ފެން ބޮއިފައި މަގު މައްޗަށް ފުޅި އެއްލާލުމަކީ އާއްމު ކަމެކެވެ. ރެޑްބުލް ބޮއިފަހި ދަޅު ހޫރާލުމަކީ "ގަޓު" ވުން ކަމަށް ދެކޭ ބަޔަކު ވެސް އުޅެ އެވެ. މިކަމުގެ ނަތީޖާ ބަލާޑެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މޫދަށް އެރި އުޅޭ "ފަތާ ޓްރެކު" ސަރަހަދު ޑައިވްކޮށްގެން ބެލިއިރު އަޑުން ފެނުނީ ހުސް ކުންޏެވެ. މި ތަނުން ނެގި ސިނގިރޭޓު ހުސް ކުރި ފޮށިތަކުގެ ބަރުދަނުގައި އެކަނި ވެސް ކިލޯއެއް ހުއްޓެވެ. އެހާވެސް ގިނަ އެވެ. އަދި ހުރިހާ ކުންޏެއް އެއްކޮލުމުން ބަރުދަން އެތަށް ސަތޭކަ ކިލޯއަކަށް އަރަ އެވެ.
"ހަމަ ހައިރާންވި މިހާ ކުނި ހުންނާނެ ކަމަށް ހީ ވެސް ނުކުރަން މިތަނަކު. މިހުރީ ހަމައެކަނި މި ސަރަހައްދުން ނެގިހާ އެއްޗިހި،" ފަތާ ޓްރެކް ސަރަހައްދުން ނެގި ކުނިތައް ދައްކާލަމުން ގައުމީ ބޭންކުގެ އޮފިޝަލު ވިދާޅުވި މިއަދު އެވެ.
ގައުމީ ބޭންކުގެ "އަހަރެންގެ ބޭންކް" ދިވެހިންގެ ބޭންކް ކެމްޕޭންގެ 24 ވަނަ ހަރަކާތުގެ ގޮތުގައި ބޭންކުގެ މުވައްޒަފުން މިއަދު ވަނީ ފަތާ ޓްރެކް ސަރަހައްދު ސާފުކޮށްފަ އެވެ. މޯލްޑިވްސް ސުވިމިން އެސޯސިއޭޝަން އާއި ޑައިވް ޑެސްކް އަދި ޑައިވް ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ސަރަހައްދު ފީނައިގެން މޫދު އަޑިން ގިނަ އަދަދެއްގެ ކުނި ނެގި އެވެ.
މި ހަރަކާތުގައި ގައުމީ ބޭންކުގެ މުވައްޒަފުން ވެސް ޑައިވް ކުރި އެވެ. ފަތާ ޓްރެކް ސަރަހައްދުން ނެގި ކުނީގެ ތެރޭގައި 250 ދަޅާއި 500 ޕްލާސްޓިކް ފުޅި އަދި 310 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނެ އެވެ. މި ތަކެތީގެ ބަރު ދަން 180 ކިލޯއަށް ވުރެ ބަރެވެ.
ބޭންކުގެ އޮފިޝަލް ވިދާޅުވީ ފަތާ ސަރަހައްދުން ގިނަ އިން ނަގާފައިވަނީ ޕްލާސްޓިކް ފުޅި ކަމަށެވެ.
"ހީވަނީ ފެން ބޯން ނޫނީ ފެން އަޅައިގެން ގޮސް ވައްޓާލާފައި ހުރި އެއްޗިހި ހެން. މިއީ ވަރަށް ދެރަ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.
ބޭންކުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އަހަރެންގެ ބޭންކް ކެމްޕޭންގެ ދަށުން މިމަހު 28 ހަރަކާތެއް ކުރިއަށް ގެންދާނެ އެވެ. އަދި މުޅި އަހަރަށް ކުރިއަށް ގެންދާ މި ހަރަކާތަށް ބޭންކުން 300 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ވަނީ ނިންމާފަ އެވެ.
މި ކެމްޕޭންގެ ދަށުން މި ފަހަރު ސާފުކޮށްފައި މިވަނީ ފަތާ ޓްރެކް ސަރަހަދެކެވެ. ކޮންމެ ދުވަހަކު މޫދަށް ގޮސް އުޅޭ އެ ސަރަހައްދުން އެއް ކިލޯ ސިނގިރޭޓު ފޮއްޓާއެކު 180 ކިލޯގެ ކުނި ފެނުމަކީ މިއީ ވިސްނަން ޖެހޭ ކަމަކަށް ނޫނީ ނުވާނެ އެވެ.