ބިރުވެރި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ އުފާވެރި ހަބަރެކެވެ. ބިރުވެރި ފިލްމުތައް ތައްޔާރު ކުރުމުގައި ދިވެހި ސިނަމާގައި އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ފިލްމެއް ސްކްރީނަށް އަންނަ މިހާރު އޮތީ ތައްޔާރަށެވެ.
"ސަނދުރަވިރޭ" އާއި "އުދަބާނި" ފަދަ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އަމްޖޭ މިފަހަރު ގެނެސްދޭ ފިލްމަކީ "ރޭވުމުން" އެވެ.
މި ފިލްމަކީ އަމްޖޭގެ 52 ވަނަ ފިލްމަށްވާއިރު، މި ފިލްމަކީ 2011 ވަނަ އަހަރު ނިކުތް އަމްޖޭގެ ފިލްމު "ހިތޭދޭމީ" އަށްފަހު ނިކުންނަ ފުރަތަމަ ފިލްމެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މި މަހު 24 ގަ އެވެ. މި ފިލްމުގެ ޓިކެޓް މި މަހު ފަހަކުން ފަށައިގެން އޮލިމްޕަހުން ވިއްކަން ފަށާނެ އެވެ.
ފިލްމުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޝާއިއުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ ޝެއާކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ ޓިކެޓް ހިލޭ ދޭން ވެސް ވަނީ ނިންމާފަ އެވެ.
އަމްޖޭ ބުނީ މި ފިލްމަކީ ބިރުވެރި ފިލްމެއް ނަމަވެސް މުޖުތަމައުގައި ހިނގާ ގިނަ ކަންކަމަށް އަލިއަޅުވާފައިވާނެ ކަމަށެވެ. މި ފިލްމުގެ މަންޒަރުތަށް ނަގާފައި ވަނީ ހުޅުމާލޭގަ އެވެ.
"ބިރުވެރި ފިލްމެއް ނަމަވެސް މި ފިލްމު ތައްޔާރުކޮށްފައި ވާނީ މިވަގުތު މުޖުތަމައުގައި ހުރި ބައެއް މައްސަލަތަކުގެ މައްޗަށް ބިނާކޮށް. ހާއްސަކޮށް ގޯތި ގެދޮރުގެ ދަތިކަމަށް އަލިއަޅުވާލާފައި ވާނެ." އަމްޖޭ ބުންޏެވެ.
މި ފިލްމުގެ ލީޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ތަރި ނާއިފާ އަޒޫރު (ނާ) އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ހިމެނެނީ މަރިޔަމް ޝަކީލާ، މުހައްމަދު ޝާޒް (ތަޖޫބެ) އާއި ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) އެވެ.
ފިލްމުގެ ސްކްރީންޕްލޭ ވެސް ތައްޔާރުކުރީ އަމްޖޭ އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ އަމްޖޭ އާއެކު ޝާޒް އަދި މަނިކު އެވެ. މި ފިލްމު ރިލީޒް ކުރަނީ އަމްޖޭގެ އަމިއްލަ ޕްރޮޑަކްޝަން ޖޭޒް ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުންނެވެ.
ކެމެރާ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާ އެނބޫ) އެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކޮށްފައި ވަނީ އަހުމަދު ޒިޔާ އެވެ. ހަތަރު ލަވަ ހިމެނޭ މި ފިލްމުގެ މިއުޒިކްގެ މަސައްކަތްކުރީ ހުސައިން ސޮބާހު އެވެ.
"މި އަހަރު ނިކުންނަ އެންމެ ކާމިޔާބު ބިރުވެރި ފިލްމަށް މި ފިލްމު ވާނެ ކަމަށް އުއްމީދު ކުރަން." އަމްޖޭ ބުންޏެވެ.