ވާހަކަ

ބުނެދޭށޭރުހެމޭ

(22 ފެބްރުއަރީ 2018 އާ ގުޅޭ)

"އަރްސަލް! އެއީ ހާދަ ބޮޑު ޚަރަދެކޭ... އަހަރެމެންނަކީ އަދި ޔަންގު ކޮމްޕެނީއެއް. އަހަންނަށް އެނގޭ ކޮންމެހެން ވެސް އެ ބިން އަރްސަލް އަމިއްލަ ކުރަން ބޭނުންވެގެން ތި އުޅެނީ ކީއްވެކަން. އެކަމަކު..." ރާދިން ކަންބޮޑުވިއެވެ. އޭނާގެ ވާހަކަ ހުއްޓާލީ ދެން ބުނެވޭ އެއްޗަކުން އަރްސަލް ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ.

އަރްސަލް އައިތާ ގިނައިރެއްނުވަނީސް ރެސްޓޯރެންޓުގެ ވެއިޓަރެއް އައިސް ތަށިތައް މޭޒުމަތީ އަތުރާލިއެވެ. އަރްސަލް ގާތުގައި އެހުމަކާނުލާ ރާދިން ހުރީ އޭނާއަށް ވެސް އޯޑަރު ދީފައެވެ. އަރްސަލް ވާހަކަދައްކަން އަނގަހުޅުވާލިތަނާހެން ރާދިން ތަށިތަކާ ދިމާއަށް އިޝާރާތްކޮއްލީ ކާން ފަށާށޭ ބުނާ ފަދައިންނެވެ.

"ރާދު! އެކަމުން ގެއްލުމެއްނެތް، ހަނދާންވޭތަ ކޮންޕެނީ ފައްޓަން އުޅުނުއިރު ރާދުގެ ވިސްނުން ހުރި ގޮތް. ދެނޭވާ ދޭތެރޭ ބުނަމެއްނު، ރިސްކު ނަގައިގެންނޭ ކަންކަން ކުރެވޭނީ. މި ކުންފުނި ސަވައިވްވާނެ އިރާދަކުރެއްވިއްޔާ. އަހަރެމެން މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓްމެންޓަށް މިކަންވާނެ. އެންޑް ޔޫ ނޯ ވަޓް! އޭރުން އަހަރެމެންގެ ކުންފިންޏަކީ ޅަ ކުންފުންޏެކޭ ބުނާނޭ ޖާގައެއްނޯންނާނެ. އެންމެންނަށް ވެސް ފެންނާނީ ވާދަވެރި ބައެއްގެ ގޮތުގައި. އެމީހުންގެ ތެރޭގައި އަހަރެމެންނަށް ވެސް ފައިތިލަ ސާބިތުކޮއްލާނޭ ފުރުޞަތެއް ހުޅުވިގެންދާނެ" އަމިއްލަ ޚިޔާލުތައް އިރުކޮޅަކަށް އެއްފަރާތްކޮއްލާފައި އަރްސަލްގެ ވިސްނުން ވިޔަފާރީގެ ތެރެއަށް ހިންގާލިއެވެ. ބޭނުމަކަށްވީ އޭނާގެ ނިންމުމުގައި ހަމައެކަނި އަމިއްލައެދުމެއް އޮތީކީނޫންކަން ރާދިންއަށް ވިސްނައިދިނުމެވެ.

"މީތި ކުރިއަށް ނުގެންދެވިއްޖެއްޔާ ވަރަށް ބޮޑު ލޮސްއެއް އެއީ. ދެތިން އަހަރު އަހަރެމެން މަޑުކުރަން ޖެހޭނެ އިތުރު އިންވެސްޓެއް ނުކުރެވި" ރާދިން އިނީ އަރްސަލްގެ ވާހަކައާ މެދު ސީރިއަސްވެފައެވެ. ވިޔަފާރީގެ ނަޒަރުން ވިސްނާނަމަ އަރްސަލް އެ ހުށަހެޅީ ރަނުގެ އެހެންނަމަވެސް ހިރާސް ބޮޑު ފުރުޞަތެކެވެ.

"ލެޓްސް ފައިނަލް އިޓް. އެހެންމީހަކު އެޕްރޯޗު ކުރުމުގެ ކުރީން. އަހަރެމެން މިކަން ނިންމާލަމާ. ޓައިމް އިޒް މަނީ... އަހަންނަށް އެނގޭ މި ކުންފުންޏަކީ އަހަރެންގެ އަމިއްލަ އެއްޗެއް ނޫންކަން. ވީ އާ ޕާޓްނާސް... އެހެންވެ ހުރިހާ ކަމެއް ނިންމާލުމުގެ ކުރީން ރާދުގެ ޚިޔާލެއް މި ހޯދީ. ރާދު ފައިނަލް ނުކުރަނީސް އަހަރެން ކިހިނެއް ފައިނަލް ކުރާނީ" އަރްސަލްގެ ވާހަކައާ މެދު އިރުކޮޅަކު ވިސްނާލަން ރާދިން އިނެވެ. އެވަގުތުކޮޅުގެ ތެރޭގައި އަރްސަލްގެ ފޯނަށް މެސެޖެއް އައުމުން އިވޭ ފަދަ އަޑެއް އިވިގެންދިޔައެވެ. އޭނާ އަވަސް އަވަހަށް ފޯނު ބަލާލިއެވެ. ނިކަން ފުޅާ ހިނިތުންވުމެއް އެ މޫނަށް ވެރިވެގެންދިޔަތަން ރާދިން ދުށްޓެވެ.

"ބެއްބެ މެއިލް ކުރީ... މީ އެ ގެއާ ބެހޭ ޑޮކިއުމެންޓްސްތައް" އަރްސަލްގެ ފޯނު ރާދިންއަށް ދައްކާލިއެވެ. އެއާއެކު އަރްސަލްގެ ފޯނުގެ އިސްކުރީނުން ފެންނަން ހުރި ލިޔުންތައް ބަލަން ފެށިއެވެ.

"ބެއްބެ ގާތުގައި ބުނޭ ފައިނަލްކޮއްލަން. އަހަރެންގެ މައްސަލައެއްނެތް. ލީގަލް ހުރިހާ ކަމެއް ނިންމާލަން ޖަވާދުގެ އެހީ ބޭނުންވާނެއެއްނު" ރާދިންގެ މޫނުމަތިން އެއްވެސް ވަރެއްގެ ދެކޮޅު ހެދުމެއް ނުފެނެއެވެ. އެކަމާ އަރްސަލް އިނީ ހިތްހަމަޖެހިފައެވެ.

"ބޭންކުން ހުރިހާ ކަމެއް ހަމަޖެހުނީމަ އަހަރެން ރާދުއަށް އަންގާނަން. ޖަވާދުއާ ރާދު ވާހަކަދައްކައިގެން ކުރިއަށް ގެންދޭ. އަހަންނަށް ހީވަނީ އަހަރެމެން ވެސް ލީގަލް ކަންތައްތަކަށް އަހަރެމެންގެ އަމިއްލަ ވަކީލަކު ހޯދަންވީހެން" އަރްސަލްގެ ސިކުނޑީގައި ފަހަކަށް އައިސް އުފެދިފައިވާ ޚިޔާލެއް އޭނާ ބޭރުކޮށްލިއެވެ.

"އަހަރެން ވެސް ތިކަމާ އެބަ ވިސްނަން. އެކަމަކު އިހަށް ޖަވާދުއާއެކު މިކަން ނިންމާލެވޭތޯ ބަލަމާ" ރާދިން ބުންޏެވެ. އެވަގުތު ރާދިންގެ ފޯނު ރިންގުވާން ފެށިއެވެ. އޭރު ވާހަކައިގައި ތިބެ ދެ މީހުން ކައި ވެސް ނިމެއްޖެއެވެ.

"ކާކު؟" ރާދިން ފޯނަށް ބަލަހައްޓައިގެން އިނީ ފޯނު ނަގަން ނުނަގަން އިން ގޮތަކަށެވެ. އަރްސަލްއަށް ސުވާލުކޮއްލެވުނީ އެހެންވެއެވެ.

"ކީފާ" މަޑުމަޑުން ރާދިން ބުނެލިއެވެ.

"މި ގަޑީގަތަ؟ އޭނާ އޮފީހަށް ނުދަނީތަ؟" އަރްސަލްއަށް ބުނެލެވުނީ އެއްވެސް ވިސްނުމަކާ ނުލައެވެ.

"މިއަދަށް ނިމުނީ ކަންނޭނގެ" ފޯނަށް ޖަވާބު ނުދީ ރާދިން ބުނެލިއެވެ.

"ދެން ތި ފޯނަށް ޖަވާބު ދީބަލަ... އަހަންނަށް ހީވަނީ އެ ގުޅަނީ އަހަރެން ފޯނު ނުނަގައިގެން ހެން. އަޅެ ނަގާބަލަ އޭނާ ކިޔާ އެއްޗެއް އަޑުއަހަން" އަރްސަލް ބުނެލިއެވެ.

"ހެލޯ" ހަށިފުރާ ނޭވާއެއް ލުމާއެކު ރާދިން ފޯނުގެ އިސްކުރީނުގައި ޝަހާދަތް އިނގިލި ޖައްސާލާ ކޯލު ނެގިއެވެ.

"ކޮބާ އަރްސަލް؟" ކީފާގެ ސުވާލާއެކު ރާދިންގެ ނަޒަރު ވަގުތުން ހުއްޓުނީ އަރްސަލްއަށެވެ. އޭނާ އަނގައިން ބުނުމެއްނެތި އަރްސަލްއަށް ފޯނު ދިއްކޮށްލިއެވެ. އަރްސަލް ހައިރާންވެފައި ދެ ކޮނޑު އަރުވާލަމުން ކިހިނެއްތޯވީ ރާދިންގެ ގާތުން އަހާލީ ވައިއަޑުންނެވެ. އޭނާ ވެސް ކީފާއާ އެވަގުތު ވާހަކަދައްކަން ބޭނުންނުވެފައި އިން ކަހަލައެވެ. އެހެންނަމަވެސް މޭޒުމަތީ އޮތް އަރްސަލްގެ ވައަތްތިލައިގެ ތެރެއަށް ރާދިން ފޯނު ލައިދިނުމުން އަރްސަލްއަށް އިތުރަށް އިންކާރު ކުރާނޭ ފުރުޞަތެއް ނުލިބުނެވެ. އެހެންވެ ރާދިންގެ ފޯނު ކަންފަތުގައި ޖައްސާލަމުން އަރްސަލް ވާހަކަދައްކަން ފެށިއެވެ.

ކީފާއާ ފޯނުން ވާހަކަދައްކަމުން ދިޔަ އަރްސަލްއަށް ބަލަން ރާދިން އިނެވެ. ހިތްހަމަނުޖެހިގެން ކީފާއާ ދިމާއަށް ދެތިން އެއްޗެއް އަރްސަލް ބުނެލާފައި ނިކަން އަވަހަށް މަޢާފަށް ވެސް އެދެއެވެ. ފޯނުގެ އަނެއްކޮޅުން ކީފާ ދައްކާ ވާހަކައެއް ރާދިންއަށް އަޑު ނީވުނަސް އަރްސަލްގެ މޫނުމަތިން ފެންނަ ފޫހިކަން ރާދިންއަށް ސިއްރެއްނުވެއެވެ. އިރުކޮޅަކު އެ މަންޒަރުތައް ބަލަން އިން ރާދިންއަށް ފާޑަކަށް ހީނލެވުނެވެ.

"ރާދުގެ ކަންތަކޭމީ... ކީފާ އަހަރެމެންނާ ދުރުގައި ހުއްޓާ ކީއްކުރަންތަ އޭނާ އެނބުރި ގެނައީ. އަބަދުވެސް އޭނާ ބޭނުންވާގޮތަށް ހުރިހާ ކަމެއްކުރަން އުޅޭނީ... އަހަރެން މީ ކުޑަކުއްޖެއްތަ؟... ހޭނެކަމެއްނެތޭ ރާދު" މޭޒުމަތީ ފޯނު ބައްޕާ ރާދިންއާ ދިމާއަށް ފޯނު ފޮނުވާލަމުން އަރްސަލް ވާހަކަދެއްކިއެވެ.

"އަރްސަލްއަށް އުޅެވޭގޮތް އެނގޭތަ. އަހަރެން ބުނާ އެއްޗެއް ޤަބޫލުނުކުރީމާ ދެން އެމީހެއްގެ ބަސް ޤަބޫލުކުރާވަރުގެ މީހަކު ގެންނާކައްނު ޖެހޭނީ. އަހަންނަށް އެނގޭ އެއީ ހިޓްލަރގެ އަންހެން ވައްތަރުކަން... އެހެން ބުނީމަ މި ހަނދާންވީ. ވަކީލެއް ހޯދަން އުޅޭކަށް ނުޖެހޭނެއެއްނު. އަހަރެމެންގެ ތެރޭގައި އެކަން ކުރެވޭވަރު މީހަކު ހުއްޓަ" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ.

"ކީފާ... ޔޫ އާ ރައިޓް! އޭނާ ލޯ ޕްރެކްޓިސް ކުރެއޭ ދޯ" އަރްސަލް ހަނދާންކޮއްލިއެވެ.

"ކީފާގެ ބައްޕަގެ ލޯޕާރމްއާ ހަވާލުވެގެން ހުންނަނީ އޭނާކަމަށްވަނީ. އަރްސަލް! އަހަރެމެން ތިންމީހުންނަށް ކުރީން އުޅުނުހާ ގާތް ރަޙުމަތްތެރިންގެ ގޮތުގައި ނޫޅެވޭނެތަ؟ ކީއްވެތަ ރައްޓެހިންގެ މެދުގައި ބައިބައިވުން އުފެދެނީ. އަހަރެމެންގެ މެދުގައި އެކުވެރިކަން އުފެދުނީ އެކަކު އަނެކަކުގެ ތަފާތުތައް ދެނެތިބެއެއްނޫންތަ؟ ދިރިއުޅުމުގެ ކަންތައްތައް ރަޙުމަތްތެރިކަމަށް ހުރަހަކަށްވާންވީ ކީއްވެ؟" ކިތަންމެ މަޑުމަޑުން ރާދިން ވާހަކަދެއްކި ނަމަވެސް އެ އަޑުގައި ރިހުމެއް އެކުލެވިފައިވީކަން އަރްސަލް ދެނެގަތެވެ. ނަމަވެސް އޭނާ އެކަމާ ގުޅުވައިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވީއެވެ. ހިމޭނުން އިރުކޮޅަކު އިނދެފައި ރާދިންގެ ކޮނޑުގައި ޖަހާލާފައި ގެއަށްދާން އަރްސަލް އެދުނެވެ.

"އަހަރެމެންގެ ދެމެދުގައި އޮތް އެކުވެރިކަން ކެނޑިދާނެތަ ދުވަހަކުވެސް" ރެސްޓޯރެންޓުން ނުކުމެ ކާރަށް އަރާފައި ރާދިން އަހާލިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުކެނޑޭނެ. ރާދިން ފާޑުފާޑުގެ ފޮތް ކިޔާތީއޭ ތިހާ އިމޯޝަނަލް ވެގެން ތި އުޅެނީ. އެހެންނޫނަސް މިހާރު އަހަރެމެން ތިންމީހުން އެއްތަންވެފައެއްނު މިތިބީ" އަރްސަލް ހިނިތުންވެލީ ރާދިންގެ ހިތްހަމަޖެހުމަށެވެ.
އެޕާޓެމެންޓުން އެތެރެއަށް ވަދެވުމާއެކު އަރްސަލް އަރައިގެން ހުރި ބޫޓު ދޮރުމައްޗަށް ދޫކޮއްލާފައި ގަމީހުގެ ބެގީ ނައްޓަމުން ކޮޓަރިއާ ދިމާއަށް އައެވެ. އެތަން ބަލަން ހުރި ރާދިން ދެފަރާތައް ބޯހޫރުވާލާފައި އަރްސަލްގެ ބޫޓު ނަގާ "ޝޫރެކް"ގެ ތެރެއަށް ލިއެވެ.

ފެންވަރާލައިގެން ނުކުމެ އަރްސަލް ރީތިވާ މޭޒު ދޮށުގައި އިރުކޮޅަކު އިނެވެ. އެ މޭޒުމަތީގެ ހުސްކަން އޭނާއަށް ލޫންގެ ހަނދާން އާކޮއްދިނެވެ. މަޑުމަޑުން ކަނާއަތް ފަރާތު ވަތްގަނޑު ހުޅުވާލާފައި ކުޑަ ފޮއްޓެއްނެގިއެވެ. އޭގައިވި އަލިމަސްޖެހި އަނގޮއްޓި ނެގިއެވެ. އިރުކޮޅަކު އެ އަނގޮއްޓިއަށް ބަލަހައްޓައިގެން އިނުމަށްފަހު ގެނެސް އަރްސަލްގެ ތުންފަތުގައި ޖައްސާލިއެވެ.

"އައި މިސް ޔޫ... އައި ރިއަލީ މިސް ޔޫ ލޫން" އަރްސަލްގެ ހިތް ބުނެލިއެވެ. އެހިނދު އޭނާގެ ހަނދާނަށް ނިމްރާގެ ސޫރަ ވެރިވީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

"އައި ވިލް މޭކް ހާ ސަފާ" ދެވަނަ ފަހަރަށް އަރްސަލްގެ ހިތް ބުނެލިއެވެ. އަދި އަތުގައި އޮތް އަނގޮއްޓި އެ ކުރީން އޮތް ފޮށީގެ ތެރެއަށްލާފައި އެ އޮތް ވަތްގަނޑަށް ލިއެވެ. އަދި ލޯގަނޑުން މޫނު ބަލާލާފައި އަރްސަލްގެ ކުރުކޮއް ކޮށާފައި ހުންނަ އިސްތަށިގަނޑު ރީތިކޮއްލިއެވެ. ރީތިވާ މޭޒު ދޮށުން ތެދުވެގެން އައިސް އަލަމާރި ކައިރީ ހުއްޓި ގަމީހެއް އަރްސަލް ނެގިއެވެ. އެނބުރި ރީތިވާ މޭޒުކައިރިއަށް އައިސް ސެންޓުފުޅިން ސެންޓު ބުރުވާލުމާއެކު ގަމީހުގެ ގޮއްތައް އަޅުވަމުން އަރްސަލް ކޮޓަރިން ނުކުތެވެ. ސިޓިންރޫމާ ހަމައަށް އާދެވުނު އިރު ރާދިން ފެންނަން ނެތުމުން އެނބުރިލާފައި ރާދިންގެ ކޮޓަރި ކައިރިއަށް އައެވެ. ދޮރުގައި ޓަކި ދިނުމުން ވެސް ޚަބަރެއް ނުވުމުން ދޮރުހުޅުވާލިއެވެ. އެނދުގައި ނިދާފައި އޮތް ރާދިން ފެނުނީ ދެނެވެ. އަޑެއް ލައްވާނުލާ އަވަހަށް ދޮރުލައްޕާލާފައި އަރްސަލް ހިނގައިގަތީ އެޕާޓްމެންޓުން ނުކުންނާށެވެ.

ކާރުގައި އެކަނި އިނދެ ދުއްވަމުން ދިޔަ އަރްސަލްއަށް ދޭތެރެއަކުން ޖެހިގެން ހުރި ސީޓަށް ބަލާލެވެއެވެ. އޭނާއަކީ އެއްވެސް އިރެއްގައި ކާރު ދުއްވާ ހިތްވާ މީހެއްނޫނެވެ. އެހެންނަމަވެސް ކާރަށް ފުރަތަމަ އެރީ ވެސް ލޫންއާ ހެދިއެވެ. ޑްރައިވަރު ސީޓުގައި އަރްސަލް އިށީންނާނީ ލޫންއާއެކުއެވެ. އެހެންނޫނީ މުޅިން ވެސް ކާރު ދުއްވަނީ ރާދިންއެވެ. އެހެންވެ މިއަދު ކާރުގައި އެކަނި އިންނަން ވުމުން އޭނާގެ ހިތުގައި ރިހުމެއްވިއެވެ. ހިފަހައްޓަން އުނދަގޫވެފައިވާ އިހުސާސްތައް އަރްސަލްގެ ނިތަށް ރޫގިނަކުރިއެވެ. ދެބުމަ ގޮއްޖަހާލެވުމާއެކު ދަތްކުނޑި ވިކާލެވުނެވެ.

ދުރުގައި ކާރު ޕާކު ކޮށްފައި އައިސް ހ.ނާރިނގުގެއަށް ވަނެވެ. ދެވަނަ ފަންގިފިލާއަށް އާދެވުމާއެކު ލިފްޓުގެ ދޮރު ހުޅުވިގެން ދިޔައެވެ. އެޕާޓެމެންޓު ޓޫ.ބީ ގެ ދޮރުގައި ހަރުކޮއްފައި ހުރި ރަނގަބީލު ސުވިޗަށް އަރްސަލް އޮބާލިއެވެ. ދޮރުހުޅުވީ ބިދޭސީ އަންހެނެކެވެ. އޭނާގެ މޫނު މަތިން ފެންނަން ހުރީ ހާސްކަމެވެ.

"ނިމްރާ" އަރްސަލްއަށް ނިމްރާގެ ނަންބުނެވެންވާއިރަށް ދޮރުމަތީ ހުރި ބިދޭސީ އަންހެން މީހާ އޭނާގެ އަތުގައި ހިފާ ގޭތެރެއަށް އަވަހަށް ވަނުމަށް ބުންޏެވެ.

"ދައްތަ ފެންއުގުޅަނީ... ބޭބޭ! ނިމްރާ ހޭނެތިފަ" ހާސްވެފައި ހުރެ އަރްސަލްގެ އަތުގައި ހިފައިގެން ހުރެ ނިމްރާގެ ކޮޓަރިއާ ދިމާއަށް އެ ބިދޭސީ އަންހެން މީހާ ދިޔައެވެ.

"ދައްތާ! ކުރިން ދުވަހު އައި ބޭބެ މި ހުރީ" ބިދޭސީ އަންހެން މީހާއަށް ކޮޓަރީގެ ދޮރުމައްޗަށް އެރެންވާއިރަށް ބުނެއްޖެއެވެ.

"ތި އައީ ހާދަ ރަނގަޅު ވަގުތެއްގައޭ... ނީލަމް! އެމްބިއުލާންސަށް ގުޅާބަލަ. އަހަންނަކަށް ނޭނގެ މި ކުއްޖާއާ ބެހޭ އެއްވެސް އެއްޗެއް. އަންގާނޭ މީހަކު ވެސް ނޭނގެ... ނިކަން މީނަ ނަގަން އަހަންނަށް އެހީވެދީބަލަ. އިއްޔެ ނިމްރާއާ ބައްދަލު ކުރަން އައިން ދޯ. ތީ ކާކުތަ ނިމްރާގެ... ޕޮލިހަށް ގުޅަން ވެސް އުޅެފިން. ގޭގައި ކުއްޔަށް އުޅޭ މީހުން ބަލާކަށް މަށަކަށް ނުޖެހޭނެ އެކަމަކު މިގޭ ތެރޭގައި އޮވެ ގޮތެއްވެއްޖެއްޔާ މަގޭ ބޮލުގައި ވެސް އެޅޭނެތާ"

އަރްސަލް އަވަސް އަވަހަށް އައިސް ތަޅުން މަތީ އޮތް ނިމްރާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އޭނާއަށް ކުއްލި ހައިރާންކަމެއް ލިބިގެން ދިޔައީ އެ އަންހެންކުއްޖާ ލުއިކަމުންނެވެ. އެނދުމަތީ ނިމްރާ ބާއްވާލާފައި އެ މޫނަށް އަރްސަލް ބަލާލިއެވެ.

"އަހަރެން މިއުޅެނީ ކާރުގައި. އެމްބިއުލާންސަށް ގުޅައިގެން އަންނާނޭ އިރެއް ނޭނގެ. ދައްތަ އަންނަންވީނު އަހަންނާއެކު" ހަދާނޭ ގޮތެއް ނޭނގިފައި ހުރި އަރްސަލް ވަގުތުން ގޮތެއް ނިންމިއެވެ. އެތަނުގައި ހުރި އަންހެންމީހާ ވެސް ބޯޖަހާލިއެވެ. އެއާއެކު އަނެއްކާ ވެސް އަރްސަލްގެ އަތްދަނޑިމައްޗަށް ނިމްރާނެގިއެވެ. އަދި ނިކަން ބަލައިގެން އެ އަންހެންކުއްޖާ ހިފަހައްޓާލައިގެން ހުރެ އެޕާޓްމެންޓުން ނުކުންނަން އަވަސްވެގަތެވެ. އޭނާގެ ފަހަތުން އެ ގޭގައި އުޅޭ އަންހެން މީހާ ވެސް ނުކުތެވެ.

އަވަސްފަރުވާދޭ ބަޔަށް އަރްސަލް އައިސް ވަންއިރު އެހިސާބުގައި އުޅުނު އެންމެންގެ ލޯތައް އޭނާއަށް ހުއްޓިފައި ހުއްޓެވެ. އަރްސަލް ދުވެފައި އައި ގޮތުން މީހުންތައް އަވަހަށް އެއްފަރާތަށް ޖެހި މަގު ހަދައިދިނެވެ. ނަރުސް ކުއްޖަކު ދުވެފައި އޭނާގެ ގާތަށް އައެވެ. އެނދެއް ހަމަޖައްސައި އަވަހަށް އެ އެނދުގައި ނިމްރާ ބޭއްވުމަށް ނަރުސްކުއްޖާ އެދުނެވެ. އެއާއެކު ނިމްރާއަށް ފަރުވާދޭން ފަށައިފިއެވެ. ގިނައިރެއްނުވެ އެތަނަށް ހަލުވިކޮށް ހިނގާފައި އައިސް ޑަކްޓަރަކު މަޑުކޮއްލިއެވެ. އޭނާއާއެކު އިތުރު ނަރުހެއް ވެސް އެތަނަށް އައެވެ. ޑަކްޓަރުގެ އިރުޝާދާއެކު ދެ ނަރުހުން ނިމްރާގެ ކަންތައްތައް ބަލަން ފެށިއެވެ.

"ޝީ އިޒް ވެރީ ވީކް" ޑަކްޓަރު އެނބުރި އަރްސަލްއާއި އަންހެން މީހާއަށް ބަލާލަމުން ބުންޏެވެ. އަދި އެހެނިހެން ސުވާލު ކުރަން ފެށިއެވެ.

"އަހަންނަށް ކިޔަނީ މަރިޔަމް. އޭނާއަށް ކިޔަނީ ނިމްރާ... އަހަންނާއި އޭނާއާ އެއްވެސް ގުޅުމެއްނެތް. އެއީ އަހަރެންގެ ގޭގައި ކުއްޔަށް އުޅޭ ކުއްޖެއް. ގޭގައި ކައްކާ ކެވޭ ގޮތަކަށް ނުހުންނާނެ. ބޭރުން ގެނެސްގެން ކައި އުޅެނީ. އެހެން ނޭނގެ ބުނާކަށް އޭނާ އެންމެފަހުން ކެއީ ކޮންވަގުތެއްގައި ކަމެއް. އިއްޔެ އޭނާގެ މާމަ ނިޔާވެގެން ވަރަށް ދެރަވެފަ ހުރީ. އެމީހާ ނޫނީ ނުދެކެން އޭނާގެ ޢާއިލާ މީހަކު" މަރިޔަމް އޮޅުން ފިލުވައިދިން އިރު އޭނާގެ ވާހަކަތައް އަރްސަލްއަށް ވެސް އަޑު އިވުނެވެ. ޑަކްޓަރާއި ނަރުސްކުދީން އެމީހުންނަށް ކުރެވެން ހުރި ކަންތައްތައް ކޮއްފައި އެ ތަނުން ދިޔައެވެ. އެއާއެކު މަރިޔަމް ބަލާލީ އަރްސަލްއަށެވެ.

"ތީ ނިމްރާގެ ކާކުތަ؟ އަހަންނަކަށް މިތާ ހުރެވޭކަށްނެތް. އަހަރެންގެ މާމަ ދަރިފުޅު ނިމޭގަޑި މީ. އޭނާ ބަލާ މިއަދު ދާންޖެހޭނީ އަހަރެން. އެހެންވީމަ މިތާ މަޑުކޮއްލަންވީނު. އޭނާ ހޭ އެރީމާ ބުނޭ އަހަންނަށް ގުޅާށޭ. މި އޮތީ އޭނާގެ ފޯނު. މިކަހަލަ މީހުންނަށް ކޮޓަރި ކުއްޔަށް ދޫކޮށްގެން ނޫޅެވޭނެ" މަރިޔަމް ހިތްހަމަނުޖެހިފަ ހުރި ފަދަ ގޮތަކަށް ބުނެލިއެވެ. އަދި އަރްސަލްއަށް އެއްޗެއް ނުބުނެވެނީސް އޭނާ އެތަނުން ދުރަށް ހިނގައިގަނެއްޖެއެވެ. މަރިޔަމްގެ ނަމުން އަރްސަލް ދެތިންފަހަރު ގޮވާލީމާ ވެސް އަޑު އިވޭ ކަމަކަށް ނުހެދިއެވެ. ހީވީ އޭނާ ވެސް ހުރީ ނިމްރާގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި ހުރި ހެންނެވެ.

އެނދުކައިރީ ހުރި ޕްލާސްޓިކު ގޮނޑީގައި އަރްސަލްއަށް އިށީނދެލެވުނެވެ. މަރިޔަމް ދިން ނިމްރާގެ ފޯނަށް ބަލާލިއެވެ. ފޯނު އޮތީ ނިވިފައެވެ. ފޯނު ހުޅުވުމުން ޕިންކޯޑު ޖަހަން އެރިއެވެ. ދެތިން ފަހަރު ޖަހާލާފައި ދިމާ ނުވުމުން އަރްސަލް އެ ފޯނު ނިއްވާލާފައި ޖީބަށް ފޯނު ލިއެވެ. ނިތްކުރީގައި ވައަތްތިލަ ހިންގާލަމުން ފުންނޭވާއެއް އަރްސަލް ލިއެވެ. އަދި އެނދުގައި އޮތް ނިމްރާއަށް ނަޒަރު ހުއްޓާލިއެވެ. ހިމަދިގު މޫނެކެވެ. އެހެންނަމަވެސް އެ މޫނުވަނީ ވަރަށް ބޮޑަށް މިލާފައެވެ. ދެތުންފަތް ހިކި ކުރަކިވެފައެވެ. ކަނާތު ބުމައާއި ލޮލުގެ އެއްބައި ފޮރުވިފައި އޮތީ ނިމްރާގެ ނިތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ބަޔަކުންނެވެ. "ސްކާލެޓް" ކުލަ މުޅި އިސްތަށިގަނޑުގައި ޖައްސާފައިވެއެވެ. ހަމައެއާއެކު ފަން އިސްތަށިގަނޑު ކޮށާފައި ހުރީ ނިތްމައްޗަށް ދިގުކޮށް ހުންނާނޭ ގޮތަށް "ޕިކްސީ ހެއަރކަޓެއް" ހެންނެވެ. ދެ ކަންފަތް ތޮރުފާފައި ހުއްޓެއްކަމަކު ކަންފަތުގައި އެއްވެސް އެއްޗެއް ލާފައެއްނުވެއެވެ. ނަމަވެސް ނިމްރާގެ ނޭފަތް ތޮރުފައި ކުޑަކުޑަ އެހެއް ޖަހާފައިވާ ނޭފަތު މުދިއެއް ހަރުކޮއްފައި ހުއްޓެވެ. ނިމްރާ އުފުލާލި ވަގުތު އޭނާގެ ހަށިގަނޑުގެ ހިމަކަން އަރްސަލްއަށް އިހުސާސް ކުރެވުނެވެ. އެހެންނަމަވެސް ނިމްރާ ލައިގެން އޮތީ އޭނާ ވަރުގެ ދެ މީހުނަށް އެރެވޭހާ ބޮޑު ގަމީހަކާއި ކަށިމައްޗާ ހިސާބަށް ހުރި ދޫ ޖިންސެކެވެ. އެއްފައިގެ ކުޑަހުޅާ ހިސާބުގައި ލެދަރުން ވިޔެފައި އޮތް "އޭންކަލް ބްރެސްލެޓް"އެއް އަޅާފައި އޮތެވެ. ނިމްރާގެ ސިފަތަކަށް މިހާ ފަރުވާތެރިކަމާއެކު އަރްސަލް ބަލާލި މީ ފުރަތަމަ ފަހަރެކެވެ. ދެ ލޯ ހިމަކޮއްލާފައި އަރްސަލް މޫނު އަނބުރާލިއެވެ. ހަމައެހާ އަވަހަށް އަނެއްކާ ވެސް ނިމްރާއަށް ބަލާލިއެވެ.

"ނޯ!... ނޯ ޔޫ ކާންޓް!... ޔޫ ކާންޓް ޑައި އޮން މީ" ދަތްކުނޑި ވިކާލުމާއެކު އަރްސަލް މަޑުމަޑުން ބުނެލިއެވެ. އޭނާ އައީ ނިމްރާއަށް މެސެޖެއް ރައްދު ކުރުމަށެވެ. އެހެންނަމަވެސް ކަންތައްވީ ހީކުރި ގޮތާ ޚިލާފަށެވެ.

ނިމްރާ ބާއްވާފައި އޮތް އެނދު ކައިރީ އިން އަރްސަލްގެ ސަމާލުކަން ހޯދީ އޭނާގެ ޖީންސުގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އަވަހަށް ނަގާ ބަލާލުމާއެކު ފޯނަށް ޖަވާބު ދިނީ ރާދިންވީމައެވެ. މީހަކާ ބައްދަލުކޮއްލަނީ ކަމުގައި ބުނެ ރާދިންއަށް އަރްސަލް އޮޅުވާލިއެވެ.

"ކީފާ އަތުވެއްޖެ" ރާދިން ބުންޏެވެ.

"އަހަންނަށް ދެވޭނެއިރެއް ނޭނގޭ" ކުރިމަތީ ހުރި އެނދުގައި އޮތް ނިމްރާއަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ. އަދި ފޯނުކޯލު ކުރުކޮއްލާފައި އަވަހަށް ކަނޑާލައިފިއެވެ.

"ވަޓް ޝުޑް އައި ޑު ވިތް ޔޫ؟... ޔޫ ހޭވް ޓު ލިވް... އާން! ދިރިހުންނަން ޖެހޭނީ. އެހެންނޫނީ އަހަރެން ބަދަލު ހިފާނީ ކާކު ކިބައިން" ދެއަތުގެ ތެރޭ ފޯނު ހިފަހައްޓާލައިގެން އިނދެ ކުރިއަށް ޖެހިލާ ނިމްރާގެ ކަންފަތް ބުޑުގައި ސިއްރުސިއްރުން އަރްސަލް ބުނެލިއެވެ. އެހިނދު މަޑުމަޑުން ނިމްރާ އެސްފިޔަ ތަޅުވާލިތަން ފެނުނެވެ. އެއާއެކު އަރްސަލް ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ގޮނޑިން ތެދުވެވުމާއެކު ފަހަތަށް ޖެހިލެވުނެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ނިމްރާ ލޯ ހުޅުވާލިއެވެ. (ނުނިމޭ)