ފަހުގެ ތާރީހެއްގައި ބޮލީވުޑް ހިލުވާލި ފިލްމަކަށް "ޕަދްމާވަތް" ވާނެ އެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކުރި އެ ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ވަނީ 270 ކަރޯޑުގެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
ޑައިރެކްޓާ ބަންސާލީއަށް އިއްޔެ ވަނީ 55 އަހަރު ފުރިފަ އެވެ. ބަންސާލީގެ އުފަން ދުވަހު އޭނާ ދިން އިންޓަވިއުގައި ބުނީ މިހެނެވެ: "އަހަރެންގެ ފިލްމު ބަލައިގަތުންހާ ބޮޑު ހަދިޔާއެއް އުފަންދުވަހު ލިބޭނެތަ؟ ފިލްމާއި ގުޅިގެން އަދި ފިލްމު އެޅުވުމުން ގިނަ އިންޒާރުތަކެއް ލިބުނު. އެކަމަކު މި ގައުމުގެ އެތައް އައިލާއަކުން ޖެހިލުމެއް ނެތި ފިލްމު ބަލަން ދިޔަ. އެކަމަށް އަހަރެން ވަރަށް ޝުކުރުވެރިވަން."
ފާއިތުވި އަހަރު އެތައް ދަތިތަކަކާއި ކުރިމަތިލާން ޖެހުނުކަން ހާމަކުރަމުން ބަންސާލީ ބުނި ގޮތުގައި ޕަދްމާވަތްއަށް ކުރިމަތިވި ހުރަސްތައް ކުުރިއަށް ނިކުންނަން ހުރި ފިލްމުތަކަށް ވެސް ކުރިމަތިވެދާނެތީ އޭނާ ބިރުގަނެ އެވެ.
"އަހަންނަކަށް ހިޔެއް ނުވޭ ޕަދްމާވަތް އާއެކު މުޒާހަރާތައް ނިމުނީހެނެއް. އަދި މިއީ މުޒާހަރާތަކުގެ ފެށުން." ތާރީހީ ގިނަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުންޏެވެ.
މިއަހަރު ރިލީޒްކުރާ ކަންގަނާ ރަނާއުތް ފެނިގެންދާ ތާރީހީ ފިލްމު "މަނިކަރްނީކާ" އާއި ގުޅިގެން މިހާރު ވެސް އިންޑިއާގައި ވަނީ ހަމަނުޖެހުންތައް އުފެދި ހިލެން ފަށާފަ އެވެ. މީގެ އިތުރުން ޕަދްމާވަތް މިހާރުވެސް އިންޑިއާގެ ދެ ސްޓޭޓެއްގައި އެޅުވިޔަ ނުދީ ވަނީ ހިފަހައްޓާފަ އެވެ.
"ފިލްމު ކާމިޔާބުވުމުން މި ތިބީ ވަރަށް އުފަލުން. އަދި އަހަރެމެން ވަރަށް އުފާވާނެ ފިލްމު އެޅުވިޔަ ނުދީ ހިފަހައްޓާފައިވާ ދެ ސްޓޭޓް ކަމުގައިވާ ގުޖުރާތައި ރާޖަސްތާންގައި ފިލްމު އެޅުވޭނެ ގޮތެއް ވެއްޖެއްޔާ. އަހަރެންގެ ފިލްމުތަކަށް އަބަދުވެސް އެ ދެ ސްޓޭޓުން ބޮޑު ތަރުހީބެއް ލިބޭ. އެ ދެ ސްޓޭޓުގައި ފިލްމު ނުދެއްކޭތީ ވަރަށް ދެރަވޭ."
ބަންސާލީ ބުނީ ފިލްމީ ދާއިރާއަށް މިފަދަ ކޮންޖެހުންތަށް ހުރުމާއެކު ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ދަތިތަކާއެކު ފަހަތަށް ޖެހުމުގެ ބަދަލުގައި ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ޕަދްމާވަތް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކަޑަތު ކުރަންޖެހުނީ ވަރަށް އުނގަދޫ ދަތުރެކެވެ. ނަމަވެސް ފިލްމަށް ލިބުނު ކާމިޔާބާއެކު އެ ކުރި ދަތުރަކީ ކާމިޔާބު ދަތުރެއްކަމަށް ބަންސާލީ ގަބޫލު ކުރެ އެވެ.