ހޮލީވުޑް

އޮކްޓޭވިއާ ސްޕެންސާ ކޮމެޑީ ފިލްމަކަށް

މިއަހަރުގެ އޮސްކާއަށް ބެސްޓް ސަޕޯޓިންގް އެކްޓްރެސްގެ ކެޓަގަރީން ނޮމިނޭޓްވެފައިވާ އޮކްޓޭވިއާ ސްޕެންސާ، ޕެރެމައުންޓް ޕިކްޗާސްގެ ކޮމެޑީ ފިލްމެއް ކުޅެން އެއްބަސްވެ ސޮއިކޮށްފި އެވެ.

"އިންސްޓެންޓް ފެމިލީ" ކިޔާ އެ ފިލްމުގައި އޮކްޓޭވިއާ 45، އާއެކު ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި މާކް މަލްބާގް އަދި ރޯސް ބްރީން ހިމެނެ އެވެ. މާކް އަދި ރޯސް އަކީ އެ ފިލްމުގައި ދެމަފިރިންނެވެ. އެ ދެ މީހުން ކައިވެނި ކުރުމަށްފަހު ނިންމަނީ އަޅާލާނެ މީހަކު ނެތިފަ ތިބޭ ކުދިން ބަލައި ބޮޑު ކުރާށެވެ.

އެގޮތުން ވަރަށް ސިޔާސަ ތިން ކުދިންގެ ބެލެނިވެރިކަމާއި އެ ދެމަފިރިން ހަވާލުވާނެ އެވެ. އެ ތިން ކުދިންގެ ރޯލުން ފެނިގެން ދާނީ "ޓްރާންސްޕޯމާސް: ދަ ލާސްޓް ނައިޓް" ތަރި އިޒަބެއްލާ މޯނާ އާއެކު ގުސްޓާވޯ ކްއިރޯޒް އަދި ޖޫލިއާނާ ގާމިޒް އެވެ.

މުޅި ފިލްމުގައި ފެނިގެންދާނީ އެ ކުދިންގެ ބެލެނިވެރިކާމާއި ހަވާލުވިފަހުން އެ ދެމަފިރިންނަށް ކުރިމަތިލާންޖެހޭ ދަތިތަކެވެ.

ޝޯން އެންޑާސް އަދި ޖޯން މޮރިސް ސްކްރިޕްޓް ތައްޔާރުކުރި މި ފިލްމު ޑައިރެކްޓް ކުރާނީ ވެސް އެ ދެ މީހުންނެވެ. އެ ދެ މީހުންނާއެކު މި ފިލްމު ޕްރޮޑިއުސް ކުރާނީ މާކް އަދި ސްޓީވް ލެވިންސަން އެވެ.

އޮކްޓޭވިއާ މިފަހަރު އޮސްކާއަށް ނޮމިނޭޓްވެފައި ވަނީ "ދަ ޝޭޕް އޮފް ވޯޓާ" ގައި އޭނާ ކުޅު ރޯލުންނެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭނާ އޮސްކާއަށް ނޮމިނޭޓްވި އެވެ. އެއީ މިދިޔަ އަހަރު ފިލްމު "ހިޑެން ފިގާސް" އަދި އޭގެ ކުރީ އަހަރު "ދަ ހެލްޕް" އިންނެވެ. ދަ ހެލްޕް އިން ނޮމިނޭޓްވި ފަހަރު އޭނާ އޮސްކާ ކާމިޔާބުކުރި އެވެ. އެއީ އޭނާގެ އޮސްކާ އެވޯޑު ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މި ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާއިރު، ފިލްމު ރިލީޒް ކުރުމަށް ހަމެޖެހިފައި ވަނީ ފެބްރުއަރީ 15، 2019 އިގަ އެވެ.