ސިއްހަތު

ރޯ ނުފިލުވާވެސް ކާންވީ އެއްޗަކީ ޓޮމާޓޯ!

މީރު މަޑު ފޮނި ރަހައެއް ހުންނަ ޓޮމާޓޯ އާންމުކޮށް އަހަރެންމެން ބޭނުންކޮށް އުޅެނީ ކޮންމެވެސް ކަހަލަ ސެލެޑެއް ތައްޔާރު ކޮށްލުމަށެވެ. ނޫނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ޓޮމާޓޯ ޕޭސްޓު ބޭނުން ކުރަނީ ރިހަ ކެއްކުމަށާއި ޕާސްތާ ކަހަލަ އެއްޗެއް ތައްޔާރު ކުރުމަށެވެ. ކޮންމެއަކަސް އެނގޭ އެއްޗަކީ އަހަރެމެން އެކަކުވެސް ޓޮމާޓޯއާމެދު އެހާ ސީރިއަސް ނޫން ކަމެވެ.

އެކަމަކު ގިނަ އަހަރުތަކެއް ވަންދެން ހަށިގަނޑަށް ގެއްލުން ލިބޭ "ޕޮއިޒަން ފުރުޓް" ގެ ނަމުގައި އަޑުގަދަވެފައި އޮތް ޓޯމާޓޯއަކީ ސިއްހަތަށް އެތައް ގޮތަކުން ފައިދާކުރާ އެއްޗެއްކަން އެނގޭ ހެއްޔެވެ؟

ނަވާރަ ވަނަ ގަރުނުން ފަށައިގެން 200 އަހަރު ވަންދެން ޔޫރަފު މީހުން ޓޯމާޓޯއަށް "ޕޮއިޒަން ފުރްޓް" ގެ ނަން ދީ، ޓޮމާޓޯ ކެއުމުން މީހުން މަރުވާ ކަމަށް ބުނެ އަޑުތައް ފެތުރި އެވެ. ނަމަވެސް ހަގީގަތް ހާމަވިއިރު އެނގުނު އެއްޗަކީ އެ ބުނާ ގޮތަށް މީހުން މަރުވާން މެދުވެރި ވަނީ އޭރު ޔޫރަޕު މީހުން ކާން ބޭނުންކުރި ޕިއުޓާ ޕްލޭޓްސް، ނުވަތަ ކާން ބޭނުން ކުރަމުން އައި ތަށީގެ ގެ ސަބަބުން ކަމަށެވެ.

އެ ތަށީގައި އެކުލެވޭ ލެޑްގެ ބާވަތްތައް ޓޮމާޓޯގައި ހުންނަ އެސިޑުގެ ބާވަތްތަކާއި ގުޅުމުން ސިއްހަތަށް ގެއްލުން ލިބެނީ އެވެ. ޓޮމާޓޯއަކީ ގުދުރަތީ ގޮތުން އެސިޑުގެ ބާވަތްތައް ގިނަ މޭވާއެކެވެ.

ޓޮމާޓޯއަކީ މޭވާއެއް ނަމަވެސް އާންމުކޮށް ކެއްކުމުގައި ޓޮމާޓޯ ބޭނުންކުރަނީ ތަރުކާރީއެއް ގޮތަށެވެ. އާންމުކޮށް އަހަރެމެންނަށް ފެންނަނީ ރަތް ޓޮމާޓޯ އެވެ. ނަމަވެސް ތަފާތު ކުލަތަކާއި ސައިޒުގެ ޓޮމާޓޯ ހުރެ އެވެ. ޗެރީއެއްގެ ސައިޒުން ފެށިގެން ގޮސް ބޮޑެތި، ބޮޑެތި ސައިޒުގެ ޓޮމާޓޯ ހުންނައިރު، ފެއްސާއި ރީނދޫލާއި ދަނބު އަދި އޮރެންޖު ކުލާއިގެ ޓޮމާޓޯ ވެސް ހުރެ އެވެ. ގިނަ ކުލަތައް ރާއްޖެއިން ނުފެންނަނީ އެވެ.

ޓޮމާޓޯގައި އެކުލެވޭ މާއްދާތައް

ކާބޯހައިޑްރޭޓުން މުއްސަނދިވެފައިވާ ޓޮމާޓޯގައި ފައިބާގެ މާއްދާތައް ވެސް ހުރެ އެވެ. ޓޮމާޓޯ މަޝްހޫރުވެފައި ވަނީ އޭގައި އެކުލެވޭ ވިޓަމިން އަދި މިނަރަލްގެ މާއްދާތަަކަށެވެ. މިނަރަލްގެ މާއްދާތައް ކަމަށްވާ ކެލްސިއަމް އާއި މެގްނީޒިއަމް އާއި ބީޓާ-ކެރޮޓީން --ކެއުމުން ވިޓަމް އޭ އަށް ބަދަލުވާ މައްދާއެއް -- ހިމެނެ އެވެ. މީގެ އިތުރުން ވިޓަމިންގެ މާއްދާތައް ކަމަށްވާ ވިޓަމިންގެ ގިނަ މާއްދާތަކެއް އެކުލެވެ އެވެ.

ޓޮމާޓޯއިން ކުރަނީ ކޮން ފައިދާތަކެއް؟

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޮޑު މީހަކަށް ކޮންމެ ދުވަހަކަށް ބޭނުންވާ ޕޮޓޭޝިއަމްގެ ހޯދުމަށް ޓޮމާޓޯ އެހީތެރިވެދެ އެވެ. ކޮންމެ ދުވަހު ސަތޭކާ ގުރާމް ޓޮމާޓޯ ކާނަމަ ހަށިގަނޑަށް ހަ ޕަސެންޓްގެ ޕޮޓޭޝިއަމް ލިބެ އެވެ.

ޕޮޓޭޝިއަމް ލިބެންޖެހޭ ވަަރަށް ހަށިގަނޑަށް ލިބޭ ނަމަ ސްޓްރޯކާއި ހިތާ ގުޅުންހުރި ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭނެ އެވެ. ޓޮމާޓޯގައި ހިމެނޭ ލައިކޮޕީން މާއްދާ އިންވެސް ހިތުގެ ބަލިތަކާއި އަދި ކޮލެސްޓްރޯލް ދަށް ކުރުމަށް އެހީތެރިވެދެ އެވެ.

ޓޮމާޓޯގައި އެކުލެވޭ ފައިޓޮކެމިކަލްސް މާއްދާތަކަކީ ލޮލުގެ ސިއްހަތު ރަނގަޅު ގޮތުގައި ބެހެއްޓުމަށް ބޮޑު ރޯލެއް އަދާކުރާ މާއްދާތަކެކެވެ. އުމުރުން ދުވަސްވާ ވަރަކަށް މީހާގެ ލޮލުގެ ފެނުން ދައްވާނަމަ ޓޮމާޓޯ ބޭނުން ކުރުން މުހިންމެވެ.

އިންސާނާގެ ހަމަށް ވެސް ޓޮމާޓޯ އިން ފައިދާ ކުރާކަން ދިރާސާއަކުން ހާމަވެފައިވެ އެވެ. ޓޮމާޓޯގައި އެކުލެވޭ ކެރޮޓިނޯއިޑްސް ކިޔާ މާއްދާއަކުން އަލްޓްރާ ވައިލެޓް ރޭސް އާއި ދެކޮޅަށް ހަށިގަނޑު ހަނގުރާމަ ކުރުމަށް އެހީތެރިވެދެ އެވެ. ސަންސްކްރީން ގަންނައިރު ޓޮމާޓޯގައި ހިމެނޭ މި މާއްދާ އެކުލެވޭ ޕްރޮޑަކްޓެއް ބޭނުން ކުރާށެވެ.

ހަލާކުވެފައި ހުންނަ ތަންތަނާއި ހަށިގަނޑުގައި ފާރުވެފައި ހުންނަ ތަންތަން ރަނގަޅުވުމަށް ޓޮމާޓޯ އެހީވެ އެވެެ. މީގެ އިތުުރުން މައްސަރުގެ ދުވަސްތަކުގައި އަންހެނުންނަށް ކުރިމަތިވާ އެކި ކަންކަމުން ފަސޭހަވުމަށް ވެސް އެހީތެރިވެ އެވެ.

ޓޮމާޓޯ ކާންވީ ރޯލާތަ؟ ރޯ ފިލުވައިގެންތަ؟

މިއީ ގިނަ މީހުން ކުރާ ސުވާލެކެވެ. ގިނަ މީހުން އެއްބަސް ވަނީ ރޯ ފިލުވައިގެން ކާށެވެ. ރަނގަޅު ގޮތަކީ ވެސް މި އެވެ. މީގެ މާނައަކީ ޓޮމާޓޯ ރޯ ނުފިލުވާ ކެއުމުން ފައިދާ ނުކުރާނެއެކޭ ނޫނެވެ. އެކަމަކު ޓޮމާޓޯ ރޯ ފިލުވުމަށް ކެއްކުމުން އޭގައި ހިމެނޭ ސިއްހަތަށް ފައިދާހުރި މާއްދާތައް އިތުރަށް ވަރުގަދަވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޓޮމާޓޯ ކާނީ ރޯ ފިލުވައިގެންތޯ ނުނީ ރޯ ނު ފިލުވާތޯ ނިންމާނީ ކިޔުންތެރިންނެވެ. ދެގޮތުން ކުރެ ކޮންމެ ގޮތަކަށް ކޭކަމުގައި ވީނަމަވެސް މި މޭވާއިން ފައިދާތަކެއް ކުރާނެ އެވެ.