ވާހަކަ

ބުނެދޭށޭރުހެމޭ

(25 ފެބްރުއަރީ 2018 އާ ގުޅޭ)

"ވަޓް ޝުޑް އައި ޑު ވިތް ޔޫ؟... ޔޫ ހޭވް ޓު ލިވް... އާން! ދިރިހުންނަން ޖެހޭނީ. އެހެންނޫނީ އަހަރެން ބަދަލު ހިފާނީ ކާކު ކިބައިން" ދެއަތުގެ ތެރޭ ފޯނު ހިފަހައްޓާލައިގެން އިނދެ ކުރިއަށް ޖެހިލާ ނިމްރާގެ ކަންފަތް ބުޑުގައި ސިއްރުސިއްރުން އަރްސަލް ބުނެލިއެވެ. އެހިނދު މަޑުމަޑުން ނިމްރާ އެސްފިޔަ ތަޅުވާލިތަން ފެނުނެވެ. އެއާއެކު އަރްސަލް ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ގޮނޑިން ތެދުވެވުމާއެކު ފަހަތަށް ޖެހިލެވުނެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ނިމްރާ ލޯ ހުޅުވާލިއެވެ.

ކުޑަކޮށް ލޯ ހުޅުވުމާއެކު ނިމްރާ ކަނާއަތް ހިއްލާލައި މޫނާ ހުރަސްކޮއްލިއެވެ. އެސްފިޔަ ތަޅުވާލި ގޮތުން ހީވީ ތަނަށް ވެރިވެފައި އޮތް ގަދަ އައްޔަށް އޭނާގެ ދެ ލޯ ހޭނުމަށް މަސައްކަތް ކުރާ ހެންނެވެ. އެއްޗެކޭ ބުނަން ނިމްރާ އުޅުނެވެ. އެހިނދު ވައިއަޑެއް އަނގައިން ނުކުތެވެ. ހަމައެއާއެކު ހިކި ކޮއްޓެއް ނިމްރާއެރިއެވެ. މި މަންޒަރު ބަލަން ދުރުގައި ހުރި އަރްސަލް އަވަހަށް ހިނގައިގަތީ ނަރުސްކުއްޖަކު ހޯދުމަށެވެ.

ނަރުސްކުއްޖަކު އައިސް ނިމްރާގެ ބަލާ ހަދަންދެން އަރްސަލް ހުރީ ދުރުގައި މަޑުކޮއްލައިގެންނެވެ. އެނދުގެ ވަށައިގެން އެލުވާފައި ހުރި ފޮތިގަނޑާ ކުޑަކޮށް ނިވާ ވެލައިގެން އަރްސަލް ހުއްޓާ ނަރުސް ކުއްޖާ ނުކުމެއްޖެއެވެ. އޭނާ އަރްސަލްގެ ގާތުގައި ހުއްޓިލާފައި ވާހަކަދައްކަން ފެށިއެވެ.

"ޕޭޝަންޓު ހޭ އެރީމަ އޭނާއަށް ދިޔާއެއްޗެހި ދޭން ފަށަން ޑަކްޓަރު ބުނުއްވާފަ އޮތީ. އޭރުން މަޑުމަޑުން ގައިގާ ވަރުޖެހިދާނެ. ކޮންމެ ދެގަޑިއިރުން ނޫނީ ހަތަރުގަޑިން ދިނީމަ ރަނގަޅުވާނެ" ކުޑަކޮށް ހިނިތުންވެލާފައި ނަރުސްކުއްޖާ ބުންޏެވެ. އަރްސަލް އެއްޗެއް ބުނޭތޯ އިރުކޮޅަކު މަޑުކޮއްލާފައި ނަރުސްކުއްޖާ އެނބުރި ދިޔައީއެވެ. ނަރުސްކުއްޖާ ބުނި ފަދައިން ކަންތައްކުރަންވީ ކަމާމެދު އަރްސަލް ވިސްނަން ހުރި ކަހަލައެވެ. އެހެން ހުއްޓާ ނިމްރާ ނޭފަތް ދަމާލި އަޑުއިވުނެވެ. ނިވާވެގެން ހުރި ފޮތިގަނޑުގެ އެއްފަރާތުން ކުޑަކޮށް ބޯދިއްކޮއްލާ އަރްސަލް ބަލާލިއެވެ. އަރިއަކަށް އެނބުރި އޮވެ ނިމްރާ ރޮނީއެވެ. ފުންނޭވާއެއް އަރްސަލްއަށް ބޭރުކޮއްލެވުނެވެ. އަދި ހަލުވިކޮއް ހިނގާފައި ބޭރަށް ނުކުންނަން ދިޔައެވެ.

* * * *

އަނބިމީހާ ގޮވައިގެން ހޮސްޕިޓަލުން ނުކުންނަން އައި ބިލާލަށް ހޮސްޕިޓަލުގެ ތެރެއިން އަރްސަލް ފެނުނުހެން ހީވިއެވެ. އަވަސް އަވަހަށް ފަހަތަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ކޮތަޅެއް ހިފައިގެން އަވަސްފަރުވާދޭ ބަޔަށް އަރްސަލް ގޮސް ވަންނަނިކޮށް ފެނުނެވެ.

"އަރްސަލް ދޯ އެއީ. އޭނާ ބަލީތަ؟" ބިލާލާއެކު ހުރި ޝަރުމީނު އަހާލިއެވެ.

"ހަމައެއްގޮތަކަށް ވެސް ނޭނގެ! ރާދިން ނުބުނޭ އެކަހަލަ ވާހަކައެއް" ހައިރާންވެފައި ހުރި ބިލާލު ބުނެލިއެވެ.

"ބިލާލު ދޭބަލަ ވެގެން އުޅޭ ގޮތެއް ބަލާލަން" ކަންބޮޑުވެފައި ޝަރުމީނު ބުނެލިއެވެ.

"އަހަރެން ގޮސްގެން ރަނގަޅެއްނުވާނެ. ހިނގާ!... އަހަރެން ރާދިންއަށް މި ގުޅަނީ" ބިލާލު އޭނާގެ އަނބިމީހާ ގޮވައިގެން ހިނގައިގަތެވެ. އަދި ފޯނު ނަގާ ރާދިންއަށް ގުޅިއެވެ.

ޕާކުކޮއްލާފައި އޮތް ކާރު ކައިރިއަށް އާދެވުމުން ބިލާލު މަޑުކޮއްލީ ފޯނުން ރާދިންއާ ވާހަކަދައްކަން ހުރީމައެވެ. ފޯނުކޯލު ނިންމާލާފައި ބިލާލު މާޔޫސްކަމުގެ ފުންނޭވާއެއް ދޫކޮއްލިއެވެ.

"ކީކޭ ރާދިން ބުނީ؟" ބިލާލުގެ މޫނަށް ބަލަން ހުރެ ޝަރުމީނު އަހާލިއެވެ.

"އޭނާއަކަށް ވެސް ނޭނގޭ. ގުޅީމަ ބުންޏޯ އެހާ އަވަހަކަށް ގެއަކަށް ނުދެވޭނޭ...." ބިލާލުގެ ވާހަކަ މެދުކަނޑާލީ ޝަރުމީނު ވާހަކަދައްކަން ފެށުމުންނެވެ.

"ބިލާލު! އަރްސަލްއަށް ކަމެއްވީތަ؟ އޭނާ އެކަކު ގާތުގައި ވެސް ނުބުނެ ހޮސްޕިޓަލުގައި އެ އުޅެނީ... އަހަރެންގެ ހިތް ވަރަށް ބިރުގަނޭ. އަޅެ ދޭބަލަ އޭނާއަށް ވީގޮތެއް އޮޅުން ފިލުވަން. ރުޅި އަޔަސް ތީ ބައްޕައެއްނު. އެ ހައްޤު ލިބިގެންވެއެއްނު. މިހެންވެގެންނޭ އަހަރެން ބޭނުންވީ އަރްސަލް އެނބުރި ގެއަށް ގެންނަން... އޭނާގެ އެ ހުންނަ ރުޅިގަނޑު އަހަންނަށް ވެސް އެނގޭ. އެކަމަކު ލޯ ކުރިމަތީގަތާ ހުންނާނީ އެކުއްޖާ. ލޫންގެ ހަނދާންތަކާ ވަކިވާން ފަސޭހައެއްނުވާނެ. ޢާއިލާގެ ލޯތްބާއި އަޅާލުން މިވަގުތު އަރްސަލްއަށް ބޭނުންވާނެ. އެކަމަކު އޭނާ ނުދެކޭ އަހަރެމެންނަކީ އޭނާގެ ޢާއިލާ ކަމަކަށް" ކަންބޮޑުވުމާއެކު ބިލާލުގެ ވައަތު މުލައްދަނޑީގައި ޝަރުމީނު ހިފާލިއެވެ.

"ރާދިން އެބަ އާދޭ... އަހަރެން ދިޔަޔަސް ވެގެން އުޅޭ ގޮތެއް އޭނާ ނުބުނާނެ. ޝަރޫ! އަހަންނަށް ވެސް އަބަދު ވިސްނެނީ އަރްސަލްއާ މެދު. ކުރިއަށްވުރެ ބޮޑަށް މިހާރު އަދި މާބޮޑަށް ކަންބޮޑުވޭ. ލޫން ނިޔާވުމާއެކު އަރްސަލްގެ އުޅުމަށް ބަދަލު އަތުވެއްޖެ. ރާދިން ވެސް ހުންނަނީ އަރްސަލްއާ މެދު ކަންތައްކުރާނޭ ގޮތެއް ނޭނގިފައި... ޝަރޫ! މިތާ އަހަރެމެން މަޑުކުރުމަށްވުރެ ގެއަށް ދިއުން ރަނގަޅުވާނީ. ރާދިންއަށް އޮޅުންފިލިހާ އަވަހަކަށް އޭނާ ގުޅާނެ" ބިލާލު ކުރިއަށް ޖެހިލާ ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. އެއާކު ޝަރުމީނު އަރައިފިއެވެ. ދޮރުފަތް ލައްޕާލާފައި ކާރުގެ ކުރިމަތިން ލާފައި ވަށާލައިފައި އައިސް އަނެއްފަރާތުން ކާރުގެ ކުރީ ދޮރުފަތް ހުޅުވާލާ ބިލާލު އެރިއެވެ. އަދި އޭނާގެ ގެ ކަމަށްވާ ހ.ޕްރިމްރޯޒްއަށް ދިއުމަށް ޓަކައި ކާރު ދުއްވާލައިފިއެވެ.

* * * *

ލޯ މަރާލައިގެން އޮތް ނިމްރާ މަޑުމަޑުން ލޯ ހުޅުވާލީ އޭނާގެ ގާތުގައި މީހަކު ހަރަކާތްތެރިވާކަން އެނގިގެންނެވެ. އެއާއެކު ޖޫސްޕެކެޓުން ފްލާސްޓިކު ޕާޓީ ތަށްޓަކަށް ޖޫސް އަޅަން ހުރި އަރްސަލް ފެނުނެވެ. ހާސްކަން ލިބިގެން ދިޔަ ނަމަވެސް ބަހެއް ނުބުނެ ނިމްރާ އޮތެވެ. އަރްސަލްއާ އޭނާގެ ނަޒަރު ވަތްކެއްނުވެއެވެ.

"އަން! މި ބޮއެ" ހަރުކަށި ރާގެއްގައި ޖޫސް އެޅި ތަށި ނަގާ ނިމްރާއަށް ދިއްކޮށްލަމުން ބުންޏެވެ. ކުޑަކުއްޖަކު ފަދައިން ނިމްރާ މަޑުމަޑުން ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އޭނާއަށް ނުތެދުވިގެން އުޅޭހެން ހީވެ އަރްސަލް ކުއްލިއަކަށް ނިމްރާގެ ބުރަކަށި ދަށަށް އަތްލައްވާލާ ކޮޅަށް ނެގުވިއެވެ. އަދި އަނެއްއަތުން ޖޫސްތަށި އަނެއްކާ ވެސް ދިއްކޮށްލިއެވެ. ނިމްރާ ތަށިގައި ދެއަތުން ހިފާ އެތި ފޮދެއް ބޯލިއެވެ. މިކްސްފުރުޓު ޖޫހަކީ ނިމްރާއަށް ވަރަށް ނުބައި އެއްޗެކެވެ. އެހެންވިޔަސް އެވަގުތު އޭނާ ދެ ލޯ މަރާލާފައި ޖޫސް ތަށި ހުސްކޮއްލައިފިއެވެ. ތަށި އަރްސަލްއަށް ދިއްކޮށްލަންވީތޯ ހިތަށް އަރާފައި އިރުކޮޅަކު ނިމްރާއަށް އިނދެވުނެވެ.

"އަދިބޭނުންވަނީތަ" ހުސް ތަށި ނިމްރާ ހިފަހައްޓައިގެން އިންނަން ފެށުމުން ހަރުކަށިކަމާއެކު އަރްސަލް އަހާލިއެވެ. އެއާއެކު ދެފަރާތަށް ނިމްރާ ބޯހޫރުވާލިއެވެ. ދެން ފެނުނީ ނިމްރާގެ އަތުގައި އޮތް ތަށި އަރްސަލް ނެގިތަނެވެ. އަދި އެނދުގައި ނިމްރާ ބޭއްވުމާއެކު އޭނާގެ ބުރަކަށި ދަށަށް ލައްވާލާފައި އޮތް އަރްސަލް ނިކަން އަވަހަށް ދަމައިގަތް ތަނެވެ.

އެނދު ކައިރީ ހުރި ގޮނޑީގައި އަރްސަލް އިށީނެވެ. އޭރު ވެސް ނިމްރާގެ ނަޒަރު ހުރީ އަރްސަލްއަށް ހުއްޓިފައެވެ. ހިތާއި ސިކުނޑީގައި އެތައް ސުވާލުތަކެއް ދައުރުވަމުން ދިޔައެވެ. އެހެންނަމަވެސް އަރްސަލްއާ ސުވާލެއް ކުރާނޭ ހިތްވަރެއް އޭނާގެ ނެތެވެ.

"މަރުވަން ބޭނުންވީތަ؟" ހިމޭންކަން ފުނޑުފުނޑުކޮއްލަމުން އަރްސަލް ބުނެލިއެވެ. އޭނާގެ ހަރުކަށިކަން ނިމްރާ އިތުރަށް ހާސްކުރުވިއެވެ.

"އެހާ ފަސޭހައިން ކަލޭ މަރުވެގެން ނުވާނެ. އަހަންނަށް ލިބޭ ކޮންމެ ވޭނެއް ތަޙައްމަލު ކުރަންޖެހޭނެ މީހަކީ ތީ. އަހަރެން ކަލޭ ސަލާމަތްކުރީ އޭގެ ބަދަލު ހޯދަންވެގެން. އަހަރެން ބުނާ ހުރިހާ ކަމެއް މީގެ ފަހުން ކަލޭ ޖެހޭނީ ކުރަން"

"އައި އޭމް ސޮރީ..." އަރްސަލްގެ ވާހަކައިގެ މެދު ތެރެއިން މަޑުމަޑުން ނިމްރާ ބުނެލިއެވެ.

"ކަލޭގެ ސޮރީއިން ހުރިހާކަމެއް އިހު އޮތް ގޮތަށް ބަދަލުކުރެވިދާނެތަ؟ ނުވަންޏާ ދެން ތި ސޮރީގެ ބޭނުމަކީ ކޮބާ؟ އަހަރެން އަޑު އަހާކަށް ބޭނުމެއްނޫން ކަލޭ އިތުރަށް ސޮރީ ބުނާ އަޑެއް. ކަލެއަށް ކުރެވުނު ކުށް އެނގޭތަ؟ އެކަމާމެދު ކަލޭ ކުޑަކޮށް ވެސް ވިސްނާލިންތަ؟ ކަލޭ ކަހަލަ އަންހެނަކަށް މަޢާފު ހައްޤެއް ވެސް ނުވާނެ"

އަރްސަލްގެ ފޯނު ވައިބްރޭޓްވާން ފެށުމުން އޭނާގެ ސަމާލުކަން ނިމްރާއާ ދުރަށް ދިޔައެވެ. ޖީބުގައި އަތް ޖައްސާލުމާއެކު ފޯނު ނެގިއެވެ. އޭނާއަށް ގުޅަނީ ރާދިންއެވެ. ނިމްރާއަށް ބަލާލާފައި އަރްސަލް އިންތަނުން ތެދުވިއެވެ. ނިމްރާއަށް ނުފެންނާނޭހެން ފަރުދާއާ ނިވާވެލާފައި ފޯނަށް ޖަވާބު ދިނެވެ.

"ކާކު ބުނީ އަހަރެން ހޮސްޕިޓަލުގައޭ" އަރްސަލްއަށް ހައިރާންކަން ލިބިގެން ދިޔައެވެ.

"ރައްޓެއްސެއް ބުނީ... އަހަރެން ވެސް މި ހުރީ ހޮސްޕިޓަލް ތެރޭ. ކޮންތާކު އަރްސަލް ތި ހުރީ" ރާދިން ބުންޏެވެ. އެއާއެކު އަރްސަލްއަށް ހާސްކަމާއެކު ނިމްރާ އޮތް އެނދަށް ބަލާލެވުނެވެ. އެތަނަށް މިވަގުތު އިތުރު މީހަކު އަންނާކަށް އަރްސަލް ބޭނުމެއްނޫނެވެ. އޭނާ ނިމްރާއާ ދިމާއަށް ގޮވާލަން ބޭނުންވާ އެތައް ވާހަކައެއް އެބަހުއްޓެވެ. އެހެންނަމަވެސް ރާދިންއަށް އޮޅުވާލައިގެން ކަމެއް ކުރުން ފަސޭހަ ނުވާނޭ އަރްސަލްގެ ޟަމީރު އެއްބަސްވިއެވެ.

"އަހަރެން... އަހަރެން މިހާރު ހޮސްޕިޓަލަކު ނޫނޭ" ރާދިން ގޮވާލި އަޑާއެކު އަރްސަލް އަވަސްއަވަހަށް ބުނެލިއެވެ.

"އެކަމަކު ކާރު އެބައޮތް ޕާކުކޮއްފައި" ރާދިން ބުނި އެއްޗަކުން އަރްސަލް ބަސްހުއްޓުނެވެ. ރާދިންއަކީ އޭނާ ހީކުރާ ވަރަށްވުރެ މާ ވިސްނުން ރަނގަޅު މީހެކެވެ.

"އަހަރެން މި ނުކުންނަނީ" އަރްސަލް ވަގުތުން ފޯނުކޯލު ކަނޑާލިއެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު އަރްސަލް އެނބުރި ނިމްރާގެ ގާތަށް އައެވެ.

"ކަލޭ އުޅޭ ގޭގެ މީހާ ބުނި އޭނާއަށް ގުޅަން. އަހަރެން ދާން ޖެހިގެން މި ދަނީ. އަހަންނަށް އެނގޭ ކަލެއަށް ފައިސާ ބޭނުންވާކަން. މީ އަހަރެންގެ އެޑްރެސް ކާޑު. އަހަރެންނާ ގުޅޭނޭ ގޮތް މި ކާޑުން އެނގޭނެ. މީގެ ފަހުން ކަލޭ މަސައްކަތް ކޮއްދޭނީ އަހަންނަށް. އަހަރެން ބުނިހާ ކަމެއް ކުރަންޖެހޭނެ" އަވަސް އަރުވާލާފައި ވާހަކަދެއްކި ނަމަވެސް އަރްސަލްގެ އަޑުގައި ހުރި ހަރުކަށިކަމާއި ނުރުހުންތެރިކަން ފިލައިގެން ނުދެއެވެ. އޭނާގެ ވޮލެޓުން ނެގި އެޑްރެސް ކާޑު ނިމްރާއާ ދިއްކޮށްލުމާއެކު އޭނާ ހިފުމުގެ ކުރީން ކާޑު ދޫކޮއްލިއެވެ. އަދި އެނބުރި ދިއުމަށް ހިނގައިގަތެވެ.

ރާދިންއާ އަރްސަލް ބައްދަލުވާއެކު ނިމްރާއާ ދިމާވިކަމުގެ އެއްވެސް ޚަބަރެއް އަރްސަލް ކިޔައެއް ނުދިނެވެ. ރާދިން ކުއްލި ގޮތަކަށް ހޮސްޕިޓަލަށް އަންނަން ޖެހުނު ގޮތަކާ މެދު އަރްސަލް ސުވާލުކުރިއެވެ.

"އަރްސަލްއަށް ކަމެއްވީކަމަށް ހީކުރީ. އެހެންވެ އަވަހަށް އައީ. އެނގޭ ކަމެއްވިޔަސް މިހާރު ތި ހުރި ސްޓޭޖުގަ ނުބުނާނެކަން އެކަކު ކައިރީ ވެސް. އެހެންވީމަ ހާސްވާނެ ދޯ" ރާދިން ބުންޏެވެ.

"ކޮބާ ކީފާ؟ އަނެއްކާ އޭނާ ގާތު ވެސް ބުނެފަތަ ތި އައީ" އަރްސަލް އަހާލިއެވެ.

"ނޫން! އަހަރެން މުހިންމު ކަމަކު ދާން ޖެހިއްޖެއޭ ބުނީމަ ކީފާ ގެއަށް ދިޔައީ" ރާދިން އޮޅުންފިލުވައިދިނެވެ. ދެ ޒުވާނުން ވާހަކަދައްކަމުން ކާރާ ހަމައަށް އައެވެ.

* * * *

ދެ ދުވަހު ހޮސްޕިޓަލުގައި ބާއްވާފައި ނިމްރާ ދޫކޮއްލިއެވެ. އޭނާގެ އެއްވެސް އެހީތެރިއަކު ނެތިގެން ނަރުސް ކުދީން ސުވާލު ކުރިއެވެ. އެ ސުވާލުތަކަށް ނިމްރާ ޖަވާބު ދާރީ ވިއެވެ. ހޮސްޕިޓަލުގެ ބިލް ދައްކަން ދިޔައިރު ބިލު އޮތީ އަރްސަލް ކިޔާ މީހަކު ފައިސާ ދައްކާ ގޮތަށް ނިންމާފައެވެ. ނިމްރާއަށް ކަމެއް ދިމާވެއްޖެނަމަ ގުޅަން ވެސް އޮތީ އަރްސަލްގެ ނަންބަރު ދީފައެވެ. މަޑު ހިނގުމެއްގައި ނިމްރާ ހޮސްޕިޓަލުން ނުކުތެވެ. އޭނާގެ އަތުގައި އެކައްޗެއް ވެސް ނެތެވެ. ކުރިއަށް ހިނގައިގަންނަން އުޅެފައި އިސްއުފުލާ އުޑުމައްޗަށް ބަލާލިއެވެ. ހޮސްޕިޓަލުގައި ހުރި ގަޑިއަކުން ހެނދުނު އެގާރަޖަހައިފިކަން ނިމްރާއަށް އެނގުނެވެ. އެހެންނަމަވެސް އުޑުމަތިން ބަލާލުމުން ހީވަނީ މެންދުރުގެ ވަގުތު ހެންނެވެ. ބޯފިހޭހާ ގަދަ އަވި ދީފައި އޮތެވެ. ކޮންކުރީޓު އިމާރާތްތަކުން ފުރިފައި އޮތް މާލޭގައި ހިޔާކޮޅެއް ނެތެވެ. މަޑުމަޑުން ނިމްރާ ހިނގައިގަތީ އޭނާ އުޅޭ އެޕާޓްމެންޓަށް ދާށެވެ.

ތިނެއްޖަހާއިރަށް ސްކޫލަށް ގެންދަންވާއިރަށް މަރިޔަމް އޭނާގެ މާމަ ދަރިފުޅަށް ކާންދޭން ކާމޭޒު ދޮށުގައި އިންދާ ބެލްއަޅާލި އަޑު އިވުނެވެ. އެއާއެކު ސިންކު ދޮށުގައި ހުރި ނީލަމްއަށް ގޮވާލާފައި ކާކުތޯ އައީ ބަލަން ދިއުމަށް މަރިޔަމް ބުންޏެވެ. ނީލަމް އައިސް ދޮރު ހުޅުވާލި އިރު ނިމްރާ ހުރި ތަން ފެނުމުން ހިނިތުންވެލިއެވެ. މޭޒު ދޮށުގައި އިން މަރިޔަމްއަށް ނިމްރާ ފެނުމުން ފާޑެއްގެ ގޮތްތަކެއްވިއެވެ. އެހެންވިޔަސް މޫނުމަތިން އެ އަސަރުތައް ފޮރުވާލަމުން އޭނާ ނިމްރާއަށް ގޮވާލިއެވެ.

"އާދޭ ކާން. ކޮންއިރަކު ދޫކޮއްލީ؟ އަހަންނަށް ގުޅާލިނަމަ" މަރިޔަމް ދިން ދަޢުވަތު ވަގުތުން ނިމްރާ ޤަބޫލުކުރިއެވެ. އޭނާ އެ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެކަން މަރިޔަމްއަށް އިހުސާސްވީ ކަމުގައި ނިމްރާ ހިތައް އެރިއެވެ. ލުއި ހިނިތުންވުމެއް މަރިޔަމްއާ ބަދަލުކޮއްލުމާއެކު މަޑުމަޑުން އައިސް މޭޒު ދޮށުގައި ނިމްރާ އިށީނެވެ.

"ނީލަމް އޭނާއަށް ތަށި ނަގައިދީބަލަ... ނިމްރާ! އަހަރެން އެބައޮތް ވާހަކައެއް ދައްކާލަންވެފައި" މަރިޔަމް ބުނެލިއެވެ.

"ބުނޭ" މަޑުމަޑުން ނިމްރާ ބުނެލިއެވެ.

"މިހާރު މި މަސް ނިމުނީނު... ނިމްރާ އެހެންތަނެއް ހޯދަންވީނު" މަރިޔަމް އުނދަގޫ ގޮތަކަށް ބުނެލިއެވެ. (ނުނިމޭ)