ވިޔަފާރި

ރާއްޖެ އިން ކާޑު ހުހެއް ނުވޭ، ޝޯޓޭޖެއް ނެތް: އެސްޓީއޯ

ރާއްޖެ އިން ކާޑު ހުސްވެގެން އުޅެން ނުޖެހޭނެ ކަމުގެ ޔަގީންކަން، އެސްޓީއޯ އިން މިއަދު ދީފި އެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ރާއްޖެ އިން ކާޑު ހުސް ނުވާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދޭ ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް ޔަގީން ކޮށްދެން. އިރާދަކުރެއްވިއްޔާ މި ތަކެތީގެ [ތެލާއި ބޭހާއި ކާޑު] ޝޯޓޭޖެއް ނާންނާނެ. ރާއްޖެ އަށް ބޭނުންވާ ވަރަށް އަބަދު ވެސް އެ ބާވަތްތައް ހުންނާނެ. އެ ބާވަތްތަކުގެ ޝިޕްމަންޓްތައް ބަރާބަަރަށް ރާއްޖެ އަންނާނެ. އަތޮޅުތަކުގެ ޑިސްރިބިއުޓަރުން ވެސް ތިބޭނެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފާމަސީތައް ހުންނާނެ. އެހެންވެ ޑިސްޑިބިއުޓް ވެސް ކުރެވޭނެ،" ޝަހީރު ވިދާޅުވި އެވެ.

ރާއްޖެ އިން ކާޑުގެ ބާވަތްތައް ހުސްވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު ބައެއް ސިޔާސީ ފަރާތްތަކުން ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ. އެސްޓީއޯއިން ބުނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެސްޓީއޯއަކީ ރާއްޖެއަށް ތެލާއި ކާޑު އެތެރެކުރާ ކުންފުންޏެވެ. އެ ކުންފުނިން ދަނީ އެ ބާވަތްތައް މުޅިރާއްޖެ އަށް ފުޅާ ދާއިރާއެއްގައި ސަޕްލައި ކުރަމުންނެވެ.