ބޮލީވުޑް

ދުވަސްތަކަކަށްފަހު ނެރުނު ކޮމެޑީ ދެ ފިލްމު ކާމިޔާބު

ކޮމެޑީ ފިލްމެއް ބޮލީވުޑްގައި ނުނިކުންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް މިދިޔަ ހަފުތާ ބަންދުގައި ކޮމެޑީ ދެ ފިލްމެއް ސިނާމާއަށް އައިސްފައިވެ އެވެ. މިދިޔަ ޑިސެމްބަރު މަހު ނިކުތް "ފުކްރޭ ރިޓާންސް" އަށްފަހު ބޮލީވުޑްގައި ކޮމެޑީ ފިލްމެއް އަދި ނިކުމެފައެއް ނުވެ އެވެ.

ހަފްތާ ބަންދުގައި ރިލީޒް ކޮށްފައި ވަނީ ކުޑަ ބަޖެޓަކުން ތައްޔާރުކުރި ކޮމެޑީ ދެ ފިލްމު ކަމުގައިވާ "ސޯނޫ ކޭ ޓިއްޓޫ ކީ ސްވިޓީ" އާއި "ވެލްކަމް ޓު ނިއު ޔޯކް" އެވެ. މި ދެ ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ހޯދަމުންނެވެ.

ހާއްސަކޮށް ސޯނޫ ކޭ ޓިއްޓޫ ކީ ސްވިޓީގެ ކާމިޔާބީ ފާހަގަ ކޮށްލެވެ އެވެ. މިއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ބަންސާލީގެ "ޕަދްމާވަތް" އަށްފަހު އެންމެ ބޮޑު އޯޕެނިންގެއް ލިބިފައި ވަނީ މި ފިލްމަށެވެ. ކަރްތިކް އަރްޔަން އާއި ނުޝްރަތު ބަރޫޗާ އަދި ސަނީ ނިޖާރު ލީޑުން ފެނިގެންދާ މި ފިލްމަށް ރިވިއުކުރާ ފަރާތްތަކުގެ ތަރުހީބު ވެސް ލިބިފައިވެ އެވެ.

މިދިޔަ ހަފްތާގައި ރިލީޒް ކުރި ސިދާތް މަލްހޯތްރާގެ "އަައްޔާރީ" ގެ އޯޕެނިންގް އާއި އަޅާ ބަލާއިރު މި ފިލްމަށް 60 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެ އެވެ. ލަވް ރަޖަން ޑައިރެކްޓުކޮށްފައިވާ ޒުވާން އުމުރު ފުރައިގެ ކުދިންތަކެއްގެ ލޯބި ދައްކުވައިދޭ މި ފިލްމަކީ 40 ކަރޯޑު ރުޕީސްގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ދެން ރިލީޒްކުރި ކޮމެޑީ ފިލްމު ވެލްކަމް ޓު ނިއު ޔޯކް އަށް ބޮޑު އޯޕެނިންގެއް ނުލިބުން ނަމަވެސް މަދު ސިނާމާތަކެއްގައި ސްކްރީންކުރި މި ފިލްމުގެ ވިޔަފާރީވެސް ރަނގަޅެވެ. ސޮނާކްޝީ ސިންހާ އަދި ދިލްޖީތް ދޮސާނީ ފެނިގެންދާ މި ފިލްމު ތައްޔާރުކޮށްފައި ވަނީ 30 ކަރޯޑު ރުޕީސްގެ ބަޖެޓަކުންނެވެ.