ވިޔަފާރި

ބީއެމްއެލް އިން އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފި

Feb 27, 2018
1

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.

މިއީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ހޯދައި ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެކެވެ.

ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ޝަހާ ވަހީދު ވިދާޅުވީ ގައުމީ ޔުނިވާސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް މި އިންޓަރންޝިޕް ޕްރޮގްރާމް ހުޅުވާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ވަޒީފާ ހޯދުމަށް ފަހި ފުރުސަތެއް މިވަނީ ހުޅުވާލެވިފައި،" ޝަހާ ވިދާޅުވި އެވެ.

ބޭންކުގެ ބީއެމްއެލް ޕްރޮސްޕެކްޓްގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، 12 މަސްދުވަހުގެ މުއްދަތަކަށް މި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޮތުން މަސައްކަތަށް ބޭނުންވާ ގިނަ މައުލޫމާތު ލިބި، އެ ބައިވެރިންގެ ހުނަރުވެރިކަން އިތުރުވެގެންދާނެ އެވެ.

މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައެޅިގެންދާނެ އެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.