ހޮލީވުޑް

ދަނުޝްގެ ހޮލީވުޑް ފިލްމު އަންނަ މޭގައި

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓާ ދަނުޝް އަންނަނީ އޭނާ ކުޅޭ ފުރަތަމަ ހޮލީވުޑް ފިލްމަށް ތައްޔާރު ވަމުންނެވެ. "ދި އެކްސްޓްރާއޯޑިނަރީ ޖާނީ އޮފް ދި ފާކިރް" ކިޔާ އެ ފިލްމު ސިނަމާއަށް ގެންނަން ހަމަޖައްސާފައި ވަނީ އަންނަ މޭ މަހު 30 ގަ އެވެ.

އެ ފިލްމުގައި ދަނުޝްއާއެކު ލީޑުން ފެނިގެންދާނީ ފްރާންސުގެ އެކްޓްރެސްއެއް ކަމަށްވާ ބެރެނީސް ބޭޝޯ އެވެ. ކޮމެޑީ ޑްރާމާ، އެ ފިލްމު ޑައިރެކްޓް ކުރަނީ ކެން ސްކޮޓް އެވެ. މިއީ ފްރާންސްގެ ވާހަކަ ލިޔުންތެރިޔަކު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.

ފިލްމުގައި ދަނުޝް ފެނިގެންދާނީ ޖާދޫގަރެއްގެ ރޯލުންނެވެ. ފިލްމުގައި އެމެރިކަން އެކްޓާއެއް ކަމަށްވާ ބަރްހާދް އަބްދީ ވެސް ފެނިގެންދާނެ އެވެ. ބަރްހާދް އަކީ 2014 ވަނަ އޭނާ ކުޅުނު ފިލްމު "ކެޕްޓަން ފްލިޕްސް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓާގެ ކެޓަގަރީން އޮސްކާއަށް ނޮމިނޭޓް ވެފައިވާ އެކްޓާއެކެވެ.

އެމެރިކަން ޓީވީ ސީރީޒްތައް ކަމަށްވާ "ޓްރޫ ޑިޓެކްޓީވް" އާއި "ޖޭސިކާ ޖޯންސް" އިން ބޮޑު މަގުބޫލު ކަމެއް ލިބުނު އެކްޓާ އެރިން މޮރިއާޓީ ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު ޝޫޓުކޮށްފައި ވަނީ އިންޑިއާ، އިޓަލީ، ފްރާންސް އަދި ލީބިޔާގަ އެވެ.

ދަނުޝްއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނީ އޭނާ ކީ ތަމަޅަ ލަވަ "ވައި ދިސް ކޮލަވެރި ޑީ" އަށްފަހު އެވެ. އެ ލަވަ ވެގެން ގޮސްފައި ވަނީ ޔޫޓިއުބުގައި 100 މިލިއަން ވިއުސް ހޯދި ފުރަތަމަ އިންޑިއާގެ ލަވަ އަށެވެ. އޭގެ ފަހުން އޭނާއަށް ވަނީ ބޮލީވުޑްގެ ފިލްމުތަކުގައިވެސް މަސައްކަތް ކުރުމަށް ފުރުސަތު ލިބިފަ އެވެ.