ހޮލީވުޑް

"ރިވަޑޭލް" އަންނަ މަހަށް ފަސްކޮށްފި

ސީޑަބްލިއު އިން ގެނެސްދޭ މަޝްހޫރު އާޗީ ކޮމިކްސް ޓީވީ ސީރީޒް "ރިވަޑޭލް" ގެ މިހާރު ދައްކަމުންދާ ސީޒަންގެ ބާކީ ހުރި އެޕިސޯޑުތައް އަންނަ މާޗު މަހަށް ފަސްކޮށްފި އެވެ.

މިހާރު ދައްކަމުން ދަނީ އެ ސީރީޒްގެ ދެ ވަނަ ސީޒަނެވެ. ސީޒަންގެ ބާކީ ހުރި އެޕިސޯޑުތައް ދައްކަން ކުރިން ނިންމާފަ އޮތީ މިދިޔަ ހަފުތާއިން ފެށިގެނެވެ. ނަމަވެސް މިހާރު ވަނީ އެ ސީޒަންގެ ބާކީ ހުރި އެޕިސޯޑުތައް މާޗު މަހު ހަތަކުން ފެށިގެން ދައްކާ ގޮތަށެވެ.

ރިވަޑޭލް ގެނެސްދޭ ސީޑަބްލިއު އިން ވަނީ ސީޒަންގެ ބާކީ ހުރި އެޕިސޯޑުތައް ފަސް ކުރަން ޖެހުނު ސަބަބު ބަޔާންކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ރިވަޑޭލްގެ އެޕިސޯޑުތައް ފަސް ކުރަން ޖެހުނީ މިހާރު ކުރިއަށްދާ ވިންޓާ އޮލިމްޕިކްސް އާއި ގުޅިގެން ސީރީޒް ބާލާނެ މީހުންގެ އަދަދު މަދުވާނެތީ ކަމަށެވެ.

ވިންޓާ އޮލިމްޕިކްސް މި މަހު 25 އާ ހަމައަށް ކުރިއަށްދާނެ އެވެ.

ރިވަޑޭލް އާންމުކޮށް ދައްކަނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު އެވެ. ވިންޓާ އޮލިމްޕިކްސް ނިމޭ ހަފުތާގެ ބުދަ ދުވަހު ރިވަޑޭލް ނުދައްކަނީ ކީއްވެތޯ ބައެއް ބެލުންތެރިން ވަނީ ސުވާލު އުފައްދާފައިވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ހަފުތާގައި ރިވަޑޭލް ނުދައްކަން ނިންމީ ސީރީޒްގެ ކުރިއަށް ހުރި އެޕިސޯޑުތައް އިތުރަށް ފުރިހަމަ ކުރުމަށް ޕްރޮޑަކްޝަންގެ މަސައްކަތްތަކެއް ކުރުމަށެވެ.

އެންމެފަހުން ގެނެސްދިން ރިވަޑޭލްގެ އެޕިސޯޑްގައި ފެނިގެން ދަނީ ބެޓީ އާއި އޭނާގެ މަންމަ އެލިސް އަދި ބޭބެ ޗިކް އަށް ހަމަލާދޭން އުޅުނު މީހެއް ކައިރިން ސަލާމަތްވާން އުޅުމުގެ ތެރޭގައި އެމީހުން އަތުން އެ މީހާ މަރުވުމުން، އެކަމުން ސަލާމަތް ވުމަށް ކުރާ މަސައްކަތެވެ. މަރާލި މީހާގެ ހަށިގަނޑު ފޮރުވުމަށް ޖަގްހެޑްގެ ބައްޕަ އެފްޕީގެ އެހީތެރިކަން އެމީހުން ހޯދަ އެވެ.

އާޗީ އަދި ވެރޯނިކާގެ ގުޅުން އިތުރަށް ދަނީ ވަރުގަދަ ވަމުންނެވެ. މިދިޔަ އެޕިސޯޑުތަކުގައި އާޗީއަށް ބިރު ދެއްކި އެފްބީއައި އޭޖެންޓެއް ކަމަށް ބުނި މީހާކީ އެފްބީއައިގެ އޭޖެންޓެއް ނޫންކަން މިހާރު ވަނީ އެނގިފަ އެވެ. އެމީހަކީ ވެރޯނިކާގެ މަންމަ، އާޗީ ޓެސްޓް ކުރުމަށް ފޮނުވި މީހެކެވެ. އާޗީ އެ ޓެސްޓުން ފާސްވި ކަމަށް ބުނެ ވެރޯނިކާގެ މަންމަ ވަނީ އޭނާއަށް އެ އާއިލާއަށް މަރުހަބާ ކިޔާފަ އެވެ.

ބެޓީގެ ބޭބެ ކަމަށް ބުނާ ޗިކްގެ ހަގީގަތެއް އަދި އެނގިފައެއް ނުވެ އެވެ. ޗިކްގެ ފޮރުވިފައިވާ ވާހަކަތެއް ވާކަމަށް ބެލެވޭއިރު، ޝެރިލް އަދި އޭނާގެ މަންމަ އާއި ދެމެދުގައި ވެސް ވަނީ ބޮޑު ކޯޅުން ގަނޑެއް އުފެދިފަ އެވެ. ރިވަޑޭލްގެ މިއުޒިކަލް އެޕިސޯޑެއް ވެސް ކުރިއަށް އޮތުމާއެކު ބެލުންތެރިން ތިބީ ދެންވާނެ ގޮތެއް ބަލަން ކެތްމަދުވެފަ އެވެ.