ބޮލީވުޑް

މޯނާ ކަޕޫރާއި ސްރީދޭވީގެ މަރުގައި އެއްގޮތް ކަމެއް!

ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަސްޓާ ސްރީދޭވީގެ ކުއްލި މަރާއެކު މުޅި ބޮލީވުޑް ވަނީ ފުން ހިތާމައަކަށް ގެނބިފަ އެވެ. އިއްޔެ ހެނދުނުން ފެށިގެން ބޮލީވުޑް ހަބަރުތައް އެންމެ ގަދައަށް ގެނެސްދޭ ނޫސްތަކުގައި ފަލަ ސުރުހީތަކުގައި ވެސް އޮތީ ސްރީދޭވީގެ ހަނދާންތަކާއި އޭނާގެ ކާމިޔާބީތަކުގެ ވާހަކަތަކެވެ. ދުނިޔޭގައި ވެސް ސުރީދޭވީގެ ސުރުހީތަކެވެ.

އެ ހަބަރުތަކުގެ ތެރެއިން އަޅައިގަތް ތަފާތު އެހެން ކަމެއް ވެސް އެބައޮތެވެ. ސްރީދޭވީ މަރުވީ އޭނާ އާއި ފިރިމީހާ ބޯނީ ކަޕޫރުގެ ދޮށީ ދަރިފުޅު، ޖާންވީ ކަޕޫރުގެ ފިލްމީ ހަޔާތް ފެށެން ކުޑަ ދުވަސްކޮޅަށްވެފައި ވަނިކޮށެވެ. ފިލްމީތަރީ އަނިލް ކަޕޫރުގެ ބޭބެ، ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ކުރީގެ އަނބި މީހާ މޯނާ ކަޕޫރު ވެސް މަރުވީ އެ ދެމަފިރިންގެ ދަރިފުޅު އަރުޖުން ކަޕޫރުގެ ފިލްމީ ހަޔާތް ފަށަން ތައްޔާރުވެ އެކަމަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ.

ޖާންވީ 21، ބޮލީވުޑަށް ތައާރަފުވާ ފިލްމު "ދަޑަކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހު އެވެ. ސްރީދޭވީ މަރުވިއިރު ޖާންވީ ހުރީ ފިލްމުގެ ޝޫޓިންގައި އިންޑިއާގެ އުދޭޕޫރުގަ އެވެ. މި ފިލްމުގައި ޖާންވީ އާއެކު ލީޑުން ފެނިގެންދާނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްޓަރު އެވެ. ޝަޝާންކް ކައިތަން ޑައިރެކްޓުކުރާ މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

އަރުޖުން 32، ބޮލީވުޑަށް ތައާރަފުވީ ފިލްމު "އިޝްގުޒާދޭ" އިންނެވެ. އެ ފިލްމު ރިލީޒްކުރީ މެއި 11، 2012 ގަ އެވެ. އަރުޖުންގެ މަންމަ، މޯނާ މަރުވީ މާޗް 15، 2012 ގަ އެވެ. މޯނާ މަރުވީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށެވެ.

އިއްޔެ އޭގެ ހަ އަހަރުފަހުން މި ވަނީ ތާރީހު އަނެއްކާ ތަކުރާރުވެފަ އެވެ. ޖާންވީއަށް ވެސް މި ކުރިމަތިވީ، ބޭބެ އަރުޖުންނަށް ކުރިމަތިވި ކަހަލަ ހިތާމައަކާ އެވެ. ސްރީދޭވީގެ މަރާއި ގުޅިގެން ފިރިމީހާ ބޮނީ އަދި ދެ ކުދިންގެ ވެސް އަދި މިހާތަނަށް މީޑިއާގައި ވާހަކަ ދައްކާފައެއް ނުވެއެވެ.

ސްރީދޭވީ އެންމެފަހުން އިންސްޓަގުރާމްކޮށްފައިވާ ފޮޓޯ.

އޭނާގެ ދަރިންނަކީ ވިސްނޭ ހެޔޮލަފާ ދަރިންތަކެއް ކަމަށް މީގެ ކުރިން އިންޑޯ އޭޝިއާ ނިއުސްއަށް ސްރީދޭވީ ދިން އިންޓަވިއުއްގައި ބުނެފައިވެ އެވެ. މަންމަ އާއި ދަރިފުޅު އަދި އައިލާގެ މެމްބަރުންނާއެކު ނަގާފައި ހުންނަ ގިނަ ފޮޓޯތަކެއް ސްރީދޭވީ އިންސްޓަގުރާމްގައި އަބަދުހެން ޕޯސްޓުކުރަމުން ވެސް އައިސްފައިވެ އެވެ.