ވިޔަފާރި

ގިނަ ބަޔަކާއެކު ރާއްޖެ އައިޓީބީއަށް ތައްޔާރު

Feb 25, 2018
  • އައިޓީބީ ފެއާ އަންނަ މަހު
  • ރާއްޖޭން 260 މީހުން ބައިވެރިވޭ
  • ގިނަ ބައްދަލުވުންތަކެއް ކުރިއަށްދާނެ

ރެކޯޑް އަދަދަކަށް ބައިވެރިންނާއެކު ރާއްޖެއިން މި އަހަރުގެ އައިޓީބީ ފެއާ އަށް ތައްޔާރުވެ، އެންމެ ފަހުގެ ބައްދަލުވުން ރާއްޖޭގައި މިއަދު ބާއްވައިފި އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ކޮންމެ އަހަރަކު އޮންނަ "އައިޓީބީ ބާލިން ފެއާ 2018" ގެ "ޕްރީ-މީޓިން" ވަނީ ޗަމްޕާ ސެންޓްރަލްގައި މިއަދު ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ މި އަހަރުގެ އައިޓީބީ ފެއާގައި ރާއްޖެ އިން 260 މީހުން ބައިވެރިވާނެ ކަމަށެވެ.

"މި އަހަރުގެ ފެއާގައި ވެސް ރާއްޖޭން ގިނަ އަދަދެއްގެ ބައިވެރިންގެ ބައިވެރިވުން އޮންނާނެ. މި ހުރިހާ ފަރާތްތަކެއް ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރި އަށް ގެންދާނީ،" ހާރިސް ވިދާޅުވި އެވެ.

ޖަރުމަނުގެ މެސީބާލިން ސެންޓަރުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި މި އަހަރު ވެސް ރާއްޖެ އިން އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ. މިގޮތުން މި އަހަރު ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކާއެކު 58 މީޓިންއެއް ކުރި އަށްދާނެ އެވެ. މި އަހަރު އައިޓީބީ ފެއާ އޮންނަނީ އަންނަ މަހުގެ 7-11 އަށެވެ.

އައިޓީބީ ފެއާއަކީ ރާއްޖޭން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފެއާއެކެވެ. ރާއްޖެ އިން އެންމެ ފުޅާކޮށް މި ފެއާގައި ބައިވެރިވެފައިވަނީ 2016 ވަނަ އަހަރު އެވެ. މި ފެއާ ހާއްސަކޮށްފައިވަނީ ހާއްސަ ޕާޓްނާ ހޯސްޓް ގައުމުގެ ގޮތުގަ އެވެ. އަދި މިދިޔަ އަހަރު ވެސް ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖޭން މި ފެއާގައި ބައިވެރިވެފަ އެވެ.

މި ފެއާ އަށް ކޮންމެ އަހަރަކު ވެސް 120،000 އަށް ވުރެ ގިނަ ވިޔަފާރި ވެރިން ބައިވެރިވެ އެވެ. އަދި މި ފެއާއަށް ކޮންމެ އަހަރަކު ވެސް 60،000 އަށް ވުރެ މީހުން ބައިވެރިވެ އެވެ.