ކުއްލި ނުރައްކަލުގެ ހާލަތު

އެސްއޯއީ އޮތުމުން އިމްރާނަށް ޑޮކްޓަރަށް ނުދެވިފައި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޑޮކްޓަރަށް ދައްކައި ނުދީގެން އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެ ޕާޓީން ވެސް ކުރީ ޓްވީޓެކެވެ. އޭގައި ބުނަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ކަމަށް ބުނެ ޑޮކްޓަރަށް އިމްރާން ގެންގޮސް ނުދޭ ކަމަށެވެ.

އެ ޕާޓީން ބުނީ އިމްރާންގެ ހަށިގަނޑުގެ ލޭގައި ސޯޑިއަމް ހުރި މިންވަރު އާދަޔާ ހިލާފަށް މަތީވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އިތުރު ޓެސްޓުތަކެއް ހަދަން ޑޮކްޓަރުން ލަފާ ދިން ކަމަށެވެ. ނަމަވެސް އެ މައްސަލައަށް ކަރެކްޝަނުން އަޅައި ނުލާ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

އެ މައްސަލަ ބޮޑު ވެއްޖެ ނަމަ ބްލަޑް ޕްރެޝަރާއި ހިތުގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ އިމްރާނަކީ ބްލަޑް ޕްރެޝާ ފަދަ ކަންކަން ހުންނަ ބޭފުޅެއް ކަމަށާއި އެ ހާލަތު ގޯސްވުމުގެ ކުރިން ޑޮކްޓަރުން ވިދާޅުވާ ޓެސްޓް ހެދުމަށް އާއިލާއިން ބޭނުންވާ ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ޑޮކްޓަރަށް ދެއްކޭނީ ވަރަށް ބޮޑަށް އެމަޖަންސީވުމުން އެކަނި ކަމަށް ކަރެކްޝަން އިން ބުނާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތަކީ ވަކި ބަޔަކު އަމަލު ކުރަން ޖެހޭ އެއްޗެއް ކަމަށް މިވަނީ، ނަމަވެސް އިމްރާންއަކީ އެ ހާލަތު އިއުލާން ކުރި އިރު ވެސް ޖަލުގައި ހުންނެވި ބޭފުޅެއް، އެހެންވީއާ އެމަނިކުފާނުގެ މައްޗައް މި ހިންގަންވީ ސަބަބެއް ނޭނގެ، ދެން ޑޮކްޓަރަށް ދައްކަން ތަކުރާރުކޮށް އެދުމުން ވެސް އެ ފުރުސަތު ނުދިނަސް، އެހެން ގައިދީން ބަރާބަރަށް ދައްކާދޭކަން އަޅުގަނޑުމެންނަށް އެނގޭ،" ނަޒީރު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ކުރިން ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރުގައި އިމްރާން ދޫކޮށްލަން އޮތެވެ.