ހޮލީވުޑް

"ޖުރަސިކް ވޯލްޑް 3" 2021 ގައި

ޔުނިވާސަލް ޕިކްޗާސް އިން ގެނެސްދޭ "ޖުރަސިކް ވޯލްޑް" ގެ ދެ ވަނަ ފިލްމު "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" ރިލީޒް ނުކޮށް އުޅެނިކޮށް އެ ސިލްސިލާގެ ތިން ވަނަ ފިލްމު ރިލީޒް ކުރާނެ ތާރީހު އިއުލާނު ކޮށްފި އެވެ.

ޖުރަސިކް ވޯލްޑްގެ ތިން ވަނަ ފިލްމު ރިލީޒް ކުރާނީ ޖޫން 11، 2021 ގަ އެވެ. މިހާރު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ އެ ސިލްސިލާގެ ދެ ވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ޖޫން މަހު ހަތެއްގަ އެވެ.

ފިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމު ޑައިރެކްޓު ކުރާނީ ޖުރަސިކް ވޯލްޑްގެ ފުރަތަމަ ބައިވެސް ޑައިރެކްޓުކުރި ކޯލިން ޓްރިވޯރޯ އެވެ. ޖުރަސިކް ވޯލްޑްގެ ދެ ވަނަ ބައި ކޯ ރައިޓަރީކީ ވެސް އޭނާ އެވެ.

ކޯލިން އާއެކު މި ފިލްމުގެ ސްކްރިޕްޓް ލިޔާނީ އަލަށް މި ސިލްސިލާގެ ފިލްމަކަށް ސްކްރިޕްޓު ތައްޔާރު ކުރާ އެމިލީ ކާމިލް އެވެ. މި އަހަރު ރިލީޒް ކުރާނެ ފިލްމު "ޕެސިފިކް ރިމް އަޕްރައިޒިން" ސްކްރިޕްޓް ތައްޔާރު ކުރީ އެމިލީ އެވެ. ޑިޒްނީގެ "ދަ ބްލެކް ހޯލް" ރީބޫޓް ފިލްމުގެ ސްކްރިޕްޓު ތައްޔާރު ކުރުމާއި ހަވާލުވެހުރީ ވެސް އޭނާ އެވެ.

ކޯލިންއާއެކު މި ފިލްމު ޕްރޮޑިއުސް ކުރާނީ މަޝްހޫރު ޕްރޮޑިއުސާ ސްޓީވެން ސްޕީލްބާގްގެ އިތުރުން ފްރޭންކް މާޝަލް އަދި ޕެޓް ކްރައުލޭ އެވެ.

ޖުރަސިކް ވޯލްޑް ފިލްމުތަކަކީ ޔުނިވާސަލް އިން މީގެ ކުރިން ގެނެސްދިން "ޖުރަސިކް ޕާކް" ޓްރަޔޮލޮޖީ ފިލްމު ސިލްސިލާ ރީބޫޓް ކޮށްގެން ގެނެސްދޭ ފިލްމުތަކެކެވެ. މައިކަލް ކްރައިޓަން ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރަމުން އަންނަ މި ފިލްމުތަކުގެ މައިގަނޑު ވާހަކަ ބިނާވެފައި އޮންނަނީ ޑައިނައްސޯތަކެއް ކިބައިން ސަލާމަތް ވުމަށް އިންސާނުން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.