ޔުމްނާ މައުމޫން

މައުމޫން ތަމްސީލް ކުރުން ޔުމްނާއަށް

ބައިނަލްއަގްވާމީ މުޖުތަމައުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން މަންދޫބެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ. މިކަން ހާމަކުރީ ރައީސް މައުމޫނާ ބައްދަލު ކުރެއްވުމަށްފަހު އެމަނިކުފާނުގެ ވަކީލް މައުމޫން ހަމީދެވެ. އެ ބައްދަލުވުމަށް ފަހު ޔުމްނާ މައުމޫނަކީ އެމަނިކުފާނުގެ ހަމައެކަނި މަންދޫބު ކަމަށް ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅޭ މައުލޫމާތާއި ރައީސް މައުމޫން ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވާނީ ޔުމްނާ ކަމަށް ރައީސް މައުމޫން އަންގަވާފައިވާ ކަމަށެވެ. ރައީސް މައުމޫންގެ މަންދޫބެއްގެ ގޮތުގައި ޔުމްނާ މައުމޫން ހަމަޖައްސާފައިވަނީ މައްސަލަތަކަށް ވީއެންމެ އަވަހަކަށް ހައްލެއް ހޯދައި ގާނޫނީ މަގަށް ކަންކަން ގެނައުމުގެ ބޭނުމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މައުމޫންއާ ހަވާލާ ދެއްވާ މައުމޫން ހަމީދު ވިދާޅުވެފައިވާ ގޮތުގައި، ރައީސް މައުމޫން ވަނީ އެކަމުގައި އަމަލު ކުރައްވަންވީ ގޮތުގައި އިރުޝާދު ޔުމްނާއަށް ދެއްވާފަ އެވެ. އަދި ޔުމްނާއަކީ އެމަނިކުފާނު ފަރާތްޕުޅުން ބޭރުގެ ފަރާތްތަކުގައި ތަމްސީލް ކުރައްވާނެ ހަމައެކަނި މަންދޫބު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ހަމައެކަނި މަންދޫބުގެ ގޮތުގައި ޔުމްނާ މައުމޫން ރައީސް މައުމޫން ހަމަޖައްސަވާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން މިހާރު ވެސް ސަރުކާރުގެ މަގާމެއްގަ ހުންނެވި ދަރިކަނބަލުން ދުންޔާ މައުމޫން ވަނީ ރައީސް މައުމޫންއާ ގުޅޭ ގޮތުން އދ. ގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ. އޭގެ އިތުރުން ވެސް ރައީސް މައުމޫންއާ ގުޅޭ ގޮތުން ދުންޔާ ގެންދެވީ އެކިއެކި ފަރާތްތަކާ ބައްދަލު ކުރައްވަމުންނެވެ.

ރައީސް މައުމޫން ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދިޔުމާ ހިސާބުން އެމަނިކުފާނަށް ކުރިމަތިވި ހުރިހާ ކަމެއްގައި ވެސް އެންމެ އަރިހުގައި ހުންނެވީ ޔުމްނާ އެވެ. އަދި އެމަނިކުފާނު ތަމްސީލް ކުރެއްވުމުގެ ހުރިހާ ކަމެއްގައި ވެސް އުޅުއްވީ ޔުމްނާ އެވެ. އިދިކޮޅު ޕާޓީތަކުން ބޭރުގެ ވަފުދުތަކާ ބައްދަލުކުރާއިރު ވެސް ރައީސް މައުމޫންގެ މަންދޫބެއްގެ ގޮތުގައި އިންނަވަނީ ޔުމްނާ އެވެ.