ނިސްބަތުން ބަލާއިރު ރާއްޖޭގައި ހަކުރު ބަލީ ތަހައްމަލު ކުރާ މީހުންގެ އަދަދު ވަރަށް ގިނަ އެވެ. މިހެން ވާން ގިނަ ފަހަރަށް މެދުވެރި ވަނީ ކެއެއިން ބުއިމުގައި ސަމާލުވާންޖެހޭ މިންވަރަށް ސަމާލު ނުވެވޭތީ ކަމަށް ވެދާނެ އެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް މިފަދަ ކަންކަމަށް ފަރުވާތެރިވުން ވަރަށް މުހިންމެވެ.
މި އުޅެނީ ޝަކުވާއެއް ކުރާކަށް ނޫނެވެ. މި އުޅެނީ ހަކުރު ބޭނުން ކުރުމުގައި ސަމާލުވާންވީ ކަންކަން ބުނެދޭށެވެ.
ހަކުރު ބޭނުންކުރަންވީ މިންވަރު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނެރުނު ގައިޑްލައިނުގައި ބުނެފައިވާ ގޮތުން ބޮޑު މީހަކު ދުވާލަކު މޭޒު މަތީީ ސަމްސަލުގެ ހަތް ސަމުސާ ނުވަތަ 30 ގުރާމަށްވުރެ ގިނައިން ހަކުރު ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އާންމުކޮށް މޭޒު މަތީ ސަމްސަލެއްގައި ހުންނާނީ ހަތަރު ގުރާމުގެ ހަކުރެވެ.
ފިހާރަތަކުން މި ގަންނަ ކާބޯތަކެތީގެ ލޭބަލުގައި އެ ތަކެތީގައި ހަކުރު އެކުލެވޭ މިންވަރު ލިޔެފައި ހުއްޓަސް ސީދާ އޭގައި އެކުލެވޭ ހަކުރުގެ އަދަދު ވަރަށް ރަނގަޅަށް ކިޔައިގެން ނޫނީ ދެނެއެއް ނުގަނެވޭނެ އެވެ. ސަބަބަކީ ގިނަ ފަހަރަށް އެ ތަކެތީގެ ލޭބަލުގައި އޭގައި އެކުލެވޭ ހަކުރުގެ ޖުމްލަ އަދަދު ވަކިން ވަކިން ނުޖަހާ ހުންނާތީ އެވެ. ލިޔެފައިވެސް ހުންނާނީ އޮޅޭ ކަހަލަ ގޮތަކަށެވެ.
ކާބޯތަކެތި ދިރާސާކޮށް މައުލޫމާތު ޝާއިއު ކުރާ އިނގެރޭސިވިލާތުގެ ވެބްސައިޓެއް ކަމަށްވާ މައި ސުޕާމާކެޓުން، 2010 ގައި ޝައިއުކުރި ލިޔުމެއްގައި ބުނެފައި ވަނީ ފިހާރަތަކުން ގަންނަ ލިބެން ހުންނަ ސީރިއަލް ތަކުގައި އަހަރެމެން އާންމުކޮށް ކައިއުޅޭ ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ކޭކް އަދި ޑޯނަޓު ފަދަ އެއްޗެއްސަށް ވުރެން ވެސް ގިނައިން ހަކުރު ހުރެ އެވެ.
ދެން ސީރިއަލް ގަންނައިރު މިކަމަށް ސަމާލުވާށެވެ. ސީރިއަލް އެކަންޏެއް ނޫނެވެ. ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ކޮންމެ ކާއެއްޗެއް ގަންނައިރު ވެސް މިކަމަށް ސަމާލުވާށެވެ.
މޭވާ ކެއުމުގައިވެސް ސަމާލުވާންޖެހޭ
ސިއްހީ ތަޖުރިބާ ކާރުން ލަފާ ދެނީ ކޮންމެ ދުވާލަކު ދޭއް ނޫނީ ތިން މޭވާ ކެއިން އެންމެ ރަނގަޅު ކަމަށެވެ. އެކަމަކު އެ ކާ މޭވާ އާއެކު އޭގައި ހުންނަ މޭވާގެ އޮށްކޮޅު ކޮންމެސް ވަރަކަށް ކެއުން މުހިންމެވެ. އެއީ މޭވާގެ އޮށުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭތީ އެވެ. ޕްރޮޓީން ރަނގަޅަށް ލިބޭނަމަ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރެއަށް ހަކުރު ދަމައިގަންނަ މިންވަރު ކުޑަކޮށްދީ، މިހާގެ ހަކަތަ ވަރުގަދަ ކޮށްދޭނެ އެވެ.
ހަކުރުގެ އިތުރު އެއްވެސް މިންވަރެއް ނާޅާއި މޭވައިން ޖޫސް ގިރައިގެން ބުއިމަކީ ވެސް ވަރަށް ފައިދާހުރި ކަމެކެވެ.
މޭވާއަށްވުރެ ހަށިގަނޑަށް ބޮޑަށް ރަނގަޅު ވާނީ ތަރުކާރީ އެވެ. ކޮންމެ ދުވަހަކު ފަސް ވައްތަރެއްގެ ތަރުކާރީ ބޭނުންކުރެވި ދާނެ އެވެ. އެއީ ތަރުކާރީގައި ހިމެނޭ މާއްދާތަކުން ހަކުރުގެ އަސަރު ހަށިގަނޑުގައި ދައުރުވާ ލޭޔަށް ކުރާލެއް މޭވާއަށްވުރެ މަދުވާނެތީ އެވެ. ނަމަވެސް ހަކުރު ބޭނުންކުރާ މިންވަރު މަދުކުރަން ބޭނުންވާ މީހަކަށް މޭވާ ކެއުމަކީ އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު ގޮތެވެ.
މޭވާގައި ހިމެނޭ ހަކުރަކީ ގުދުރަތީ ގޮތުން އޭގައި ހުންނަ އެއްޗެކެވެ. ބާޒާރުން ގަނެގެން މި ކައި އުކޭ ހަކުރުގައި ގިނަ ފަަހަރަށް ހުންނަނީ ރަހަ މީރު ކުރުމަށް އެކި ކަހަލަ ކެމިކަލްތައް އަޅާފަ އެވެ. އޭގެ ސަބުބުން އެ ބޭނުންކުރުމުން ލިބޭ ގެއްލުން އިތުރަށް ބޮޑުވެގެންދެ އެވެ.
ގިނައިން ހަކުރު ބޭނުންކުރެވޭކަން ދަނެގަންނާނީ ކިހިނެތް؟
މިވެސް އުފެދޭނެ ސުވާލެކެވެ. ކޮންމެ ދުވަހަކު ހަކުރު ބޭނުން ކުރެވެނީ ކިހާ މިންވަރަކަށްކަން އަމިއްލައަށް ނޭނގިވެސް ދާނެ އެވެ. ސަބަބަކީ ހަކުރު ހުންނަނީ ހަމައެކަނި ފޮނި ކާއެއްޗެހީގައި ނޫން ކަމަށްވެފައި، ގިނަ ފަހަރަށް ހަކުރު ގިނައިން ބޭނުން ކުރެވުނުކަން އެނގެނީ ބައްޔެއް ވެގެން ޑޮކްޓަރަށް ދައްކާއި ޓެސްޓުތައް ހެދުމުން ކަމަށް ވާތީ އެވެ.
އެހިސާބަށް ދިއުމުގެ ކުރިން އެކަން ދަނެގަނެވިދާނެ އެވެ. އަބަދުހެން ބޮލަށް އެނބުރުން އެރުމާއި، ގުނަވަންތަކުގައި ރިހުމާއި، ކަންކަމާއި މާ އަވަހަށް ކަންތައް ބޮޑުވެ ހާސްވުމަކީ އޭގެ ނިޝާނެކެވެ. ކަންކަމާއި މެދު ކަންބޮޑުވުމުން ހަކުރު މައްޗަށް ދަނީ ކީއްވެ ހެއްޔެވެ؟ މިގޮތަށް ކަންކަމާއި ހާސްވުމުން ބައެއް މީހުން ހަމަޖެހިލާއި ސްޓްރެސް ދުއްވާލުމަށް ގިނަ ފަހަރަށް ކޮންމެ މީހަކުވެސް ކާލާނީ ނުވަތަ ބޯނީ ފޮނި އެއްޗެކެވެ.
ފޮނި އެއްޗެހި އެއްކޮށް ކެއުން ހުއްޓާލުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެސް މިންވަރަކަށް ހަށިގަނޑަށް ހަކުރުވެސް ބޭނުންވެ އެވެ. ނަމަވެސް ސަމާލުވާންވީ ގެއްލުން ނުވާނެ މިންވަރަށް ހަކުރު ބޭނުން ކުރުމަށެވެ.
ހަކަރު މަދުން ހުންނަ ލޯ ފެޓް ޕްރޮޑަކްޓަށް ބޭނުންކުރެވި ދާނެ އެވެ. ހަށިގަނޑުގައި ދައުރުވާ ލޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ކޮންމެ ތިން ގަޑިއިރަކުން ކުޑަ އެއްޗެއް ކާލުންވެސް ރަނގަޅު ވާނެ އެވެ.