ޗައިނާ

ޝީޖިންޕިންގެ ދައުރު ދަންމާލުމުގެ ބޭނުމަކީ ކޮބާ؟

ޗައިނާގެ ރައީސް ޝީޖިންޕިން އަކީ ކޮމިއުނިސްޓް ޗައިނާގެ ބާނީ މާއޯ ޒޭޑޮން އަށް ފަހު އެ ގައުމު ދުށް އެންމެ ނުފޫޒު ގަދަ ލީޑަރެވެ. ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ހިންގާ ގަވައިދު ނުވަތަ އެ ގައުމުގެ ގާނޫނު އަސާސީގައި ނަމާއެކު ވިސްނުންފުޅު ލިއުމުގެ ފުރުސަތު ޝީ ވަނީ ހޯއްދަވާފަ އެވެ. މާއޯގެ ފަހުން ޝީއަށް ނޫނީ އެ ފުރުސަތެއް ނުލިބެއެވެ.

ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ވެރިކަމުގެ ބާރުތައް އަތް މައްޗަށް ކައްސަވަން ފެއްޓެވި ޝީގެ ރައީސްކަމުގެ ފަހު ދައުރު ނިމެން އޮތީ 2023 ގައެވެ. ޗައިނާގައި މިހާތަނަށް އޮތީ އެއް ބޭފުޅަކަށް ދެ ދައުރަށްވުރެެ އިތުރަށް ވެރިކަމުގައި ނުހުންނެވޭ ގޮތަށެވެ. ނަމަވެސް އެކަން ބަދަލު ކުރަން ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އަންނާނެ ކަމަށް އެތައް ދުވަހެއް ކުރިއްސުރެ ބަލަމުން އައި އެ ބަދަލު އިއްޔެގައި ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ.

ދެކޮޅު ހަދަން ތިބީ ކޮންބައެއް؟

ޗައިނާގެ ވެެރިކަމުގެ ނިޒާމަށް މި ބޮޑު ބަދަލު ގެންނަން އުޅުމުން ނުވަތަ ގެނައުމުން އެގައުމުގައި ސިޔާސީ ގަޑުބަޑެއް ފެށިދާނެ ކަަމަށް ބަޔަކު ހީކޮށްފާނެ އެވެ. އެހެން ގައުމުތައް ތަޖުރިބާ ކޮށްފައި އޮތީ އެގޮތެވެ. ބޭފުޅަކަށް ފަހު ބޭފުޅަކު ވެރިކަމަށް ވަޑައިގަންނަވާ ގޮތަށް އޮތް ނިޒާމަކު "ވަން މޭން" ޝޯއަކަށް ބަދަލުވާ ނަމަ މީހުން އެކަމަށް އިންކާރު ކުރުމަކީ އާއްމު އުސޫލެވެ. އެކަމަކު ޗައިނާގައި އެގޮތަށް އެކަން ވާކަށް ނެތެވެ.

ޝީޖިންޕިން ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ކުރިއަށް ގެންދެވި ތަރައްގީގެ މަޝްރޫއުތަކަަށްވުރެ މާ ބާރަށް އެހެން ކަމެއް ކުރިއަށް ގެންދެވި އެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށް ގެންދަވާ ކެމްޕޭނެއްގެ ސިފަ ޖައްސަވައިގެން ކުރެއްވި ކަމަކީ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ތިއްބެވި އޭނާއާ ހިޔާލު ތަފާތުވާ އެންމެހާ ބޭފުޅުން ޖަލަށް ލެއްވުމެވެ. އެގޮތުން ކޮރަޕްޝަނާ ފަސާދައިގެ ތުހުމަތަށް ހައްޔަރުކޮށް، ކުށް ސާބިތުކޮށް ޖަލަށް ލީ މީހުންގެ ތެރޭގައި ޝީޖިންޕިންއާ ވާދަ ކުރެއްވޭ ވަރުގެ ނުފޫޒު ގަދަ 200 އަށް ވުރެ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ކަން މިހެން ހުރުމުން ޗައިނާއަށް ދެން އަންނަ އެއްވެސް ބަދަލަކަށް ގޮން ޖައްސަވައި އެކަމަށް ހުރަސް އެޅުއްވޭ ފަދަ އެއްވެސް ބޭފުޅަކު މިހާރު ސަލާމަތަކުން ނެތެވެ. އެ އެންމެ ބޭފުޅުންވީ ޖަލުގަ އެވެ. މުޅި ކޮމިއުނިސްޓް ޕާޓީއަކީ ވެސް މިހާރު "ޝީފެކްޝަން" އެވެ.

ބަދަލު ގެނައުމަށް ދައްކާ އުޒުރަކީ؟

ޗައިނާގެ ވެރިކަމުގައި އެއް ބޭފުޅަކަށް 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ނުހުންނެވޭ ގޮތަށް އޮޮތް އޮތުން ބަދަލު ކުރަން ޖެހޭ ސަބަބާ ބެހޭ ގޮތުން ސަރުކާރުގެ މައުތު ޕީސް "ގްލޯބަލް ޓައިމްސް" ގައި އިއްޔެ ލިއުމެއް ޖެހިއެވެ. އެ ލިއުން ބައްޓަން ކޮށްފައި ވަނީ ފާއިތުވި އަށެއްކަ އަހަރު ޗައިނާ ރައްޔިތުންގެ ވިސްނުން ބައްޓަން ކޮށްފައިވާ ގޮތުން ވަރަށް ފަސޭހައިން ގަބޫލު ކުރެވޭ ފަދަ ވާހަކަ ތަކެކެވެ.

ޝީގެ ވެރިކަމުގައި ޗައިނާއަށް ހޯއްދަވައި ދެއްްވި އިގުތިސާދީ ތަރައްގީގެ އިތުރުން އިޖުތިމާއީ ގޮތުން ވެސް އޭނާ ބޮޑު ބަދަލެއް ގެންނެވިއެވެ. އެގޮތުން ވަރަށް ވިސްނުންތެރިކަމާއެކު ކުރެއްވި ކަމަކީ ގައުމިއްޔަތު ދިރުވައި އާލާ ކުރެއްވުމެވެ. އެއަށް މިހާރު ފެންނަނީ ކޮންމެ ކަމެއް ގެންގޮސް ގައުމިއްޔަތާ ގުޅުވާލާ ތަނެވެ.

ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލު ވެސް އެގޮތުން ގުޅުވާލާފައި ވަނީ ގައުމިއްޔަތާ އެވެ. ގްލޯބަލް ޓައިމްސްގެ ލިއުމުގައި ބުނެފައި ވަނީ ސޯޝަލިޒަމްއާ އެކު ޗައިނާއަށް ގެންނަަ ޒަމާނީ ބަދަލުތައް ގެނައުމުގައި 2020 ވަނަ އަރުން ފެށިގެން 2035 އަށް އޮތް މުއްދަތަކީ ވަރަށް މުހިއްމު ދުވަސްތަކެއް ކަމަށެވެ.

"ހާއްސަގޮތެއްގައި 2020 - 2035 މުއްދަތަކީ ސޯޝަލިސްޓް ގައުމެއްގެ ގޮތުގައި އޮވެ ޒަމާނީ ކުރުމަށް ޗައިނާއަށް ވަރަށް މުހިއްމު ދުވަސްތަކެއް. ޗައިނާއާއި ސީޕީސީ [ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ] އަށް ސާބިތުކަމާއެކު ހަމަޖެހި އޮންނަ ވަރުގަދަ ލީޑަޝިޕެއް ބޭނުންވެއެވެ. އެހެންވީމާ ގާނޫނު އަސާސީގައި ރިޔާސީ ދައުރާ ބެހޭ ގޮތުން އޮތް ބައި އުނި ކުރުމަކީ ގައުމުގެ އެންމެ އަސާސީ އަދި އެންމެ މުހިއްމު މަސްލަހަތާއި ޕާޓީގެ ތާރީހީ މިޝަނާ އެއްގޮތަށް ކުރެވޭ ކަމެއް،" ގްލޯބަލް ޓައިމްސްގެ ލިއުމަށް ވާހަކަ ދެއްކެވި ސޫ ވެއި ވިދާޅުވެފައި ވެއެވެ. އޭނާއަަކީ ޗޮންގިން މުނިސިޕަލްޓީގައިވާ ކޮމިއުނިސްޓް ޕާޓީގެ ސްކޫލުގެ ޕްރޮފެސަރެކެވެ.

ގާނޫނު އަސާސީއަށް އެ ބަދަލު ގެނައުމުގެ މުހިިއްމުކަމާ ބެހޭ ގޮތުން ޚުދު ޝީ ވެސް އިއްޔެ ވަނީ ޕާޓީގެ އިސް ބޭފުޅުންނާ ވާހަކަފުޅު ދައްކަވާފަ އެވެ. ޗައިނާގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ޝީގެ ގިޔާދަތަށް އަދި ގޮން ޖެހުމެއް ނެތެވެ. އެކަމަކު "ވަން މޭން ޝޯ" އަބަދު ކުޅުއްވުމަކީ ވެދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ.