ބޮލީވުޑް

ސްރީދޭވީގެ މަރާއި ގުޅިގެން "ޕަރީ" ފަސްކޮށްފި

އިންޑިއާގެ ފުރަތަމަ ސުޕަސްޓާ ބަލާއި ސްރީދޭވީގެ މަރާއި ގުޅިގެން ބޮލީވުޑް ގިނަ މަސައްކަތަކެއް ވަނީ މެދުކެނޑިފަ އެވެ.

ސްރީދޭވީގެ މަރުގެ ހިތާމާގައި ބައިވެރިވުމަށްޓަކައި ޖާވިދް އަހްތަރު އަދި ޝަބާނާ އަޒްމީ ވަނީ ކޮންމެ އަހަރަކު އެމީހުން ބާއްވަމުން އަންނަ ހޯލީ ޕާޓީ ވެސް ވަނީ ކެންސަލުކޮށްފަ އެވެ. އަންނަ މަހު ރިލީޒްކުރާ ރާނީ މުކަރްޖީގެ "ހިޗްކީ" ގެ ބޮޑު ލަވައެއް ނެރުމަށް ރާވާފައި އޮތް އިވެންޓު ވެސް މިހާރު ވަނީ ކެންސަލުކޮށްފަ އެވެ.

މިހާރު އެންމެ އިންތިޒާރުކުރެވޭ އަނުޝްކާގެ ޝަރްމާގެ ބިރުވެރި ފިލްމު "ޕަރީ" ރިލީޒްކުރާ ތާރީހު ވެސް ވަނީ ފަސްކޮށްފަ އެވެ. މި ފިލްމު ރިލީޒް ކުރަން ކުރިން ނިންމާފަ އޮތީ މިއަދު އެވެ. ނަމަވެސް ސްރީދޭވީގެ މަރާއި ގުޅިގެން ފިލްމު ރިލީޒްކުރަން މިހާރު ހަމަޖައްސާފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

ޕަރީގެ ކޯ ފްރޮޑިއުސާ ޕްރޭނާ އަރޯރާ މިހާރު ވަނީ އެ ހަބަރު ކަށަވަރުވެސް ކޮށްދީފަ އެވެ.

"ސްރީދޭވީގެ މަރާއެކު އަހަރެމެންނަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައި. ސްރީދޭވީގެ މަރުގެ ހިތާމާއިގައި ބައިވެރިވުމަށާއި އޭނާއަށް އިހްތިރާމު އަދާކުރުމުގެ ގޮތުން 'ޕަރީ' ރިލީޒްކުރާ ތާރީހު ފަސްކުރަން ނިންމައިފިން."

ސްރީދޭވީ މަރުގެ ހަބަރު ލިބުމާއެކު އަނުޝްކާ ވަނީ ޓްވީޓެއް ވެސް ކޮށްފަ އެވެ. އެ ޓްވީޓުގައި އަނުޝްކާ ބުނެފައި ވަނީ ސްރީދޭވީގެ މަރާއެކު އޭނަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށާއި ހިތްދަތި މި ވަގުތު ސްރީދޭވީގެ އާއިލާ އާއި ރަހުމަތްތެރިންނާއި އަދި ފޭނުންނަށް ތައުޒިޔާ ކިޔާ ކަމަށެވެ.