ބޮލީވުޑް

ސްރީދޭވީއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރަނީ

މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ ފުރަތަމަ ސުޕަސްޓާ ބަތަލާ ސްރީދޭވީ މަރުވުމާއި ގުޅިގެން އިންޑިއާ އާއި ދުނިޔެ ވަނީ ފުން ހިތާމައެއްގެ ތެރޭގަ އެވެ.

ސްރީދޭވީ މަރުވީ އޭނާގެ ފިރިމީހާ ބޯނީ ކަޕޫރަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް ހުއްޓަ އެވެ. މަރުވިއިރު ގާތުގައި ފިރިމީހާ އާއި ހަގު ދަރިފުޅު ހުޝީ ހުރި ކަމަށް ހަބަރު ފެތުރުނެވެ.

އޭނާގެ މަރާއި ގުޅިގެން ތަފާތު ވާހަކަތައް ވަނީ ޝޯޝަލް މީޑިއާގައި ދެކެވިފަ އެވެ. އެންމެ ފުރަތަމަ ސްރީދޭވީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އޭނާ މަރުވި ދުވަހު ހަބަރު ފެތުރުނެވެ. ނަމަވެސް އެ ދުވަހުގެ ރޭ، ސްރީދޭވީ މަރުވީ އޭނާ ދުބާއީއަށް ގޮސް ހުރި ހޮޓެލްގެ ފާހާނާގެ ބިލިގާ ތެރެއަށް ވެއްޓިގެން ގެނބިގެން ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުގައި ބުނެފައިވެ އެވެ.

ސްރީދޭވީގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދުބާއިގެ ފުލުހުން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ސްރީދޭވީގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ސްރީދޭވީގެ ހަށިގަނޑު މިހާރު ވަނީ މުމްބައިއަށް ގެންގޮސްފަ އެވެ. އިންޑިއާގެ ފިލްމު އިންޓަސްޓްރީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ތަރިން މިހާރު ދަނީ ސްރީދޭވީގެ މޫނު ބެލުމަށާއި އެންމެ ފަހުގެ އިހުތިރާމް އަދާ ކުރުމަށް ޒިޔާރަތްކުރަމުންނެވެ. ސްރީދޭވީގެ ފޭނުންނަށާއި މީޑިއާއަށް ވެސް ވަނީ މޫނު ބަލަން ވަނުމަށް ހުއްދަ ދީފަ އެވެ.

ސްރީދޭވީގެ ހަށިގަނޑު އަންދާލާނީ އިންޑިއާ ގަޑިން މިއަދު 3:30 ގަ އެވެ.