ބޮލީވުޑް

ސްރީދޭވީގެ މަރާއެކު ބޮލީވުޑަށް ހިތަމާއާ ކަޅުކަން

މިއަދު އިވިގެންދިޔަ އެންމެ ހިތާމަވެރި ހަބަރަކަށް ވާނީ ބޮލީވުޑްގެ ފުރަތަމަ ސުޕަސްޓާ ބަތަލާ ސްރީދޭވީ މަރުވި ހަބަރެވެ. ގިނަ ދިވެހިންގެ ހިތްތަކުގައި ވެސް ރަނިކަން ކުރަމުންދާ ސްރީދޭވީ، އުމުރުން 55 އަހަރުގައި މަރުވީ ފިރިމީހާ ބޯނީ ކަޕޫރްގެ އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް ހުއްޓަ އެވެ. މަރުވިއިރު ކައިރީގައި ބޯނީ އާއި ހަގު ދަރިފުޅު ހުޝީ ތިއްބެވެ.

އޮގަސްޓު، 13، 1963 ގައި އުފަންވި ސްރީ ދޭވީ އެންމެ ފުރަތަމަ ފިލްމަކުން ފެނުނީ 1969 ގަ އެވެ. އެއީ އޭނާ އުމުރުން ހަތަރު އަހަރުގައި ކުޅުނު ޓެމިލް ފިލްމު "ތުނައިވަން" އިންނެވެ. ބޮލީވުޑް ފިލްމެއްގައި ލީޑު ބަތަލާގެ ރޯލަކުން އޭނާ އެންމެ ފުރަތަމަ ފެނިގެންދިޔައީ 1978 ގައި ނިކުތް "ސޮލްވާ ސާވަން" އިންނެވެ. ސްރީދޭވީއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ، އޭގެ ހަތަރު އަހަރު ފަހުން ކުޅުނު ފިލްމު "ހިތްމަތުވާލާ" ގައި އޭނާ ދެއްކި އެކްޓިނުންނެވެ.

އައްޑިހާގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކުގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމުތަކުގެ ލިސްޓުގެ ކުރީގައިވެސް އޮތީ އޭނާގެ ފިލްމުތަކެވެ.

އެ ފިލްމުތަކުގެ ތެރޭގައި "މަވާލީ" (1983)، "ތޯފާ" (1984)، "މިސްޓަރު އިންޑިއާ" (1987)، "ޗާންދުނީ" (1989)، "ލަމްހޭ"(1991)، "ގުމްރާ" (1993) އެވެ. އޭރު އެންމެ ބޮޑު މުސާރަ ދީގެން ފިލްމު ކުޅުވު ބަތަލާއަކީ ވެސް ސްރީދޭވީ އެވެ.

ޝްރީދޭވީ 1986 ގައި ކުޅުނު އިންޑިއަން ފެންޓަސީ ފިލްމު "ނާގިނާ" އަކީވެސް މި ލިސްޓަށް ކޮންމެހެން ލާންޖެހޭ ފިލްމެކެވެ. އެ ފިލްމު ވެގެންދިޔައީ އިންޑިއާ ސިނަމާގައި ފެންޓަސީ ފިލްމުތަކަށް އިންގިލާބެއް ގެނައި ފިލްމަކަށެވެ. އެ ފިލްމުގައި ޝްރީދޭވީ ކުޅުނީ ހަރުފައަކަށް ބަދަލުވާ އަންހެނެއްގެ ރޯލެވެ. އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ އެ ފިލްމުގައި ޝްރީދޭވީ ދެއްކި "ނާގިން ޑާންސް" އަށެވެ. ބްލޮކްބާސްޓާ އެ ފިލްމަށްފަހު ސްރީދޭވީއަށް "ނަންބަރު 1 ހިރޯއިން" ގެ ލަގަބު ލިބުނެވެ.

ޑާންސް ނުވަތަ ނެށުމުގެ ވާހަކަ ދައްކާއިރު ޝްރީދޭވީއަކީ ކުޅަދާނަ ނެށުންތެރިއެއް ވެސް މެއެވެ. އޭނާގެ އެންމެ ފާހަގަކުރެވޭ ލަވަތަކުގެ ތެރޭގައި "ހަވައް ހަވާއީ" އާއި "ހަރް ކިސީކޯ ނަހި މިލްތާ ޔަހަ ޕިޔާރް ޒިންދަގީ މޭ" އާއި "މެރެ ހާތޯމޭ ނާނާ ޗޫޅިޔާރޭ" އަދި "ކާޓޭ ނަހި ކަޓް ތެ" ހިމެނެ އެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އޭނާ ވަނީ ޓެމިލް، ޓެލުގޫ، މެލެޔާލަމް އަދި ކަނައްޑާ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެ ފިލްމުތަކަށް ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވެ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅުމަށްފަހު ސްރީދޭވީ ފިލްމު ޕްރޮޑިއުސާ ބޯނީ ކަޕޫރާއެކު ޒަވާޖީ ހަޔާތެއް ފެށި އެވެ. އެ ދެމަފިރިންނަށް ލިބުނު އަންހެން ދެ ދަރިން ތަރުބިއްޔަތު ކުރުމަށް ވަގުތު ދިނުމަށް ސްރީދޭވީ ފިލްމީ ދާއިރާއިން ކުޑަ ދުވަސްކޮޅަކަށް ދުރަށް ދިޔުމަށް ނިންމި އެވެ. ދާއިރާ އިން ދުރަށްދިއުމުގެ ކުރިން އެންމެ ފަހުން ސްރީދޭވީ ފެނިގެންދިޔައީ 1997 ގައި ނިކުތް ފިލްމު "ޖުދާއީ" އިންނެވެ.

ސްރީދޭވީގެ ފިލްމުތަކުގެ ތެރެއިން މި ފިލްމަކީ ވަރަށް ފާހަގަ ކޮށްލެވޭ ފިލްމެކެވެ. މި ފިލްމުގައި ސްރީދޭވީ ފެނިގެންދިޔައީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއްގެ އަންބެއްގެ ރޯލުންނެވެ. ނަމަވެސް ސްރީދޭވީ ބޭނުންވާނީ މުއްސަނދި އަރާމު ދިރިއުޅުމެއް އުޅޭށެވެ.

ޖުދާއީއަށްފަހު ސްރީދޭވީ ފިލްމީ ދާއިރާއިން ބޮޑު ބްރޭކެއް ނެގި އެވެ. ފިލްމީ ދާއިރާ އާއި 15 އަހަރުވަންދެން ދުރުގައި ހުރުމަށްފަހު އޭނާ އަނބުރާ އައީ 2012 ވަނަ އަހަރު ނިކުތް ފިލްމު "އިންގްލިޝް ވިންގްލިޝް" އިންނެވެ. އެ ފިލްމަކީ އެ އަހަރު އެންމެ ހިޓުވި ފިލްމުތަކުގެ ލިސްޓުގައި ކުރީގައި އޮތް ފިލްމެކެވެ.

އެ ފިލްމުގައި ސްރީދޭވީ ކުޅެނީ އަންބެއްގެ ރޯލުގެ އިތުރުން ދެ ކުދިންގެ މަންމަގެ ރޯލެވެ. ސްރީދޭވީއަށް އިނގެރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭތީ އޭނާގެ ފިރިމީހާ އާއި ދަރިންގެ ފަރާތުން މަލާމަތް ރައްދުވަމުންދެ އެވެ. ނަމަވެސް ސްރީދޭވީގެ ބޮޑުދައިތަ ކުއްޖެއްގެ ކައިވެންޏަށް ނިއު ޔޯކަށް ގޮސް އިނގެރޭސި ބަހުން ވާހަކަ ދައްކަން ދަސްކުރެ އެވެ. މި ފިލްމަށް ބޮލީވުޑްގެ އިތުރުން ހޮލީވުޑުން ވެސް ތައުރީފުތައް އޮއްސާލި އެވެ.

ސްރީދޭވީ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނިކުން ފިލްމު "މޯމް" އިންނެވެ. މިއަހަރު ނިކުންނަ ޝާރުކް ހާންގެ ފިލްމު "ޒީރޯ" އިންވެސް ސްރީދޭވީ ފެނިގެންދާނެ އެވެ.

ސްރީދޭވީގެ ކާމިޔާބީތަކަށް ބަލާއިރު ފަސްފަހަރު ފިލްމުފެއާ އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންގޮސްފައިވެ އެވެ. އިންޑިއާގެ ސަރުކާރުންދޭ ފޯތް ހައެސްޓް ސިވިލިއަން އެވޯޑު (ޕަދްމާ ޝްރީ) 2013 ވަނަ އަހަރު ލިބިފައިވެ އެވެ. މީގެ އިތުރުން އިންޑިއާގެ ސިނަމާއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް 2013 ވަނަ އަހަރު "ސީއެއެން ހިންދީ" އިން ހުޅުވާލި ޕޯލެއްގައި 100 އަހަރު ތެރޭ އިންޑިއާ ސިނަމާގެ އެންމެ މޮޅު ބަތަލާއަކަށް އޭނާ ހޮވުނުވެ.

ސްރީދޭވީ މަރުވިިއިރު އޭނާ އެންމެ ބުރަކޮށް އުޅެމުންދިޔައީ އޭނާގެ ދަރިފުޅު ޖާންވީގެ ފުރަތަމަ ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގަ އެވެ. ޖާންވީ ކަޕޫރު ކުޅޭ ފިލްމު "ދަޑަކް" ރިލީޒް ކުރަނީ އަންނަ ޖުލައި މަހު އެވެ.

ސްރީދޭވީގެ މަރުގެ ހަބަރާއެކު ގިނަ ފަރާތްތަކަކުން ދަނީ އޭނާގެ އައިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ސްރީދޭވީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ޓުވީޓެއް ކުރައްވާފަ އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓުވީޓް.

ބޮލީވުޑް ގިނަ އަދަދެއްގެ ތަރިންވެސް ދަނީ ސްރީދޭވީގެ އައިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. ސްރީދޭވީގެ މަރާއެކު ބޮލީވުޑް ވަނީ ފުންހިތާމައެއްގެ ތެރެެއަށް ގަންބާލާފަ އެވެ.

ކަރީނާ ކަޕޫރު ކުރި ޓުވީޓެއް.
ކާޖޮލް ކުރި ޓުވީޓެއް.
މަނަކް ގުޕްތާ ކުރި ޓުވީޓެއް.
އަނޫޕާމް ކޭރް ކުރި ޓުވީޓެއް.