ސްމާޓްފޯނު އުފައްދާ އެންމެ ވާދަވެރި ކުންފުނިތަކުގެ ލިސްޓުގެ ކުރީގައި އުޅޭ ސެމްސަންގް އިން ކޮންމެ އަހަރަކު ތަފާތު ފޯނުތައް ނެރެމުން އާދެ އެވެ. ކޮންމެ އަހަރަކުވެސް ސެމްސަންގް ސްމާޓްފޯންގެ ގެލެކްސީ ސީރީޒްގެ ފޯނުތަކަށް އިންތިޒާރު ކުރެވެ އެވެ. އެ ސީރީޒްގައި އެންމެ ފަހުން ނެރުނު "އެސް8" ފޯނުތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އެސް8 އަށް ލިބުނު ތަރުހީބަށްފަހު ސެމްސަަންގުން ރޭ ވަނީ އެ ސީރީޒްގެ އާ ދެ ފޯނެއް އަނެއްކާވެސް ލޯންޗުކޮށްފަ އެވެ.
ރޭ ލޯންޗުކުރީ ގެލެކްސީ ސީރީޒްގެ "އެސް9" އަދި "އެސް9 ޕްލަސް" އެވެ. ފޯނު ލޯންޗުކުރީ ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2018 ރަސްމިއްޔާތުގެ ތެރޭގަ އެވެ. ސެމްސަންގް ފޯނުތަކަށް ލޯބިކުރާ ފަރާތްތަކަށް އާ ފޯނުގައި ހުރި ފީޗާތަކުގެ މައުލޫމާތު ބޭނުންވާނެ އެވެ.
އެންމެ ބޮޑު ބަދަލެއް އައީ ކެމެރާއަށް
އެސް9 ފޯނު ލޯންޗުކުރީ ވެސް "ދަ ކެމެރާ. ރީއިމޭޖިންޑް" ގެ ނަމުގަ އެވެ. ސެމްސަންގުން ބުނަނީ މި ފޯނުގެ ކެމެރާ މަސައްކަތް ކުރާނީ އިންސާނެއްގެ ލޮލާ އެއްގޮތަށް ކަމަށެވެ.
މިހެން ނުބުނެވެންވީ ސަބަބެއް ނެތެވެ؛ އެސް9 ފޯނުގައި އެންމެ ލެންސެއް އިނަސް 12 މެގަޕިކްސެލްގެ އެ ލެންސުން ކުރާ މަސައްކަތް ވަރަށް ވަރުގަދަ އެވެ. އެ ކެމެރާއަކީ މެކޭނިކަލް އެޖަސްޓެބަލް ކެމެރާއެކެވެ. އެ ބުނަނީ ދެން އަނދިރި ނޫނީ އަލިތަނަކަށް ވަދެ ފޮޓޯ ނުވަތަ ވީޑިއޯ ކުރާއިރު އެތަނެއްގައި ހުންނަ އަލި ކަމަކަށް ކެމަރާ އަމިއްލައަށް އެޖަސްޓުވާނެ އޭ އެވެ. މެނުއަލީ އެކަން ކުރަން ދެން މީގެ ފަހުން ކޮންމެހެން އުޅޭކަށް ނުޖެހޭނެ އެވެ.
އެސް9 ޕްލަސްގައި އިންނަ ރެއާ ކެމަރާގެ ދެ ވަނަ ލެންސުގައި މި ފީޗާ ނެތް ނަމަވެސް އެސް8 ފޯނާއި އެއް ފެންވަރަކަށް އެ ލެންސް ވެސް މަސައްކަތް ކުރާނެ އެވެ.
ކެމެރާގެ ސްލޯމޯ ފީޗާއަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މިފަހަރު އެ ފީޗާއަށް ގެނައި ބަދަލާއެކު ކޮންމެ ސިކުންތަކު 960 އިމޭޖް ކެޕްޗާކުރެވޭނެ އެވެ. މިއީ އެސް8 އާއި އަޅާ ބަލާނަމަ ހަތަރު ގުނަ ބޮޑު ބަދަލެކެވެ. މިއާއެކު ސެމްސަންގެ މި ފޯނު މިހާރު ސޮނީ ފޯނުގެ އިންޑަސްޓްރީ ސްޓޭންޑާޑް އާއި އަރާ ހަމަވީ އެވެ.
ސެކަންޑް ޖެނަރޭޝަން ޑުއަލް ޕިކްސެލް އޮޓޯ ފޯކަސް ޓެކްނޮލޮޖީ ހިމެނޭ މި ފޯނުގައި ސްލޯ މޯއަށް ލުމުން އޮޓަމެޓިކް މޯޝަން ޑިޓެކްޓް ކިޔާ ފީޗާއެއް ވެސް މަސައްކަތް ކުރާނެ އެވެ. އެ ފީޗާ އިން ކޮށްދޭ ކަމަކީ ސްލޯ މޯޝަންގައި ވީޑިއޯ ކުރާއިރު މޫވްމެންޓެއް ފާހަގަވުމުން އަމިއްލައަށް އެ ރެކޯޑް ކުރަނީ އެވެ.
ނަގާ ފޯޓޮ އޮޓޯ ސްޓޭބަލައިޒް ކުރެވޭނެ ގޮތް ހަދާފައިވާއިރު، މި ފޯނުގެ ވޯލްޕޭޕާއަށް ވީޑިއޯ ވެސް ލެވެ އެވެ. މި ފޯނުގެ ފްރަންޓް ކެމެރާއަށް ބަލާއިރު ފްރަންޓް ކެމެރާއަކީ އަށް މެގަޕިކްސެލްގެ f/1.7 ގައި އޮޓޯ އިން ފޯކަސްވާ ކެމެރާ އެކެވެ.
ފާހަގަކޮށްލެވޭ އިތުރު ފީޗާތަށް
ފޯނުގައި ދެން އެންމެ ފާހަގަ ކުރެވޭ ފީޗާއަކީ އެނިމޯޖީ އެވެ. މި ފީޗާ އިން ކޮށްދޭ ކަމަކީ އަމިއްލަ ސެލްފީއެއް ނެގުމުން އެ ސެލްފީ 3ޑީ އީމޯޖީ އަކަށް ބަދަލުކޮށްލައި ދެނީ އެވެ. މިކަމަކަށް ހާއްސަ އެޕްލިކޭޝަނެއް ފޯނުގައި އިންނައިރު އޭގެން އެ އީމޯޖީ ބޭނުންކޮށްގެން އެނިމޭޓެޑް ގިފްސް އާއި ސްޓިކާ ހެދޭނެ އެވެ. އެ ގިފްތަކާއި ސްޓިކާތައް ކީބޯޑުން ބަލާލެވޭއިރު، މެސެޖް ކުރުމަށް ބޭނުންކުރާ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް އެ އެއްޗެހި ފޮނުވާވެސް ލެވޭނެ އެވެ. މިއީ އަހަރެމެން ސްނެޕްޗެޓުގައި މި ބޭނުންކުރާ ބިޓްމޯޖީ އާއި އެއްގޮތް "3ޑީ ބިޓްމޯޖީ" އެކޭ ބުނެވިދާނެ އެވެ.
ފޯނުގެ ޑިޒައިންނަށް ބަލާނަމަ މި ފޯނުގެ ޑިޒައިން ހަމަ އެސް8ގެ ފޯނުތަކާއި އެއްގޮތެވެ. އެހެން ނަމަވެސް ފޯނުގެ މައްޗާއި ތިރީގެ ބެޒެލްސްތައް އެސް8 އަށްވުރެން ކުޑަ ވާނެ އެވެ. އައިރިސް ސްކޭނާ ހޯލްވެސް ވަނީ ފޮރުވާފަ އެވެ. އެސް9 ފޯނުގެ ދިގުމިނުގައި 5.8 އިންޗި ހުންނައިރު އެސް9 ޕްލަސްގެ ދިގު މިނުގައި ހުންނަނީ 6.2 އިންޗި އެވެ.
މި ދެ ފޯނުގެ މެމޮރީއަށް ބަލާއިރު ދެ ފޯނުގައި ވެސް މެމޮރީ ހުންނާނީ އެއްވަރަށެވެ. އެއީ 64 ޖީބީގެ މެމޮރީއެކެވެ. މައިކްރޯ އެސްޑީ ކާޑެއް ފޯނަށް ލައްވައިގެން ފޯނުގެ ސްޓޯރޭޖް 400 ޖީބީއަށް ބޮޑުކޮށްލެވި ދާނެ އެވެ.
އެސް9 ގެ ބެޓަރީގައި 3000 މިލިއޭމްޕް ޕާ އަވާގެ ހުންނައިރު އެސް9 ޕްލަސްގެ ބެޓަރީގައި 3500 މިލިއޭމްޕް ޕާ އަވާގެ ބާރު ހުންނާނެ އެވެ. މި ދެ ފޯނު ވެސް ވަޔާޑްކޮށް އަދި ވަޔަލެސްކޮށް ފާސްޓް ޗާޖް ކުރެވޭނެ އެވެ.
ފޯނުގެ ޑިސްޕްލޭގެ ރިޒޮލިއުޝަނަކީ 2960 * 1440 އެވެ. -- ތަރިއަކީ ގުނަ ފާހަގަ ކަމަށް ބަލާ -- މާނައަކީ ޑިސްޕްލޭގެ ކޮންމެ އިންޗިއަކީ 567 ޕިކްސެލް އެވެ. ފޯނުގެ ޑިޒައިން އައި އެންމެ ބޮޑު ތަފާތަކަށް ފާހަގަ ކުރެވުނީ ކުރިން ކެމެރާގެ ވާތް ފަޅީގައި އިންނަ ފިންގާ ޕްރިންޓް ސްކޭނާ މިހާރު ކެމެރާގެ ތިރިއަށް ވައްޓާލުމެވެ.
ފޯނުގައި 3.5 އެމްއެމްގެ ހެޑްފޯނު ޖެކެއް ވާތުން ތިރީގައި އިންނާނެ އެވެ. ފޯނުގެ އިން ދެ ސްޕީކަރުގެ ތެރެއިން އެއް ސްޕީކާ އިންނާނީ ވެސް އެތާނގެ ތިރީގަ އެވެ. އެސް8 ގެ ސްޕީކަރާއި އަޅާކިޔާނަމަ އެސް9 ގެ ސްޓީރިއޯ ސްޕީކަަރުގެ އަޑު އެސް8ގެ ސްޕީކަރަށްވުރެ 40 ޕަސެންޓު ގަދަވާނެ އެވެ.
މިފޯނު ތެމިގެން ފެން ވަދެ ކަމެއް ވެދާނެތީ ބިރުގަނެ ހާސްވާކަށް ނުޖެހޭނެ އެވެ. މި ފޯނަކީ ވެސް ވޯޓާ ޕްރޫފްކޮށް ޑިޒައިންކޮށްފައިވާ ފޯނެކެވެ.
ވަރަށް އަގުބޮޑު ފޯނެއް!
ސެމްސަންގެ މި އާ ފޯނުތަކުގެ އަގު ބޮޑުވާނެ ވާހަކަ މީގެ ކުރިން ވެސް އެނގުނެވެ. އެސް9 އެއްގެ އަގު އުޅެޅީ 719.99 ޑޮލަރަށެވެ. އެސް9 ޕްލަސްގެ އަގު އުޅެނީ 839.99 ޑޮލަރަށެވެ.
ފޯނަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު އަންނަ މަހު ދެއްގައި ހުޅުވާލާނެ އެވެ. އާންމުކޮށް ފޯނު ވިއްކަން ހުޅުވާލާނީ އަންނަ މަހު 16 ގަ އެވެ.