ސ. ހިތަދޫ

ވެންޓިލޭޓާގެ ކަރަންޓް ކެނޑުނީ އިއްޔެ، މީހާ މަރުވީ މިއަދު: ހޮސްޕިޓަލް

Feb 27, 2018
1

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ހާލު ބޮޑު ބަލި މީހަކަށް ގުޅި ވެންޓިލޭޓަރުން ކަރަންޓް ކެނޑުނީ އިއްޔެ ކަމަށާއި އެމީހާ މަރުވެފައިވަނީ މިއަދު ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. ހޮސްޕިޓަަލުން އެހެން ބުނީ ވެންޓިލޭޓަރުގެ ކަރަންޓް ކެނޑުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި އޮތް މީހަކު މަރުވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު މުހައްމަދު ނަޖީބު މިއަދު ވިދާޅުވީ، ވެންޓިލޭޓާއިން ކަރަންޓް ކެނޑުމުގެ ސަބަނުން މީހަކު މަރުވެފައި ނުވާ ކަމަށެވެ. ނަމަވެސް އިއްޔެ އެ ހޮސްޕިޓަލަށް ގެންދިޔަ ހާލު ބޮޑު ބަލި މީހަކަށް ގުޅާފައި ހުރި ވެންޓިލޭޓާއިން ކަރަންޓް ކެނޑުނު ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ކެނޑިފައިވަނީ މިނެޓެއްހާއިރަށް ކަމަށާއި އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ޕޭޝިއަންޓަށް ނުލިބޭ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 75 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެނދުނެވެ.

ނަޖީބު ވިދާޅުވީ، ވެންޓިލޭޓާއިން ކަރަންޓް ކެނޑުމާއި ގުޅިގެން އެވަގުތު އެތަނުގައި ތިބި ނަރުހުން ޕޭޝިއަންޓަށް ދޭން ޖެހޭ ފަރުވާ ވަގުތުން ދީފައި ކަމަށެވެ. އަދި އެކަމާ ގުޅިގެން އެގަޑީގައި ވެސް އަދި ފަހުން ވެސް މައްސަލައެއް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ނަޖީބު ވިދާޅުވި އެވެ.

"ކަރަންޓް ކެނޑުނީ އިއްޔެ އިރުއޮއްސި 6 ގައި، ޕޭޝަންޓް މަރުވެފައިވަނީ މިއަދު ހެނދުނު، ވެންޓިލޭޓަރުން ކަރަންޓް ކެނޑުމުގެ ސަބަބުން އެއްވެސް މީހަކު މަރެއް ނުވޭ،" ނަޖީބު ވިދާޅުވި އެވެ.

ނަޖީބު ވިދާޅުވީ، ބަލިމީހާ އަކީ ގެނައި އިރުވެސް ބަލި ހާލު ބޮޑު މީހެެއް ކަމަށް ޑޮކްޓަރު ރިޕޯޓް ކޮށްފައިވާ ކަމަށާއި އަދި އެކަން އާއިލާއަށްވެސް އަންގާފައިވާނެ ކަމަށެވެ.

އާއިލާއިން ވަނީ އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލްގެ އިހުމާލުން ކަމަށް ތުހުމަތު ކޮށްފަ އެވެ.