ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުން މަޖިލީހުގައި ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައި ނުގެންނެވި މައްސަލާގައި އޭނާއަށް ފިޔަވަޅު އަޅުމުގެ ވިސްނުމެއް ނެތް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް ދަމާލަން މެންބަރުން ވޯޓު ދޭން ޕީޕީއެމް އިން ތްރީލައިން ވިޕެއް ނެރުނެވެ. އެގޮތުން މިދިޔަ ހަފުތާ އަނގާރަ ދުވަހު ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގަތް ނަމަވެސް އޭނާ އެ ގަރާރަށް ވޯޓެއް ނުދެއްވަ އެވެ.
އެކަމާ ގުޅިގެން "އަވަސް" އިން ސުވާލު ކުރުމުން ނިހާން ވިދާޅުވީ ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ވޯޓު ނުދެއްވައިގެން މީގެ ކުރިން ބައެއް މެންބަރުންނަށް ފިޔަވަޅު އަޅައި ޕާޓީން ވަކިވެސް ކޮށްފައިވާ ކަމަށާއި ނަމަވެސް މެންބަރުންނަށް ފަސޭހަ ނޫން ކަންކަމުގައި އެ ޕާޓީން މިހާރު ލުއިތަކެއްދީ އެހީވަމުން އަންނަ ކަމަށެވެ.
އެގޮތުން ގަރާރު ފާސް ކުރުމަށް ބޭއްވި ޖަލްސާގައި ޕާޓީން ބޭނުންވި ގޮތަށް ނަޝީދު މަޖިލީހުގައި އިންނެވި ކަމަށާއި އެހެން ކަމުން އޭނާއާމެދު ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވި ގޮތަށް ނަޝީދު ޖަލްސާގައި އިންނެވި، އެހެންވެ އޭނާއަށް ފިޔަވަޅު އަޅާކަށް ނުނިންމަން،" ނިހާން ވިދާޅުވި އެވެ.
ގަރާރުގެ މުއްދަތު އިތުރު ކުރުމަށް ނަޝީދު ވޯޓު ނުދެއްވި އިރު އެ މައްސަލާގައި ބަހުސް ކުރަމުން އޭނާ ވަނީ ކުއްލި ނުރައްކަލުގެ ހާަލަތާ ގުޅޭ ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ހައްގުތަކާއި ގާނޫނުތައް ހިފެހެއްޓުމުގެ ބާރު ރައީސް އަބްދުﷲ ޔަމީންއަށް ލިބިވަޑައިގެންނެވި ނަމަވެސް މަޖިލީހާއި އަދުލު އިންސާފުގެ ބާރަށް ލިބިފައިވާ ބާރުތައް ހިފެހެއްޓިދާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.