ހަބަރު

ޕީޖީގެ ލަފާއަށް އަމަލުނުކޮށް ފުލުހުން ވަނީ ގާނޫނާ ހިލާފުވެފަ: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ދެއްވި ލަފާއަށް ފުލުހުން އަމަލުކޮށްފައިނުވުމަކީ ގާނޫނާ ހިލާފުވުން ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތު ހިންގަމުންގެންދާ ކުއްލި ނުރައްލަކުގެ ހާލަތު ގާނޫނާ ހިލާފް ކަމަށް ޕްރޮސެކިއުޓާ ޖެނެރެލް، ފުލުހުންނަށް ލިޔުމުން އަންގަވާފައިވާއިރު ވެސް ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަނީ ގަދަބާރުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމަށް ކަމަށެވެ.

"... އޭގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރުމަށް ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް އެންމެ ހަރު އަޑުން ގޮވާލަން، އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތައް މިހާރުން މިހާރަށް މިނިވަން ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލަން، ގާނޫނު އަސާސީން ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ލިބިދޭ ބާރުގެ ބޭރުން އެއްވެސް ކަމެއް ނުކުރުމަށް ތަކުރާރުކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސް ކުރަން،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ޕާޓީތަކުން މިހެން ބުނިިއިރު މިއަދު ސަރުކާރު ހިންގާ ޕީޕީއެމްއިން ބުނީ، މަޖިލީހުގެ ނިންމުމެއް ސައްހަ ނޫން ކަމަށް ޕީޖީއަށް ނޭންގޭނެ ކަމަށެވެ. ޕީޖީގެ އެ އެންގެވުން ގާނޫނާ ހިލާފު ކަމަށް ސިފަކުރައްވައި ޕީޖީ ވެސް ގާނޫނާ ހިލާފު އެންގުމެއް އެންގެވުމަކީ އެއަށް ފުލުހުންނާއި ސިފައިން އަމަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަނާތީ މިހާރު ކުއްލި ހާލަތު ނެތް ކަމަށް ވިދާޅުވެ ފުލުހުންނަށް ބިޝާމް ސިޓީއެއް އެ ރޭ ފޮނުއްވި އެވެ. އެ ރޭ ޕީޖީ ބިޝާމް، އެސިސްޓެންޓް ޕީޖީން އަދި ޑެޕިއުޓީ ޕީޖީންއާއެކު އޮފީހުގައި ވަރަށް ލަސްވަންދެން އުޅުއްވި ކަމަށްވެ އެވެ. -- އެކަން ޕީޖީ އޮފީހާއި ފުލުހުންގެ އިދާރާއިން ވެސް ދޮގެއް ނުކުރެ އެވެ.

އެ ސިޓީގައި ލަފާ އަރުވާފައިވަނީ، މިހާރު ކުއްލި ހާލަތު އޮތް ކަމަށް ގަބޫލު ނުކުރައްވާތީ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ބަންދު ޖެހުމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޕީޖީގެ އެ ލަފާއަކީ އެކަމަނާއަށް އެރުވޭނެ ލަފާއެއް ނޫން ކަމަށް ވިދާޅުވެ، ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ އޮފިސަރުންނަށް އެއަށް އަމަލު ނުކުރުމަށް އަންގާފަ އެވެ.

ޕީޖީ ބިޝާމް އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ޔަގީން ކޮށްދޭ މަސްދަރުތަކުން ބުނަނީ އޭގެ ފަހުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެން ޕީޖީއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު މުވައްޒަފުންނާއެކު ބާއްވަން އޮތް މީޓިން ކެންސަލްވި ކަމަށެވެ.

ޕީޖީއާ ގުޅުން ހުރި އެ ވާހަކަތައް ފެތުރިފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލު ކުރުމަށް ވަގުތީ އަމުރެއް އިއްޔެ ނެރެފަ އެވެ. ރައްޔިތުންގެ މަޖިލީހުން ގަރާރު ފާސްކުރީ 38 މެންބަރުންގެ ވޯޓާއެކު އެވެ. ވޯޓު ނެންގެވިއިރު މަޖިލީހުގައި ތިއްބެވީ ވެސް 38 މެންބަރުންނެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ރައްޔިތަކު އެއަށް އަމަލުކުރަން ޖެހޭ ކަމެއް ފާސްކުރަން ޖެހޭނީ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ތަޅުމުގައި ތިއްބަވައިގެން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި އެކަންކަމަކީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ވޯޓު ނަންގަވައި އެ ވޯޓު ސައްހަ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ގިނަ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި، މަޖިލީހުގެ ރައީސް 43 މެންބަރުން ތިއްބަވަން ޖެހޭނީ ގާނޫނުތައް ފާސްކުރުމުގައި އެކަނި ކަމަށް ވިދާޅުވި ނަމަވެސް ގާނޫނު އަސާސީގައި އޮތީ "ކޮންމެ ކަމެއް ވެސް"ކަން ވެސް ފާހަގަކޮށްފައިވާތީ ވޯޓު ސައްހަ ނުވާނެ ކަމަށެވެ.