1 ފެބުރުއަރީގެ "ބަޣާވާތް"

ބާޣާވާތް ކުރަން އުޅުނު ކަމަށް ތުހުމަތުވި މައްސަލަތައް ޕީޖީއަށް ފޮނުވަނީ

ބަޣާވާތެއްކޮށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ހައްޔަރު ކޮށްފައިވާ ބޭފުޅުންގެ މައްޗަށް ކުރާ ބައެއް ތަހުގީގުތަކަށް އެކަށީގެންވާ ހެކި ލިބިފައިވާތީ އެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މި ހަފުތާގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ނުދޭ ގޮތަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މުއައްސަސާއިން ތަހުގީގު ކުރަމުންސަރުކާރު ވައްޓާލަން އުޅުންކަމުގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުންކަމުގެ ހެކި ލިބިފައިވާ ކަމަށާއި މިދިޔަ އަހަރުގެ 24 ވަނަ ދުވަހު މަޖިލީސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން ފާރިސް މަސައްކަތް ކުރި ކަމުގެ ހެކި ވެސް ލިބިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

އޭގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝްގެ ވެރިޔާ ހަސަން ސައީދު ހުސައިން ހަސަން އާއި އަބްދުﷲ ސައީދު އަދި އަލީ ހަމީދު އަގު ބޮޑެތި ފްލެޓުތައް ގަތުމަށް އެހެން ކުންފުންޏަކުން ވެސް ގިނަ އަދަދަކަށް ޑޮލަރު ލިބިދީފައިވާ ކަމަށާއި އެ ފައިސާ އެ ބޭފުޅުން ހޯދި ކަމުގެ ޑޮކިއުމަންޓު ހެކިތައް ވެސް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"އެ ދެ މައްސަލާގެ ވެސް ހެކިތައް އަޅުގަނޑުމެންނަށް މިވަނީ ލިބިފައި، އަދި ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިޔަށް މިދަނީ،" ޝިފާން ވިދާޅުވި އެވެ. "މިކަންކަން ހިމެނޭ ގޮތުން މި ބޭފުޅުންނަށް ނިސްބަތްވާ ހާއްސަކޮށް މިވަގުތު މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތައް މި ހަފްތާގެ ތެރޭގައި އިރާދަކުރެއްވީއާ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ދައުވާ ކުރުމަށްޓަކައި ފޮނުވާނެ ވާހަކަދަންނަވަން،"

ޝިފާން ވިދާޅުވީ އެ ފަރާތްތަކުން ބައެއް މުއާމަލާތްތައް ރާއްޖެއިން ބޭރުގައި ވެސް ހިންގާފައިވާ ކަމަށް ތަހުގީގުން މިހާތަނަށް އެނގިފައިވާ ކަމަށާއި އެހެންކަމުން ފުލުހުންގެ ޓީމުތަކެއް ބައެއް ގައުމުތަކަށް ފޮނުވާފައިވާ ކަމަށާއި އެގޮތުން ތަހުގީގަށް ބޮޑެތި ކުރިއެރުން ލިބުނު ކަމަށެވެ.

"މީގެ ތެރެއިން ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުގެ ގައުމުތަކުން ގަނެފައިވާ ޕްރޮޕަޓީޒްތަކުގެ މައުލޫމާތާއި އެކަމާ ގުޅިގެން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަމުން އެބަދަން، އޭގެ ތެރެއިން މުހިންމު ބައެއް ސާމާނާއި މައުލޫމާތު ލިބިއްޖެ، ހާއްސަކޮށް އެ ތަންތަން ޔަގީން ކުރެވި ތަހުގީގުގެ ތެރެއިން ރާއްޖެއިން ބޭރުން ކަންކަން ކުރެވިފައިވާ ގޮތް ކަށަވަރު ކުރެވިއްޖެ،" ޝިފާން ވިދާޅުވި އެވެ.