ރިޕޯޓް

ޝީރީންގެ މަރު: ފޮރެންސިކް ހެކި ފެނަށް ދިޔައީ އެންމެ ކަމަކާ ހެދި!

މީގެ ފަސް އަހަރު ކުރިއެވެ. ޑިސެމްބަރު، 31، 2009 ވަނަ ދުވަހުން ފެށިގެން މާލޭގައި އަންހެނަކު ގެއްލިގެން ހޯދަން ފެށިއިރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. ހޯދަން ފެށިތާ ހަތަރު ވަނައަށް ވީ ދުވަހު، އޭރު ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިން، ފޮއްޓަކަށް ލާފައި އޮތް އަންހެނެއްގެ ހަށިގަނޑު ފެނުމާ އެކު ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އެއަށް ވުރެ ބޮޑު ހައިރާން ކަމެއް އެންމެނަށް ލިބުނީ އެ ފެނުނު އަންހެން މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ލ. ގަމަށް ނިސްބަތްވާ އަދި މަޝްހޫރު ނެށުންތެރިއެއް ކަމަށްވާ މަރިޔަމް ޝީރީން ކަން ފުލުހުން ހާމަ ކުރުމުންނެވެ.

އެ މައްސަލަ ފެންމަތިވުމާ އެކު ޝީރީންގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ މުހައްމަދު ނަޖާހު ހައްޔަރުކޮށް، ތަހުގީގު ފެށި އެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް އެކަމުގެ ތުހުމަތު ނަޖާހުގެ މައްޗަށް ފުލުހުން ކުރިއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އެ މައްސަލައާ ނަޖާހާ ގުޅުން ހުރިކަން ސާބިތުކޮށްދޭން ގިނަ ހެކިތަކެއް އެއްކުރި އެވެ. ނަޖާހާއި ޝީރީންގެ އާއިލާ މީހުންނާއި ގާތް ރަށްޓެހިންނާ ވެސް ސުވާލުކޮށް، މަގުމަތީގައި ސީސީޓީވީ ފުޓޭޖްތައް ބަލައި، ނަޖާހާ ދެކޮޅަށް ޝަރީއަތުގައި ބޭނުން ކުރެވޭނެ ފަދަ ހެކި ހޯދި އެވެ. ނަމަވެސް ހަތަރު އަހަރަށް ވުރެ ދިގު ދެމިގެންދިޔަ އެ ޝަރީއަތް ނިންމައި، އިއްޔެ ކުރި ހުކުމުން އެ ހުރިހާ ކަމެއް ދިޔައީ ފެނަށެވެ. ޝީރީން މަރާލުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކުރީ އެވެ. 

ޝީރީންގެ މަރުގެ މައްސަލައަކީ އެހާތަނަށް ރާއްޖޭގައި މަރުގެ މައްސަލައެއްގައި އެންމެ ގިނަ ފޮރެންސިކް ހެކި ހޯދި އެއް މައްސަލައެވެ. މައިގަނޑު ގޮތެއްގައި މުޅި އެ މައްސަލަ ވެސް ބިނާކޮށްފައި އޮތީ ފޮރެންސިކް ހެކީގެ މައްޗަށެވެ. މަންޒަރު ދުށް މީހަކު ނެތުމުން ނަޖާހާ ދެކޮޅަށް ދައުލަތުން މުޅިންހެން ބޭނުންކޮށްފައި ވަނީ ވެސް ފޮރެންސިކް ހެއްކެވެ. މި މައްސަލަ އެހެން މައްސަލަތަކާ ތަފާތުވާ ސަބަބަކީ މިއީ އެވެ. އެ މައްސަލަ ފޮރެންސިކް ހެއްކަށް ބިނާކުރި ނަމަވެސް ކޮންމެވެސް ވަރަކަށް ހެކިވެރިން ހުށަހަޅާފައިވެ އެވެ. އެއީ ނަޖާހު ޝީރީނަށް އަނިޔާކުރާ ކަމަށް ބުނާ ބަޔަކާއި އަންގާގިރި ކައިރިއަށް ފޮއްޓެއް ހިފައިގެން ނަޖާހު ދިޔަކަމަށް ބުނާ ޓެކްސީ ޑްރައިވަރަކާއި ނަޖާހާއި ޝީރީން އުޅުނު އެޕާޓްމެންޓުގައި އުޅުނު މިރުފަތު ހަނީފެވެ.

ކޯޓުގެ ހުކުމުގައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ މައްސަލައެއް ފާހަގަކޮށްފައެއް ނުވެއެވެ. ޝަރީއަތް ކުރިއަށް ދިޔައިރު ހެކިވެރިންގެ ގޮތުގައި ހުށަހެޅި މީހުންނާއި ފޮރެންސިކް ތަހުލީލުކުރި ފުލުހުން ވެސް ޝަރީއަތަށް ހާޒިރުކޮށް، ސުވާލު ވެސް ކޮށްފައިވެ އެވެ. ހުކުމުގައި ވެސް ހެއްކާ ބެހޭގޮތުން މާބޮޑު ބައިތަކެއް ފާހަގަ ނުކޮށް ކޯޓުން ފާހަގަކުރީ ޝީރީން މަރުވި ސަބަބު ނޭނގުމެވެ. ފޮއްޓެއް ހިފައިގެން ނަޖާހް މަގުމަތިން ދާ ވީޑިއޯ އާއި އެހެން ހެކިތައް ހުރި ނަމަވެސް ޝީރީން މަރުވީ ކީއްވެގެން ކަމެއް ތަހުގީގަކަށް ހޯދިފައެއް ނުވެ އެވެ.

ޝީރީން ހަށިގަނޑު ބެލި ތިން ޑޮކްޓަރުން ވެސް ކޯޓުގައި ބުނެފައިވާ ގޮތުގައި ޝީރީންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ވަރަށް ބޮޑަށް ކުނިވާން ފަށައިފަ އެވެ. އޭރު އޭނާގެ ކަންފަތުން ދިޔާ އެއްޗެހިތަކެއް ފައިބާފައި ހަށިގަނޑުގެ ބައެއް ތަންތަން ކަޅުވެފައި ހުރި ނަމަވެސް އެހާ ބޮޑަށް ކުނިވަމުންދާތީ ބޭރު ފުށުން ހުރި ކަންކަމަށް ބަލައިގެން އެ މަރުގެ ސަބަބު ނުހޯދޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ ޝީރީންގެ މަރުގެ ސަބަބު ހޯދަން ޕޯސްޓްމޯޓަމެއް ހެދުމަށް ޑޮކްޓަރުން ލަފާ ދިން ނަމަވެސް އެކަން އެގޮތަށް ކޮށްގައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ޕޯސްޓްމޯޓަމް ނަހަދާތީ ޝީރީންގެ މަރުގެ ސަބަބު ނުހޯދޭ މައްސަލަ ނަޖާހުގެ ފަރާތުން ކޯޓުގައި ފާހަގަކޮށްފައިވާއިރު ދައުލަތުން އެކަމަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ދައުލަތުގެ ދައުވާއަށް ބަލާއިރު ވެސް ޝީރީން މަރާލި ގޮތެއް ބުނެދީފައެއް ނުވެއެވެ. ދައުވާގައި ބުނެފައިވަނީ ނަޖާހު މ. ކުރަހާގެ ކޮޓަރިއެއްގައި އުޅުމުގެ ތެރޭގައި ޝީރީން މަރާލާފައިވާ ކަމަށެވެ. އިތުރު ވާހަކައެއް ދައުވާގައި ވެސް ބުނެފައެއް ނެތެވެ. އެހެންވެ މިއަދާ ހަމައަށް އައިއިރު ވެސް ޝީރީންގެ މަރުގެ ސަބަބު މި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

ކުރުކޮށް ބުނާ ނަމަ، ޝީރީން މަރާލީ ކަމެއް ނުވަތަ އެހެން ކަމެއް މެދުވެރިވެގެން މަރުވީ ކަމެއް ވެސް ތަހުގީގަކަށް ނޭނގެ އެވެ. އަދި މަރާލި ނަމަ އެކަން ކުރީ ނަޖާހް ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ކޯޓުގައި ކުރިން ވަކާލާތު ކުރި ވަކީލަކު ނަން ނުޖަހަން އެދި ވިދާޅުވީ މަރުވި ސީދާ ސަބަބު ރިޕޯޓުގައި ނެތް ނަމަވެސް އެއީ އާދައިގެ މަރެއް ނޫން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޑޮކްޓަރުން ކޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ޑޮކްޓަރުންނަކީ ޕޯސްޓްމޯޓަމް ހަދާ ބައެއް ކަމަށް ނުވާތީ ޕޯސްޓްމޯޓަމް ނެހެދީ ކަމަށް އެ ވަކީލް ވިދާޅުވި އެވެ.

"އެ ޑޮކްޓަރުން ވިދާޅުވަނީ އެ މީހުންނަކީ ޕޯސްޓްމޯޓަމް ހަދާ ބައެއް ނޫނޭ، ރާއްޖޭގައި ވެސް މީހަކު މަރާލާ ކޮންމެ ފަހަރަކު ޕޯސްޓްމޯޓަމް ހަދައިގެނެއް ނޫން މީހުންގެ މައްޗަށް ދައުވާކޮށް ކުށް ސާބިތުކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެ ވަކީލް ވިދާޅުވި ގޮތުގައި އެ މައްސަލައިގަ ފުލުހުން ވަނީ އެކަށީގެންވާ ބޮޑެތި މަސައްކަތްތަކެއްކޮށް، ގިނަ ހެކިތަކެއް އެއްކޮށްފަ އެވެ. އެ ހެކިތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލަ ސާބިތުކުރެވޭނެ ކަމަށް އެ ވަކީލް ދެކެވަޑައިގަންނަވަ އެވެ. އެގޮތުން ޝީރީންގެ ހަށިގަނޑު ލައިގެން ދިޔަ ކަމަށް ބުނާ ފޮށީގެ ތެރެއިން ޝީރީންގެ ހަށިގަނޑުގެ ދިޔަ ފެނުމާއި އެ ފޮށި އެރުވި ކަމަށް ބުނާ ޓެކްސީން އެ ފޮށީގެ ފައިބަ ފެނުމަކީ ވެސް ވަރުގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަޖާހުގެ ފޯން ކޯލްތަކުން ވެސް އެއީ ނަޖާހު ކުރިކަމެއް ކަން ސާބިތުވާ މިންވަރުގެ ހެކި ހުންނާނެ ކަމަށް އެ ވަކީލް ދެކެވަޑައިގަންނަވަ އެވެ.

"އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ކޮންމެ ދުވަހަކު ފަސް ވަރަކަށް ފަހަރު ޝީރީނަށް ނަޖާހު ގުޅާ ކަމަށް ކޯލް ރެކޯޑްތަކުގައި ހުންނާނެ، އެކަމަކު ގެއްލުނު ކަމަށް ބުނާ ދުވަހުގެ ފަހުން އެއްވެސް ވަރަކަށް ނަޖާހު ގުޅާފައެއް ނެތް ޝީރީނަކަށް، އެހެންވީމާ ވަރަށް ސާފުކޮށް އެބަ އިނގޭ ޝީރީނަށް ވީގޮތް ނަޖާހަށް އެނގޭތީކަން ނުގުޅަނީ، އެހެން ނޫން ނަމަ ވީގޮތެއް ނޭނގިގެން ގުޅަންވީތާ އެތައް ފަހަރަކު ވެސް،" ގިނަ ދުވަސްތަކެއް ވަންދެން ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާފައިވާ އެ ވަކީލް ވިދާޅުވި އެވެ.

އެ ވަކީލް ވިދާޅުވީ އެ މައްސަލަ ނިމުނު ގޮތުން އެހެން މައްސަލަތަކަށް ވެސް އޭގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ފޮރެންސިކް ހެއްކަށް ބިނާކޮށް ކުށް ސާބިތު ކުރުމުގައި ކުރިއަށް އޮތް ތަނުގައި ދަތިތައް ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެންވެ މި މައްސަލަ ނިމި، ފައިލް ބަންދުވީ ކަމަށް ނިންމޭކަށް އަދި ނެތެވެ. ނަޖާހު ސަލާމަތްވީ ކަމަށް އަދި ޝީރީންގެ އާއިލާއަށް އިންސާފުގެ ދޮރު ބަންދުވީ ކަމަކަށް ވެސް ނިންމޭކަށް ނެތެވެ. އިތުރު ދެ މަރުހަލާ އަދިވެސް އެބައޮތެވެ. މައްސަލަ ފެށިގެން އައީ އެހެން މައްސަލަތަކާ ތަފާތު މައްސަލައެއްގެ ގޮތުގަ އެވެ. މައްސަލައިގެ ބޮޑުކަން ދެން އެނގޭނީ އިސްތިއުނާފް ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވާ ނިންމެވުމުންނެވެ.