ރިޕޯޓް

އެންމެން އަހާ ސުވާލު: ދެން ސަރުކާރު ވެއްޓޭނެތަ؟

Feb 27, 2018
17

އެކެއް ފެބްރުއަރީ އިން ފެށިގެން މިހާތަނަށް އާދެވިފައިވާ އިރު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ސަރުކާރު މިހާރު އޮތީ "ނޭވާ ހޮޅިއަށް އެޅިފަ" އެވެ. އެހެން ބުނަން ޖެހެނީ ވަރަށް ވަރުގަދަކޮށް އޮއްވާ، އެކެއް ފެބުރުއަރީގެ އެ އަމުރަކާއެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އުޅެން ޖެހުނު ހާލުންނެވެ. "ގާނޫނީ ހޮރުތަކުން" ދެމިގަނެގެން ސަރުކާރަށް އެ އަމުރުން ސަލާމަތްވެވުނީ ހަމަ ކިރިޔާ އެވެ.

ވެރިކަމުގައި އަދިވެސް ހުންނެވީ ރައީސް އަބްދުﷲ ޔާމީން އެވެ. އެކެއް ފެބްރުއަރީގެ އަަމުރުން އެމަނިކުފާނުގެ ސަރުކާރު ނިމުމަކަށް ނުގެނެވުނެވެ. ހަމައެއާއެކު ބަލާބެލުމުން އިދިކޮޅު ޕާޓީތަކުގެ ވެރިކަމަށް އައުމަށް ގެންގުޅުން ސްޓްރެޓަޖީ އަނެއްކާ ވެސް މަގުމަތީ ހަރަކާތްތަކާ ދިމާލަށް ވަނީ އެނބުރިފަ އެވެ. އަދި ކިތަންމެ ވަރަކަށް މުޒާހަރާ ކުރިޔަސް މަގުމަަތިން ސަރުކާރު ވައްޓާލަން ފުރުސަތު ނުދޭނެ ކަން ސިފައިންނާ ފުލުހުންގެ އަމަލުތަކުން އެނގެ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުނު 7 ފެބުރުއަރީ ފަހު އަށެއްކަ މަސް ދުވަސްވަންދެން މެދު ނުކެނޑި މުޒާހަރާތައް ކުރި ގޮތަށާއި މާލެއަށް މީހުން އަރުވައި ކޭމްޕްތައް ޖެހި ގޮތަށް ކަން ކުރަން ފުރުސަތެއް ނުދީ މިހާރު މިވަނީ އެކަންކަން ހަނިކޮށްލާފަ އެވެ. ކުއްލި ނުރައްކާލުގެ ހާލަތުވެސް ދަންމާލައިގެނެވެ.

ކޮންމެ މީހަކު މިހާރު އަހާ އެއް ސުވާލަކީ ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އިދިކޮޅުން މަސައްކަތް ކުރާނަމަ އެކަން ކާމިޔާބު ވާނެ ހެއްޔޭވެ؟ މިހާރު ކަންކަން ދޭ ރޭޓުގައި ކުރިޔަށްދާ ކަމަށްވަނީމަ ސަރުކާރު ވައްޓޭނެ ހެއްޔެވެ؟ މި ދުވަސްވަރު ސިޔާސީ އޮއެވަރު ބަދަލުވާލެއް އަވަސް ކަމުން އޭގެ ސީދާ ތެދު ޖަވާބެއް ހޯދަން އެކަކަށް ވެސް ފަސޭހައެއް ނުވާނެ އެވެ. ނަމަވެސް މި މަހުގެ ކުރީކޮޅި ހިނގި ކަންކަމާއި މިހާރު ކަން ހިނގަމުންދާ ގޮތާމެދު ވިސްނައިފި ނަމަ، މި ދާ މިސްރާބެއް ދެނެގަނެވިދާނެ އެވެ. ފުރަތަމަ ކަމަކަށް އަމުރު ނެރުން ސުޕްރީމް ކޯޓަށް ބަލަމާ ހެއްޔެވެ؟

ސަރުކާރުން ސިފަ ކުރާ ގޮތަށް "ގައުމީ ސަލާމަތަށް ނުރައްކާވެ، މިނިވަންކަން ގެއްލޭ" 1 ފެބްރުއަރީގެ އަމުރު ނެރުނީ ފަސް ފަންޑިޔާރުންގެ އިއްތިފާގުންނެވެ. އޭގެ ތެރެއިން ދެ ފަންޑިޔާރަކު ހައްޔަރު ކުރުމަށް ފަހު ބާކީ ތިބި ތިން ފަންޑިޔާރުން މިހާރު ނެރޭ އަމުރުތައް، އިދިކޮޅު ފަރާތްތަކަށް އެހާ "ޑިއަރެސްޓް" އެއް ނޫނެވެ. އަދި އެ ފަންޑިޔާރުން ތިއްބަވައިގެން ނެރުނު "މިނިވަންކަން ގެއްލޭ" އެ އަމުރަށް ފަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ގަރާރު ސައްހަކަމަށް ވެސް އެ ފަންޑިޔާރުން ވަނީ ކަނޑައަޅައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ތިން ފަންޑިޔާރުން ތިބީ "ފިތިފަ" އެވެ. އުއްތަމަފަންޑިޔާ އަބްދުﷲ ސައީދާއި ފަންޑިޔާރު އަލީ ހަމީދަށް އޮތް ފަދަ ތުހުމަތުތަކެއް އެ ތިން ފަންޑިޔާރުންނަށް އަތުވެދާނެތީ ބިރުން ނެރުއްވާ އަމުރުތަކެކޭ އެވެ. ނަމަވެސް އެ ވާހަކަތައް ދައްކައިގެން އިދިކޮޅު ފަރާތްތަކަށް ލިބޭ މާ ބޮޑު ކުރިއެރުމެއް ނެތެވެ.

"ސުޕްރީމް ކޯޓުން މަޖިލީހުގެ ނިންމުން ސައްހަ ނޫންކަމަށް ކަނޑައެޅިނަމަ ކުއްލި ނުރައްކަލުގެ ހާލަތު އުވި، ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ފަންޑިޔާރުން ދޫކޮށްލަން ޖެހުނީސް، އަދި ހިފަހައްޓާފައިވާ ފަންޑިޔާރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނަށް އަލުން ސަލާމަތީ ބާރުތަކުން އަމަލު ކުރަން ޖެހޭނެ، ކުރުކޮށް ބުނާނަމަ ސަރުކާރު ހަތަރު އުދަރެސް ފެނުޖެހޭނެ، ނަމަވެސް މިހާރު އަމުރުތައް އަންނަ ރާގަށް ބަލާއިރު އިދިކޮޅަށް މާ ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަކަށް ނުބެލެވޭ،" ހާލަތުގެ ގޮތުން ނަން ހާމަ ކުރަން އުޒުރުވެރިވާ ސަރުކާރުގެ އިސް ސިޔާސީ މަގާމެއް އަދާކުރާ ބޭފުޅަކު ވިދާޅުވި އެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޔާމީން އަޒުލު ކުރެވެން ހުރި ފުރުސަތުތަކެވެ. މަޖިލީސް މެދުވެރިކޮށް ވެސް އެފަދަ ހުރިހާ ދޮރުތަކެއް އޮތީ ބަންދުވެފައޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އެއީ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމާ ހަމަޔަށް ވަޑައިގެން މަސައްކަތެއް ކުރަން ބޭނުން ވަނީ މެޖޯރިޓީ ލިބިގެނެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެންބަރުންނާއި ބަންދުގައި ވެސް ބައެއް މެންބަރުން ވެސް އެބަތިއްބެެވެ. އަދި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގެ އަމުރުން ކަނޑައެޅި މައްސަލަ ވެސް އޮތީ ހިފަހައްޓާފަ އެވެ. އެކަމާ މެދު ގޮތެއް ނިންމަން އެޖެންޑާ ކުރި މައްސަލަ ވެސް އިއްޔެ ވަނީ ފަސްކޮށްފަ އެވެ.

އެހެންވެ، 12 މެންބަރުންގެ ގޮނޑީގެ މައްސަލަ ވެސް ދަނީ އިދިކޮޅަށް ފައިދާވާ ގޮތަކަށް ނޫނެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފަހަކަށް އައިސް ސަރުކާރުގެ ނިންމުންތައް "އިލްހާމް" ވާ ފަދައިން މެޖޯރިޓީ ނުގެއްލޭނެ ކަމަށް ވިދާޅުވި ވާހަކަތައް ހަގީގަތަކަށް ވެސް ވެދާނެ އެވެ. މިހާރު މަޖިލީހުގެ ތެރެއިން ފެންނަނީ ވެސް އޭނާ ވިދާޅުވި ފަދަ މަންޒަރެކެވެ. އެހެންކަމުން އެ ދިމާލުން ވެސް ދެން އިދިކޮޅަކަށް މާ ބޮޑެތި މަގުތަކެއް ކޮށިގެންދާ ތަނެއް ނުފެނެ އެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ވެސް ކުރަމުން އަންނަ އެހެންކަމެއް އޮވެ އެވެ. އެއީ ސަރުކާރު އެތެރެއިން "ފަޅަފަޅައިގެން" ދާތަން ބަލަން ތިބެ އެކަމަކާ ގުޅޭ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެފަދަ ގިނަ ކަންކަން ފެނިގެން ދިޔަ އެވެ. ސަރުކާރުގެ ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމާއި ޕްރޮސެކިއުޓާ ޖެނަރަލް ސަރުކާރުން "ހިތްހަމަ ނުޖެހޭނެ" ލަފައެއް ފުލުހުންނަށް އެރުވި އެވެ. އަދި ބައެއް ފުލުހުންނާއި ސިފައިން ވެސް 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރަން އުޅުން އަޑުތައް ވެސް އެރި އެވެ. ސުވާލަކީ އެ ދަނީ ސަރުކާރު ވެއްޓެން ހެއްޔެވެ؟

"ސަރުކާރެއް އެތެރެއިން ރޫޅުމަކީ ވެރިކަން ވެއްޓެންދާ ކަމުގެ ބޮޑު ހެއްކެއްކަން ރައީސް މުހައްމަދު ނަޝީދުގެ ދައުރުގެ ތެރެއިން ފެނިގެން ދިޔަ، ހަމަ އެގޮތަށް މި ސަރުކާރަށް ވުން ވެސް ގާތް، ހާއްސަކޮށް ޕީޖީ ފަދަ މަގާމްތައް އަދާ ކުރައްވާ ފަރާތްތަކާއި ސަލާމަތީ ބާރުތައް ރޫޅޭ ހިސާބުން ސަރުކާރުގެ ފަހު ދުވަސްތައް ގުނަން ފަށަންވީ،" އަވަސްއާ ވާހަކަދެއްކެވި އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުން ފިލާވަޅު ލިބިގަނެ، މި ސަރުކާރުން އެކަން އެގޮތަށް ވިޔަ ނުދޭން މަސައްކަތް ކުރަމުން ދާތަން އެބަފެނެ އެވެ. އަދި 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރަން އުޅޭ ފަރާތްތަކަށް ކުރީބައިގަ ފިޔަވަޅު އަޅަމުން ދާތަން ވެސް ބަ ފެނެ އެވެ. ކުއްލިއަކަށް ފުލުހުންނާއި ސިފައިން ހައްޔަރު ކުރަމުންދާ އަޑު ގަދަވެގެން މި އުޅެނީ އެހެންވެ އެވެ.

ދެން އޮތީ ސަރުކާރުގެ އިސް މަގާމްތަކެވެ. އެތަނުން އެއްވެސް ފަރާތެއް ފިކުރު ބަދަލުވެއްޖެ ނަމަ މަޖިލީސް މިހާރު އޮތް ގޮތުން އެ ބަޔަކު ވަކި ކުރުމާއި އާ ބަޔަކު އައްޔަން ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ޕީޖީއާ މެދު ހިތްހަމަ ނުޖެހޭނަމަ އާ ޕީޖީއެއް ވެސް ސަރުކާރުން އައްޔަން ކުރުމުގެ ފުރުސަތު ރައީސަށް މިހާރު އެބައޮތެވެ.

ވެރިކަން ދަމަހައްޓަން ސަރުކާރުން ކުރާ މަސައްކަތުގައި ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ޕްރެޝަރުތަކެވެ. މިއީ ވޭތުވެދިޔަ ހަތަރު އަހަރުގައި ވެސް ސަރުކާރަށް ކުރިމަތިލާން ޖެހުނު ބޮޑު މައްސަލައެކެވެ. ނަމަވެސް އޭރާ ހިލާފަށް މިހާރު ގައުމުތަކުން ނެރޭ ބަޔާންތަކުގެ ބަސްމަގާއި ގޮވާލާ ކަންކަން މާ ހަރުކައްޓެވެ. އެހެންވެ އެ ހާލަތު ނިމުމަކަށް ގެންނަން ގޮވާލާ، ގައުމުތަކުގެ ޕްރެޝަރު އެތަށް ގުނައަކަށް އޮތީ ބޮޑުވެފަ އެވެ. އިއްޔެ އީޔޫއިން ފާސް ކުރި ގަރާރަކީ އެކަމުގެ ހެއްކެކެވެ.

"ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އަޅަން ވިސްނާ ކަމަށް އީޔޫއިން ބުނުމުން އެއިން ދޭހަ ކޮށްދެނީ ޔޫރަޕުގެ އިންވެސްޓަރުންނަށާއި ބޭންކުތަކާއި އެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އަސަރު ކުރާނެ، އެއީ މީގެ ނަތީޖާއަކީ، އީޔޫއިން ރާއްޖެއާ މެދު އަޅާނީ ކިހާވަރެއްގެ ފިޔަވަޅެއްތޯ ވިސްނަމުން ގެންދާ އެއްވެސް ބޭންކަކުން ރާއްޖެއަށް މިހާރު އެހީ ނުދޭނެ،" މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް އެކަންކަމާ ގުޅޭ ގޮތުން ރާއްޖޭން އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވި ގޮތުގައި އީޔޫ އިން ގޮވާލާފައި ވަނީ މައިގަނޑު އެންމެ ކަމަކަށް ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކާއެކު ވާހަކަތައް ބާއްވާށެވެ. އަދި އެކަން ކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއްމުކޮށް މިކަހަލަ ސްޓޭޓްމަންޓް ތަކުގައި މި ބަލާ ގޮތަކީ އޭގަ މި ބުނާ އެންމެ ފަހު ސެންޓެންސްގެ އިންނަ ފަހު ސެންޓެންސް އެއީ އެމީހުން ގޮވާލާ ގޮވާލުމަކީ. އޭގައި ގޮވާލާފައި މިއޮތީ ރާއްޖޭގެ ޕާޓީތަކާ މަޝްވަރާ ކުރުމަށް. އޯލް ޕާޓީ ޕޮލިޓިކަލް ޓޯކްސް އަށް ގޮވާލާފައި މި އޮތީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވެސް އީޔޫގެ ނިންމުމަށް ރައްދުދެމުން ބުނެފައިވާ ގޮތުގައި 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރެވޭނެ ގާނޫނީ ހަމައެއް މިހާރު ނެތެވެ. އަދި ކުއްލި ހާލަތު އުވާލާނީ ވެސް ގައުމީ ސަލާމަތާށް ނުރައްކާވާ ކަންކަން ރަނގަޅުވާން ފެށީމަ އެވެ. އަނެއްހެން ބުނާނަމަ އިސްލާހު ކުރަން އީޔޫ އިން ހުށަހެޅި ކަންކަމަށް ސަރުކާރުން އެ ދެނީ ބީރުކަންފަތެކެވެ. އެގޮތަށް ހަދަން ނިންމާނީ ބޭރުގެ ޕްރެޝަރަކުން ވެރިކަމެއް ގުޑުވާ ނުލެވޭނެކަން އެ ފަރާތްތަކަށް ކަށަވަރުވުމުންނެވެ.

ސަރުކާރު ވެއްޓުނަސް ނުވެއްޓުނަސް ހަގީގަތަކީ ގައުމުގެ ހާލަަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އެކެއް ފެބްރުއަރީގެ އަމުރު ދަނީ "ވަޅުލެވެމުން" ނެވެ. ކަންކަން މިފަދަ ގޮތަކަށް އޮތަސް އިދިކޮޅުން އަދިވެސް ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އޭގެ އިތުރުން މި ދަންޑިވަޅުގައި ބޮޑެތި ބާރުތަކުގެ ސްޓޭންޑް ކޮންމެ ކޮޅަކަށް ވެސް އެނބުރިދާނެ އެވެ. ސަރުކާރުން ހަދާނެ އެއްޗެއް ހަދަން ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން އަދި ދުވަސްކޮޅެއް އެބަ އޮތެވެ. އޭގެ ކުރިން ބަދަލެއް ނުފެނިއްޖެ ނަމަ އިދިކޮޅުން ދެން ޖެހޭނީ ލީޑަރުން ނެތް އިންތިހާބަކާ ކުރިމަތިލާން ކަމަށް ވެސް ވެދާނެ އެވެ.