ކުރީގެ ހޯމް މިނިސްޓަރު އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރަކީ އަބަދުވެސް އާދަޔާހިލާފު ބޭފުޅެއްގެ ގޮތުގައި އެންމެން ވެސް ސިފަ ކުރާ ބޭފުޅެކެވެ. އުމަރުގެ ގެންގުޅުއްވާ އުސޫލުތަކާއި އޭނާ ގޮތް ފާޑު ހުންނަ ގޮތާއި ބަސް މަގާއި ކަން ކުރައްވާ ގޮތުންނެވެ. މީގެ 22 އަހަރު ކުރިން ވެސް އުމަރުގެ ނަމަކީ ސިފައިންގެ ތެރޭގައި ވަރަށް މަޝްހޫރު ނަމެކެވެ. އަދި ބާސްކެޓްގައި ވެސް އެއީ އެހާ މަޝްހޫރު ނަމެކެވެ. އަދި މީގެ 22 އަހަރު ކުރިޔަށް ދާއިރު އުމަރަށް ދިމާވި މައްސަލައެއްގައި ޖަލުގައި ހައްޔަރު ކުރުމުން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރެއްވި ވާހަކައަކީ އޭރު ވަރަށް މަޝްހުރުވި ވާހަކައެކެވެ. މިއަދަކީ އުމަރު ނަސީރުގެ ހަޔާތުތެ ދަތުރުނާމާގައި އޭނާއަށް އެންމެ ފާހަގަކުރެވޭނެ އެއް ދުވަހެވެ. ސަބަބަކީ މިއަދަކީ އޭނާ ގާމާދޫ ޖަލުގައި ތަހައްމަލު ކުރެއްވި އެންމެ ހިތާމަވެރި ދުވަސްތައް ނިންމާލައި ގެއަށް ވަޑައިގެންނެވި ދުވަހަށް ވާތީ އެވެ. އުމަރު މިއަދު ވަނީ އެ ވާހަކައިން ބައެއް ހިއްސާ ކުރައްވާފަ އެވެ.
އުމަރު ވިދާޅުވި ގޮތުގައި 22 އަހަރު ކުރިން އޭނާ ސިފައިންގެ އިން ވަކިވެ ވަޑައިގެން ފަޔާ ސޭފްޓީ އަދި ސެކިއުރިޓީގެ ހިދުމަތް ދިނުމަށް "އެލާމްސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުއުފެއްދި އެވެ. އެ ހިދުމަތަކީ އަމިއްލަ ފަރާތްތަކަށް ނުދެވޭނެ ހިދުމަތެއް ކަމަށް ބުނެ އޭރުގެ ސަރުކާރުން އެ ކުންފުނި ބަންދު ކުރަން އަމުރުކޮށް އުމަރު ހައްޔަރުކުރި އެވެ.
އުމަރު ހައްޔަރު ކުރުމަށްފަހު ގެންގޮސް ބަހައްޓާފައި ހުރީ ގާމާދޫ ޖަލުގަ އެވެ. ފަހުން ހުޅު ޖަހައި އަނދާލި ހައި ސެކިއުރިޓީ އެ ޖަލުގައި ހައްޔަރު ކުރުމުން އޭނާ ފެއްޓެވީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރައްވާށެވެ. ހިންމަފުށީގައި ހުރި އެ ޖަލުގައި ނުކައި ނުބޮއި އެތައް ދުވަހެއް ވަންދެއް ޖަލުގައި އޮންނެވުމުން އޭނާގެ ސިއްހީ ހާލަތު އެތައް ފަހަރަކު ދަށަށް ދިޔަ އެވެ.
"ނުކައި އޮންނަތާ ނުވަ ދުވަސް ވުމުން، އަޅުގަނޑުގެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން ޖަލުން އަޅުގަނޑު ގޭ ބަންދަށް ބަދަލުކުރީ،" އުމަރު ވިދާޅުވި އެވެ.
މިއަދަކީ އުމަރު ގޭ ބަންދަށް ބަދަލުކުރި ދުވަހެވެ. އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެ ވާހަކަތަކުން މިންވަރެއް ވަނީ ހިއްސާ ކުރައްވާފަ އެވެ. އެ ޕޯސްޓުގައި އޭނަ ވަނީ އެ ދުވަހު ގޭ ބަންދަށް ބަދަލު ކުރުމުން ނަގާފައިވާ ފޮޓޯއެއް ވެސް ދައްކާލަފަ އެވެ. މިއީ ބަލައިލަން ރަނގަޅު ވާހަކަތަކެއް ކިޔައިދޭ ފޮޓޯއެކެވެ.
"އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާނަމަ މިއީ ރާއްޖޭގެ ޖަލެއްގައި ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް އެންމެ ދިގުކޮށް ކުރުމުގެ ރެކޯޑޭ." ބަނޑުހައި ހޫނު ކަމުގެ ހަޅުތާލުގެ ރެކޯޑު އޮތީ އޭނާ އަތުގައި ކަމަށް ބުނަމުން އުމަރު ވިދާޅުވެފައި ވެއެވެ.
އުމަރު ވިދާޅުވި ގޮތުގައި ބަނޑުހައި ހޫނުކަން މަތީ ގާމާދޫ ޖަލުގައި ހޭދަކުރެއްވި އެ ނުވަ ދުވަހު ތެރޭގައި ހަށިގަނޑުން ހަތް ކިލޯ ލުއިވެ، ތިން ފަހަރެއްގެ މަތިން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނެވެ.
ގޭ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިނިވަންކުރީ ޖުމުލަ 45 ދުވަސް ފަހުންނެވެ. މިނިވަން ކުރުމަށް ސަރުކާރުން އަމިއްލަ ފަރާތްތަކަށް ފަޔާ ސޭފްޓީ އަދި ސެކިއުރިޓީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނެވެ. އެ ހުއްދައާއެކު އެންމެ ފުރަތަމަ ރާއްޖޭގައި އެ ހިދުމަތް ދިނުމުގެ ލައިސަންސު ލިބުނީ އުމަރު ނަސީރަށެވެ.
މިއަދު ރައްޖޭގައި މި ހިދުމަތް ވަރަށް ފުޅާކޮށްދޭ ގިނަ އަދަދެއް ކުންފުނިތަކެއް އެބަހުއްޓެވެ.
ބަނޑުހައި ހޫނު ކަމުގެ އެ ހަޅުތާލު ނޫނަސް އޭނާ ވަނީ އެފަދަ ހަޅުތާލެއް ފަހުން ވެސް ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ފަތާފައި ވިލިމާލެ އާއި ހުޅުލެއަށް ދަތުރު ކުރެއްވުމުގެ އިތުރުން ރިޔާސީ ކެމްޕޭނުގައި ވެސް ފަތާފައި ރަށްރަށަށް އަރުވާފަ އެވެ. އަބަދުވެސް ތަފާތު ބޭފުޅެކެވެ. މިހާރުވެސް ސިޔާސީ މައިދާނުގައި އޭނާ އުޅުއްވަނީ އޭނާގެ އުސޫލުތަކާއެކު އެކަންޏެވެ. އެކަމަކު ޖޭޕީގެ މެންބަރެކެވެ.