ދިވެހި ސިނަމާ

ސީޒަންގެ ފިލްމު، ފިނިފެންމާ ގޮއްވާލި ހާދިސާއަށް!

ތަފާތު ފިލްމުތަކެއް މިއަހަރު ދިވެހި ސިނަމާއަށް ގެންނަން ތާވަ ލުކުރެވިފައި ވަނިކޮށް އަނެއްކާވެސް ތަފާތު ފިލްމެއްގެ އަޑު ފިލްމީ އުދަރެހުގައި ގުގުމާލައިފި އެވެ. މިފަހަރު މިއޮތީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވެރިއަކަށް ދިން އެންމެ ބޮޑު ހަމަލާގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ވާހަކަ އެވެ.

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން މިހާރު ދަނީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމެއް ހެދުމަށް ތައްޔާރުވަމުންނެވެ. "ފިނިފެންމާ: ޣައްދާރުވީ ކާކު؟" ގެ ނަމުގައި ތައްޔާރުކުރާ މި ފިލްމުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ސްކްރިޕްޓް ލިޔުން ކަމަށް ސީޒަން ބުންޏެވެ.

"ސްކްރިޕްޓުގެ މަސައްކަތް ނިމެން އަދި ދުވަސްކޮޅެއް ނަގާނެ. ވަރަށް ވަރުގަދަ ސްކްރިޕްޓެއް މި ތައްޔާރު ކުރަނީ. ފުދޭވަރަކަށް ބުރަ މަސައްކަތް އެބަކުރަން ސްކްރިޕްޓަށް." ފިލްމުގެ ސްކްރިޕްޓު ލިޔާ ފަރާތުގެ ނަން އަދި ވަނީ ސިއްރުކޮށްފަ އެވެ. ސްކްރިޕްޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފިލްމުގެ ކާސްޓް ފައިނަލް ކުރާނެ ކަމަށް ސީޒަން ބުންޏެވެ.

"ތަންކޮޅެއް މެޗުއާޑް ސްޓޯރީއަކަށްވާތީ މީގެ ކާސްޓްގައި އެހާ ޅަކުދިންނެއް ނުތިބޭނެ. އެހެން ނަމަވެސް އާ މޫނުތަކެއް މި ފިލްމުގައި ފެނިގެންދާނެ." އާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކާސްޓުގައި ގިނައިން ފެނިގެންދާނީ ދާއިރާއަށް އާ މީހުން ކަމަށް ސީޒަން ބުންޏެވެ.

ސީޒަން ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކުރާނީ އޭނާގެ އަމިއަލް ޕްރޮޑަކްޝަން ހައުސް އެސް ޕްރޮޑަކްޝަނުންނެވެ. ފިލްމު ސިނަމަޓޯގްރަފީގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އޭނާ ބުނީ މި ފިލްމުގައި ގިނަ އަދަދަކަށް އެނިމޭޓެޑް މަންޒަރުތައް ހިމަނަންޖެހޭ ކަމަށާއި ސްޕެޝަލް އިފެކްޓްސް މަސައްކަތް ކުރުމަށް ލަންކާގެ ކުންފުންޏަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. މި ފިލްމުގައި ސެޓެއްގައި ނަގަންޖެހޭ ގިނަ މަންޒަރުތަކެއް ވެސް ހުންނާނެތީ ފިލްމަށް ބޮޑު ހަރަދެއްވެސް ދާނެ ކަމަށް ސީޒަން ބުންޏެވެ.

"ފިލްމުގެ ބައެއް މަންޒަރުތަކަކީ ކީކޮށްފަ، އެނިމޭޓުކޮށްގެން ޝޫޓް ކުރަންޖެހޭ މަންޒަރުތަކަށް ވީމަ އާއި ފިލްމުގައި ދައްކަންޖެހޭ ބައެއް ލޮކޭޝަންތަކަކީ ޝޫޓުކުރަން ލިބޭނެ ތަންތަނަށް ނުވާތީ އެބަޖެހޭ ސްޕިޝަލް އިފެކްޓްސް ވަރުގަދަ ކުރަން." ސީޒަން ބުންޏެވެ. "ފިލްމު ބަލާ މީހުނަށް ކަމުދާނީ ނުވަތަ ޓަޗް ވާނީވެސް ހަމަ އަސްލު ލޮކޭޝަނާ އެއްގޮތް ކަމެއް ހުރީމަ."

އަންނަ ރޯދަމަހުގެ ކުރިން ސްކްރިޕްޓުގެ މަސައްކަތް ނިންމާ ފިލްމު އޮފިޝަލްކޮށް ލޯންޗު ކުރާނެ ކަމަށް ސީޒަން ބުންޏެވެ. ރޯދައިގެ ފަހުން ޝޫޓިން ފަށާއި އަހަރުގެ ފަހުކޮޅު ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ސީޒަން ބުންޏެވެ.

ރައިސް ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލީ އޮކްޓޯބަރު، 2015 ގައި އެމަނިކުފާނާއި އަނބިކަނބަލުން ފަސްޓު ލޭޑީ ފާތިމަތު އިބްރާހިމް ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު މާލެ ވަޑައިގަތް ދުވަހު މާލޭގެ ފަޅުތެރެއަށް ލޯންޗުކޮޅު ވަތްތަނުންނެވެ. އެ ވަގުތު ލޯންޗުކޮޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ތިއްބެވެ.

ރައީސަށް އަނިޔާއެއް ނުވި ނަމަވެސް ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ބުރަކަށިފުޅަށް އަނިޔާވެ އައިޖީއެމްއެޗްގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދޭންޖެހުނެވެ. ލޯންޗުކޮޅުގައި ތިިބި އިތުރު އިސްވެރިންނަށް ވެސް އެކި ކަހަލަ އަނިޔާތަށް ލިބި ފަރުވާ ދޭންޖެހުނެވެ.

ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި ހައްޔަރުކުރީ އޭރު ދިވެހި ސަރުކާރުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަހްމަދު އަދީބު އެވެ. އަދީބުގެ މައްޗަށް ކުށް ސާބިތުވެ އެބޭފުޅާ މިހާރު ވަނީ ޖަލަށްވެސް ލާފަ އެވެ. ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އާއި އެބޭފުޅާގެ މައްޗަށް ކުރެވުނު އިތުރު ތުހުމަތުތައް ސާބިތުވެ އަދީބު ވަނީ 33 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.