ޕީޕީއެމް

މި ހިނގަނީ ކޮން ކޮމެޓީއެއްގެ މަސައްކަތެއް؟

Feb 26, 2018
14

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ނިސްބަތްވާ މެންބަރުންތަކެއް ޗޮކްލެޓް ޕާރުސަލް ކުރަން ތިއްބަވާ ފޮޓޯތަކެއް ދައުރުވެ އެއަށް ފާޑުކިޔުންތަކާ ކުރިމަތިވެއްޖެ އެވެ.

އެ ފޮޓޯތަކަށް ފާޑުކިޔުން އަމާޒު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ އެ މެންބަރުން ޗޮކްލެޓް ޕާރުސަލް ކުރަން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ކައިވެނިފުޅުގެ 33 ވަނަ އަހަރުމަތި ފާހަގަ ކުރާށެވެ. އޭގެ ހަގީގަތެއް ނޭނގެ އެވެ. -- ރައީސްގެ ދެކަނބަލުންގެ ކައިވެނިފުޅުގެ އަހަރުމަތި ކަމަށް ބުނާ ފޮޓޯއެއް ވެސް ދައުރުވެ އެވެ. --

ދައުރުވާ ފޮޓޯތަކުގައި މޭޒުތަކެއްގެ މައްޗަށް ފުނިޖަހާފައިވާ މާސް ޗޮކްލެޓް ބަންދުކުރަން މެންބަރުންތަކެއް ތިއްބަވަ އެވެ. އެ ފޮޓޯތަކުން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެ ޗޮކްލެޓްތައް ކަރުދާހުގައި ބަންދުކުރައްވާ މަންޒަރެވެ. އަދި އެހެން ބައެއް މީހުން ވެސް އެކަމުގެ ތެރޭގައި އުޅޭތަން ފެނެ އެވެ.

މި ފޮޓޯތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ސިޔާސީ ބައެއް މީހުންނާއި އާންމުން ފަރާތްތަކުން އެކިކަލަ ފާޑުތައް ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ކިޔާފައި ވެއެވެ. އޭގެ ތެރޭގައި ޒާތީ ދިމާ ކުރުންތަކާއި ސިޔާސީ ފާޑުކިޔުން ވެސް ހިމެނެ އެވެ. އެތަކެއްގެ ފާޑުކިޔުންތަކުގެ ތެރެއިން ފާހަގަ ކޮށްލެވުނު އެކަކު ފާޑު ކިޔުމުގެ ގޮތުން އޭނާގެ ފޭސްބުކުގައި ޖަހާފައި ވަނީ "މިއީ މަޖިލީހުގެ ކޮން ކޮމެޓީއެއްގެ މަސައްކަތްތޯ؟" އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހާއްސަ އިމްތިޔާޒްތަކެއް ލިބި ވަޑައިގަންނަވާ އިތްޒަތްތެރި ބޭފުޅުންނެވެ. މަޖިލީހުގައި ނަމަ މެންބަރުންގެ ނަން ބޭނުން ކުރެވެނީ ވެސް ނަމުގެ ކުރިޔަށް އިތްޒަތްތެރި މެންބަރު ބޭނުން ކޮށްގެނެވެ.