ހަބަރު

ހެކިތަކެއް އަނބުރާ ދޭން އަމުރެއް ނެރެން އުއްތަމަ ފަނޑިޔާރު އުޅުއްވި: ފުލުހުން

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގެ ހެކިތަކެއް އެ ނިސްބަތްވާ ފަރާތްތަކަށް އަނބުރާ ދިނުމަށް އަމުރެއް ނެރެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މަސަކަތް ކުރެއްވި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރަށްފަހު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަމިއްލަ މަސްލަހަތު އިސް ކުރައްވައިގެން ވަކި ގޮތަކަށް ޝަރުއީ ދާއިރާ ބައްޓަން ކުރަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެކިތަކެއް ތަހުލީލު ކުރަމުން ދަނިކޮށް އެތަކެތި ނިސްބަތްވާ ފަރާތްތަކަށް އެ ހެކިތައް އަނބުރާ ދިނުމަށް އަމުރު ނެރެން އުޅުއްވި ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި އެ ނުފޫޒުގެ ތެރެއިން ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

"އަމުރަށް ފަހު ދެ ފަނޑިޔާރުން އިސްވެ ތިބެގެން ޖުޑިޝަރީގެ މުޅި ނިޒާމްވަކި ގޮތަކަށް ބައްޓަން ކުރައްވާ ބައެއް ފަރާތްތަކާ ގުޅޭގޮތުން ހިނގަމުން ދިޔަ ތަހުގީގުތަކަކަށް ފުލުހުން ސީޒްކޮށްފައިވާަ ހެކި ތަހުލީލު ކުރަމުން ދާ ސްޓޭޖުގައި ހުއްޓާ އެ ފަރާތްތަކަށް ރައްދު ކުރުމަށް އަމުރު ނެރެ އެކަހަލަ ބޮޑެތި މަސައްކަތްތައް ޖުޑިޝަރީގެ ތަފާތު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މަސައްކަތް ކުރަމުން ދިޔަ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން މިހެން ވިދާޅުވި ނަމަވެސް އެއީ ކޮން މައްސަލަތަކާ ގުޅޭ ހެކިތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތެއް ވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދީފައެއް ނުވެ އެވެ.