ދިވެހި ސިނަމާ

ލީނާގެ ޝޫޓިން ދިޔައީ ވަރަށް މަޖާކޮށް!

މިހާރު އެންމެނަށް ވެސް އެންމެ އިންތިޒާރު ކުރެވޭ ފިލްމު، "ލީނާ" ގެ ޝޫޓިން ނިންމައި ފިލްމުގެ ކްރޫ ވަނީ މާލެ އައިސްފަ އެވެ. އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓުކުރާ މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.

އއ. އުކުޅަހުގައި މި ފިލްމު ޝޫޓް ކުރަމުން ދިޔައިރު ޝޫޓިންގެ ތެރެއިން ފިލްމުގެ ބައެއް ލީޑު ތަރިން ވަރަށް މަޖާކޮށްފައި ނަގާފައިވާ ވީޑީއޯއެއް މުއާ އޭނާގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ހިއްސާކުރި އެވެ. މިއާއެކު ފިލްމުގެ ޓީމުން ފޯރީގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާކަން އެނގުނެވެ.

"ވަރަށް ސަޅިކޮށް ޝޫޓިން ދިޔައީ. ޝޫޓިންގައި ތަރިންނާއި ކްރޫއިން ކުރި ބުރަ މަސައްކަތާއި މެދު ވަރަށް ހިތްހަމަޖެހިފަ މިހުރީ." މި ފިލްމުގައި ވިލަންގެ ރޯލުން ވެސް ފެނިގެންދާ މުއާ ފިލްމުގެ ޝޫޓިން ދިޔަ ގޮތާއި ބެހޭގޮތުން ބުންޏެވެ.

މި ފިލްމުގެ ލީޑު ރޯލު "ލީނާ" ގެ ރޯލުން ފެނިގެންދާނެ ބަތަލާ މަރިޔަމް އައްޒަ ވެސް ހުރީ ޝޫޓިން ދިޔަ ގޮތާއި މެދު ވަރަށް ހިތްހަމަޖެހިފަ އެވެ. ފާއިތުވި އަހަރު އޭނާގެ ފިލްމުތަކަށް ލިބުނު ކާމިޔާބީއަށްފަހު މި ފިލްމަށް ކުރާ އުއްމީދު ވެސް ބޮޑެވެ.

"ފިލްމު ކާސްޓާއި ކްރޫ އާއި މެދު ވަރަށް ހިތްހަމަޖެހޭ. ވަރަށް ރަހުމަތްތެރި މާހައުލެއްގައި ވަރަށް މަޖާކޮށްފައި ޝޫޓިން ނިމިގެންދިޔައީ ވެސް." އަދި މިހާތަނަށް މަސައްކަތްކުރި އެއްވެސް ފިލްމެއްގެ މިހާ މަޖާ ނުކުރާ ކަމަށް އައްޒަ ބުންޏެވެ.

"ވަރަށް ހިތްހަޖެހިގެން ކުރެވުނު މަސައްކަތެއް އަނެއްކާވެސް. އައްޒަގެ އެންމެ ބެސްޓް ދިނިން. ދެން މިހާރު އެންމެ ބަލާލަން ބޭނުންވަނީ ފިލްމު ބަލާފައި ބެލުންތެރިން މިއަށް ރިއެކްޓުކުރާނެ ގޮތް." މި ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދުކުރާ ކަމަށް އައްޒަ ބުންޏެވެ.

ފިލްމުގައި "ލީނާ" ގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާ އަލީ އާޒިމް (ދޮންއައްޔަ) ވެސް ބުނީ މިހެންނެވެ:

"ވަރަށް ފަންކޮށް ޝޫޓިން ދިޔައީ. ޓީމް ވޯކް ފެންނާނެ. ވަރަށް ސަޅި ކާސްޓަކާއެކު މި މަސައްކަތް ކުރެވުނީ." އައްޔަ ބުންޏެވެ. "މުއާއާއެކު އަލަށް ފިލްމެއްގައި މި މަސައްކަތްކުރީ. މުއާ އެންމެނާ ވެސް ވަރަށް ގުޅޭ، އެހެންވީމަ މަސައްކަތް ކުރަން ވެސް ވަރަށް ފަސޭހަވި."

ކުރިއަށް އޮތްތަނުގައި މުއާގެ އިތުރު ފިލްމުތަކުގައި މަސައްކަތް ކުރަން އައްޔަ މިހާރު ބޭނުންވެއެވެ.

"އައްޒަގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު މި ފިލްމުގެ ޝޫޓިންގެ ތެރެއިންވެސް. މި ފުރުސަތުގައި އައްޒައަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." މިދިޔަ އަހަރު ނިކުތް އައްޒަގެ އެންމެ ބޮޑު ތިން ފިލްމުގައިވެސް އައްޔަ ފެނިގެންގޮސްފައިވެ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު އައްބާސް، އަހްމަދު ސައީދު، އަދި މަރިޔަމް ހަލީމް އެވެ.

ނުޒޫ ކުޅޭނީ އައްޒަގެ ބެސްޓް ފްރެންޑުގެ ރޯލެވެ. އައްޒަގެ މަންމަގެ ރޯލުން މަރިޔަމް ހަލީމް ފެނިގެންދާނެއިރު މުއާގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާނީ ޒީނަތެވެ. ސައީދު ކައުންސިލުގެ ރައީސްގެ ރޯލުން ފެނިގެންދާއިރު ނިމާލްގެ ކުޑަ ރޯލެއްވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.

މި ފިލްމު ތައްޔާރުކުރަނީ މީގެ 16 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނަ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެންނެވެ.

އަހްމަދު ޒަރީރުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ މި ފިލްމަކީ މުއާގެ ފުރަތަމަ ޑައިރެކްޝަން ވެސްމެ އެވެ. ފިލްމުގައި އެސިސްޓެންޓް ޑައިރަކްޓަރެއްގެ ގޮތުގައި ނިމާލް ހަރަކާތްތެރިވި އެވެ.

މުއާ އަދި ސައްޔާހު އައްބާސް ޕްރޮޑިއުސްކުރާ މި ފިލްމުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ، އަންނަ އޭޕްރީލް މަހުގެ ފަހުކޮޅު ނޫނީ މެއި މަހުގެ ކުރީކޮޅު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭތޯ ބަލާނެ ކަމަށް މުއާ ބުންޏެވެ.