ބަޣާވާތަކުން ސަރުކާރު ވައްޓާލުމަށް މެލޭޝިއާގައި ދިވެހިންތަކެއް ރޭވިކަން އެ ގައުމުން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ސަރުކާރު ވައްޓާލުމުގެ ބައެއް މަސައްކަތްތައް މެލޭޝިއާގައި ކޮށްފައިވާ ކަމުގެ މައުލޫމާތު އެ ގައުމުގެ ފޮރިން މިނިސްޓްރީން ރާއްޖެއިން އެ ގައުމަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ފަހުމީ ހަސަންއަށް ދެއްވާފައިވާ ކަމަށެވެ.
އަރީފް ވިދާޅުވީ، އެކެއް ފެބުރުއަރީ ސުޕްރީމް ކޯޓުން އަމުރު ނެރެ ހިންގަން އުޅުނު "ބަޣާވާތު" ގެ މަސައްކަތްތަކެއް މެލޭޝިއާގައި ކޮށްފައިވާކަމުގެ މައުލޫމާތު ސަފީރަށް އެ ގައުމުން ހިއްސާ ކޮށްފައިވާތީ އެކަން ސަފީރު އެ ޕާޓީއަށް ވެސް އަންގާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއް ދެއްވި އެ މައުލޫމާތު ހޯދުމަށް މިހާރު ދިވެހި ސަރުކާރުން އެ ގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ. އެ މައުލޫމާތުތަކުގެ ތަފްސީލް ވަރަށް އަވަހަށް އެ ގައުމުން ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެލޭޝިއާގައި ސަރުކާރު ވައްޓާލުމުގެ މަސައްކަތްތަކެއް ކުރި ކަމަށް ބުނާއިރު އެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ދަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން ވެސް އެ ތިން ބޭފުޅުންގެ އާއިލީ ބޭފުޅުންނާއި އެހެން ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.