އަބްދުއްރަހީމް އަބްދުﷲ

އަދުރޭ ދުންޔާއަށް: ކޮންމެވެސް އެއްގޮތެއްގައި ހުންނަވާ!

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ދުންޔާ މައުމޫނަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ފާޑު ވިދާޅުވެއްޖެ އެވެ. އަދުރޭ ދުންޔާއަށް ފާޑުވިދާޅުވީ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމްއާ ގުޅޭ ގޮތުން ދުންޔާ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

ދުންޔާ ވަނީ އެ ކަމަނާގެ ބައްޕާފުޅު، ކުރީގެ ރައީސަށް މިހާރު ކޮށްފައި ވަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވާތީ ވަގުތުން ވަގުތަށް އެމަނިކުފާނު ދޫކޮށްލުމަށް އެކަމަނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރަތް ކުރައްވާ އަދުރޭ ވިދާޅުވީ، އެއްވެސް މީހަކަށް ސިޔާސީ ދައުވާއެއް ނުވަތަ ތުހުމަތެއް ނުކުރާނެ ކަމަށާއި ނަމަވެސް ސިޔާސީ ކަމަކާ ގުޅިގެން ދައުވާއެއް ނުވަތަ ތުހުމަތެއް ކޮށްފާނެ ކަމަށެވެ.

"ބަޣާވާތެއްގެ ތެރޭގައި ބައިވެރިވުމަކީ ޖިނާއީ ކުށެއްގައި އެ ބައިވެރިވެވެނީ، އެއީ ކޮންމެ ބޭފުޅެއް ވިޔަސް، ރިޝްވަތުގެ ތުހުމަތެއް ކުރެވުނަސް ގާނޫނީ ސަރުކާރެއް ވައްޓާލަން އުޅުމުގެ ތުހުމަތެއް ކުރެވުނަސް، އެއީ ކޮންމެ ބޭފުޅަކު ނަމަވެސް އެއީ ސިޔާސީ ދައުވާއެކޭ ކިޔައިގެން ވާހަކަ ދައްކައިގެން ނުވާނެ،" ކުރީގެ ފޮރިން މިިނިސްޓަރު، ދުންޔާގެ ނަން ވިދާޅުނުވެ އެކަމަނާއަށް އަމާޒުކޮށް އަދުރޭ ވިދާޅުވި އެވެ.

"އަދި މިފަދަ ބޭފުޅުންނަކީ އެއް ދުވަހު އެއްގޮތަށް އަނެއް ދުވަހު އަނެއް ގޮތަށް ވާހަކަ ދައްކަވާ ބޭފުޅުން، އަޅުގަނޑުމެން ކަންބޮޑުވޭ، އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެއީ ކޮންމެ ބޭފުޅެއް ނަމަވެސް އެ ދައްކަވާ ކޮންމެ އެއް ގޮތެއްގަ ސާބިތުކަމާއެކު ހުންނަވައިގެން ވާހަކަ ދައްކަވާށޭ، އޭރުން ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ވާނީ، މިއަދު ތިމަންނަ މިހުރީ މިވެނި މީހަކާއެކީގައޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ކުރަން ޖެހިގެނޭ، މާދަމާ ތެދުވެ ނޫނެކޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ރަނގަޅަކަށް ނޫނޭ އެއީ ގޯސްކޮށް ކޮށްގެން އުޅޭ ކަމެކޭ ސިޔާސީ މަގުސަދެއްގަ ކޮށްގެން އުޅޭ ކަމެކޭ ބުނީމަ މި ވާހަކަ ގަބޫލުކުރަން މާ ފަސޭހައެއް ނުވާނެ،"

އަދުރޭ މިހެން ވިދާޅުވިއިރު ކުއްލި ނުރައްކަލުގެ ހާލަތަށް ތާއީދު ކުރައްވާ ދުންޔާ ވާހަކަފުޅު ދައްކަވާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި، ކުއްލި ނުރައްކަލުގެ ހާލަތަކީ ގައުމުގެ ހަމަޖެހުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އެކަމަނާ ސިފަ ކުރައްވާފައިވެ އެވެ. ނަމަވެސް މިފަހުން ދުންޔާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހައްޔަރުކުރި ބޭފުޅުންގެ ދިފާއުގައި ކަމަށް ވިދާޅުވެ އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

ރައީސް ޔާމީންއާއެކު ހުންނަވާނެ ކަމަށް ރައީސް މައުމޫން ހައްޔަރުކުރި ފަހުން ވެސް ވިދާޅުވުމަށްފަހު ދުންޔާ މިހާރު ހުންނެވީ ވަޒީފާއިން ޗުއްޓީ ނަންގަވައިގެން ސަރުކާރުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އެވެ. ދުންޔާ ބޭރުގެ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވާފައި ވަނިކޮށް ރައީސް މައުމޫން ވަނީ އެމަނިކުފާނު ތަމްސީލް ކުރެއްވުމުގެ ހައްގު ހަމައެކަނި އޮންނާނީ ދުންޔާ އާއި އެއްމާބަނޑު އަނެއް ދަރިކަނބަލުން ޔުމްނާ މައުމޫނަށް އެކަނި ކަމަށް ވިދާޅުވެފަ އެވެ.