބައި ނިންމުންތަކާ ގުޅޭ މައްސަލަތައް ދަނީ ބަލަމުންނެވެ.
ތިން ފަނޑިޔާރުން މިހާރު ނިންމާ ނިންމުންތައް ނިންމަވާފައި ހުންނަނީ ދައުލަތުން އެކަމުގައި އެދޭ ގޮތަށެވެ. އެގޮތުން ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލުމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުން ދައުލަތުން އެދުނު ގޮތަށް ވަނީ ބާތިލުކޮށްދީފަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރުތައް ވެސް ވަނީ ދީފަ އެވެ. އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި އަމުރަށް އަމަލުކުރަން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުން އެ އަމުރު ވެސް ވަނީ ނެރެދީފަ އެވެ.