ބޮލީވުޑް

ޑިސެމްބަރުގައި "ނަމަސްތޭ އިންގްލޭންޑް"

ރޮމޭންޓިކް ކޮމެޑީ ފިލްމު "ނަމަސްތޭ އިންގްލޭންޑް" އިއުލާނު ކުރިތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެ ފިލްމު ވާހަކަ މަޑުޖެހިފައި އޮތުމަށްފަހު މިހާރު ވަނީ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އިއުލާނުކޮށްފަ އެވެ.

ޕަރިނީތީ ޗޯޕްރާ އަދި އަރްޖުން ކަޕޫރު ލީޑުން ފެނިގެންދާ މި ފިލްމު ރިލީޒް ކުރާނީ އަންނަ ޑިސެމްބަރު މަހުގެ ހަތެއްގަ އެވެ. މި ފިލްމަކީ 2007 ވަނަ އަހަރު ނިކުތް ބޮޑު ތަރުހީބެއް ލިބުނު، އަކްޝޭ ކުމާރު އަދި ކެޓްރީނާ ކައިފް ފެނިގެންދިޔަ ފިލްމު "ނަމަސްތޭ ލަންޑަން" ގެ ސީކްއެލް އެކެވެ.

ވިޕުލް އަމްރުތްލާލް ޑައިރެކްޓުކުރާ މި ފިލްމުގެ ފަސްޓް ލުކް ދެ ޕޯސްޓަރެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. ފިލްމާ ގުޅޭ މާ ގިނަ ތަފްސީލުތަކެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް މި ފިލްމުގެ ވާހަކަ ނަމަސްތޭ ލަންޑަނަށްވުރެ ބޮޑު ތަނުން ތަފާތު ވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފިލްމު ވެގެންދާނީ ޕަރިނީތީ އަދި އަރުޖުން އެއްކޮށް ފެނިގެންދާ ތިން ވަނަ ފިލްމަށެވެ. "އިޝްގްޒާދޭ" ގައި އެއްކޮށް ފެނިގެންދިޔަ މި ދެ ތަރިންގެ ދެ ވަނަ ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރް" އަންނަ އޮގަސްޓު މަހު ނިކުންނާ އެވެ.