އުރީދޫގެ މެއިން ސްޕޮންސާއާއެކު، އެޗްއާރު ސަމިޓު އެންޑް އެކްސްޕޯ އަންނަ މަހު ދަރުބާރުގޭގައި ބާއްވަން ތައްޔާރު ވެއްޖެ އެވެ
އެޗްއާރު މޯލްޑިވްސް އިން ބުނީ އަންނަ މަހުގެ ތިންވަނަ ދުވަހު ފަށާ "އެޗްއާރު ސަމިޓު އެންޑް އެކްސްޕޯ 2018" ގައި ރާއްޖޭގެ ހިއުމަން ރިސޯސް ދާއިރާ (އެޗްއާރު) ގައި މަސައްކަތް ކުރާ 150 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށެވެ.
އެޗްއާރު މޯލްޑިވްސް އިން ބުނީ ޕެންޝަން އޮފީހާއި ވޯލްޑް އެޗްއާރުޑީ ކޮންގްރެސްގެ އެންޑޯޒްމަންޓާއެކު ބާއްވާ މި ސަމިޓުގައި ދެ ބައެއް އޮންނާނެ ކަމަށެވެ. މިގޮތުން ހާއްސަ ދެ ޕެނަލް ޑިސްކަޝަނެއް ވެސް އޮންނާނެ ކަމަށެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެޗްއާރު ދާއިރާގެ ހަތް ތަޖުރިބާކާރުން ވާހަކަ ދައްކާނެ ކަމަށް އެޗްއާރު މޯލްޑިވްސްއިން ބުނެފައިވެ އެވެ.
ރާއްޖޭގެ ހިއުމަން ރިސޯސް ނުވަތަ މީހުން ބިނާ ކުރުމުގެ ދާއިރާ ކުރިއަރުވައި ދިވެހިންނަށް ހުރި ފުރުސަތުތައް އިތުރުކޮށްދީ، މި ދާއިރާގެ މީހުންގެ ހިޔާލު ބަދަލު ކުރުމަށް ބާއްވާ މި ސަމިޓުގައި މި ދާއިރާގެ މަޝްހޫރު ހުރިހާ މީހުން ބައިވެރިވާނެ އެވެ.
އެޗްއާރު މޯލްޑިވްސް އިން ބުނި ގޮތުގައި "އެޗްއާރު ސަމިޓު އެންޑް އެކްސްޕޯ 2018" ގެ ރޭގަނޑު މި ދާއިރާގެ ފަރާތްތަކަށް ހާއްސަ އެވޯޑެއް ދިނުން ވެސް އޮންނާނެ ކަމަށެވެ. "50 މޯސްޓް ޓެލެންޓެޑް އެޗްއާރު ލީޑާސް" ހޮވަނީ އެ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. މިދިޔަ މަހުގެ ނިޔަލަށް ކުރިމަތިލާން ހުޅުވައިލުމުން މި އެވޯޑަށް 160 ފަރާތަކުން ކުރިމަތިލި އެވެ. މި އެވޯޑު ދޭނީ އޭބީސީޑީ ތަރުތީބުން ކަމަށް އެޗްއާރު މޯލްޑިވްސްއިން ބުނެފައިވެ އެވެ.