ވިޔަފާރި

ބޮޑު މުސާރަ ލިބޭނެ: ހިލޭ ތަމްރީނުވާން ކެރޭނެތަ؟

Feb 26, 2018
11

އެންމެ ވަޒީފާ ގިނައީ ޓޫރިޒަމް ދާއިރާގަ އެވެ. އެންމެ މުސާރަ ވެސް ބޮޑީ ހަމަ ދާއިރާގަ އެވެ. އެކަމަކު ވަޒީފާއަށް ނުކުންނަން ދާއިރު މައްސަލައަކަށް ވަނީ އެކަށީގެންވާ ތަމްރީން ނެތުމެވެ. ދާއިރާ ގަބޫލުކުރާ ސަނަދެއް ނެތުމެވެ. އެހެންވެ، ސަރުކާރުން ވަނީ މި ދާއިރާ އަށް މީހުން ތަމްރީން ކުރުމަށް ހާއްސަ މަސައްކަތް ތަކެއް ފަށާފަ އެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) އާ ހަވާލުކޮށްގެން މި ވަނީ ޓޫރިޒަމްގެ ހުރިހާ ދާއިރާއަކުން މީހުން ތަމްރީން ކުރަން ފަށާފަ އެވެ. ކޯސް ތަކަށް ހުޅުވާލާފަ އެވެ.

ކޯސްތައް އިއުލާނު ކުރި ދާއިރާތައް

- ފްރަންޓް އޮފީސް
- ހައުސްކީޕިން
- ޓުއާގައިޑް
- ފުޑް އެންޑް ބެވަރެޖް ސާވިސަސް
- ފުޑް ޕްރިޕަރޭޝަން

ސަރުކާރާއި އިންޑަަސްޓްރީ ގަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެ މި ކޯސްތަކަށް ގްރޭޑް 7 ފުރިހަމަ ކޮށްފައި ހުރިނަމަ ބައިވެރިވެވޭނެ އެވެ. ހަތަރު މަސް ދުވަހަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެއްގައި ހިންގާ ކޯސްތަކުގައި ފީ ދައްކާކަށް ނުޖެހޭނެ އެވެ.

މި ކޯސްތަކަށް ހުށަހަޅަން ޖެހޭނީ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމާއި އައިޑީ ކާޑުގެ ދެފުށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް އަދި ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓާ އެކެވެ. ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތަކީ އަންނަ މަހުގެ އަށެއްގެ ކުރިންނެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ ނުވަތަ ޕޮލިޓެކްނިކް ބިލްޑިންގެ ކައުންޓަރަށް ނުވަތަ އީ-މެއިލް މެދުވެރިކޮށެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއަށް ވަންނަން މިއީ ރަނުގެ ފުރުސަތެކެވެ. ޓޫރިޒަމް ވަޒީފާއެއް ބޭނުންނަމަ އަވަހަށް ކުރިމަތިލާންވީ އެވެ. ބޮޑު މުސާރަ ލިބޭނެ އެވެ. ހިލޭ ދިނީމަ ތަމްރީން ވާން ކެރޭނެ ހެއްޔެވެ؟