މިހާރު އެންމެ އިންތިޒާރުކުރެވޭ އެވޯޑް ހަފުލާއަކަށް ވާނީ ހޮލީވުޑްގެ އެންމެ ބޮޑު އެވޯޑް ހަފްލާ އެކަޑެމީ އެވޯޑު، އޮސްކާ 2018 އެވެ. އޮސްކާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު އެވެ.
ކޮންމެ އަހަރެއްގެ އޮސްކާގައި ވެސް ތަފާތު އަދި ހަނދާނުން ފިލައިގެން ނުދާނެފަދަ ހަރާކަތްތަކެއް ފެނިގެންދެ އެވެ. އެގޮތުން މިއަހަރުގެ އޮސްކާގައި ވެސް ބެލުންތެރިން އެންމެ އިންތިޒާކުރާ އެއް ބަޔަކަށް ވާނީ އޮސްކާ އެވޯޑުތައް ކާމިޔާބުކުރާ ފަރާތްތަކުން ދޭ ޝުކުރު އަދާކުރުންތަކަށެވެ. ވަރަށް އަސަރުގަދަ އިބްރަތުން ފުރިގެންވާ އަދި ހެއްވާލާ ޝުކުުރު އަދާކުރުންތަކެއް މީގެ ކުރިން އިވިގެން ގޮސްފައިވެ އެވެ.
އޮސްކާ ދެމުން އަންނަތާ މިއަހަރު 90 އަހަރު ފުރޭއިރު، ކުރީގެ ކޮންމެ އެވޯޑެއްގައި ވެސް ހަނދާނުން ފޮހެލަން ދަތި ޝުކުރުގެ ބަސްތައް އިވިގެން ގޮސްފައިވެ އެވެ. އެގޮތުން ފާހަގަ ކޮށްލެވުނު ބައެއް ޝުކުރު އަދާކުރުންތަކަށް ނަޒަރު ހިންގާލާނަމެވެ. ލިސްޓު އަތުރާލާފައި ވާނީ ވަކި ތަރުތީބަކުން ނޫނެވެ.
ވަޔޯލާ ޑާވިސް (2017)
ވަޔޯލާ ޑާވިސް، މިދިޔަ އަހަރު އޮސްކާ ކާމިޔާބުކުރީ އޭނާ ކުޅުނު ފިލްމު "ފެންސް" އިން ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ކެޓަގަރީންނެވެ. ވަޔޯލާއަކީ އޮސްކާގެ އެވޯޑަކަށް ތިން ފަހަރު ނޮމިނޭޓުވެ ހަމައެކަނި އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ބަތަލާ އެވެ. މިއީ ވަޔޯލާ އޮސްކާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އެވޯޑާއި ހަވާލުވުމަށްފަހު ވަޔޯލާ ޝުކުރު އަދާކުރުމަށް ދިން ސްޕީޗުން އެތަށް ބައެއްގެ ހިތްތަކަށް އަސަރުކުރި އެވެ. ޝުކުރު އަދާކުރަމުން ދިޔައިރު އޭނާ ދައްކަމުންދިޔަ ވާހަކަތާއި މޫނުމަތިން ފެނުން މަންޒަރުތަށް މީހުންގެ ހިތްތަކާއި ކުޅެލި އެވެ.
ވަޔޯލާގެ ޝުކުރުގެ ބަސްތަކުގައި އަލިއަޅުވާލާފައި ވަނީ އާދައިގެ މީހުންނަށް އެ ދާއިރާގައި ކުރިއަށްދިއުމަކީ ދަތި ކަމެއް ކަމަށާއި އެތަށް ފޮނި އުއްމީދުތަކެއްކޮށް، އެ ހުވަފެންތައް ކާމިޔާބު ނުވާ މީހުންވެސް ތިބޭ ކަމަށެވެ. ނަމަވެސް ހިތްވަރުކޮށްފިނަމަ އެ ކާމިޔާބު ހާސިލްވާނެ ކަމަށް ބުންޏެވެ. މުއްސަނދި ބަސްކޮށާރާއި އިޝާރީ ބަސްތަކަކުން ވަޔޯލާ ދިން ޝުކުރުގެ ސްޕީޗުގައި ފުން މާނައެއް އެކުލެވެ އެވެ.
ހެލީ ބެރީ (2002)
އެވޯޑު ކާމިޔާބު ކުރިކަމަށް ނަން އިއުލާނުކުރުމާއެކު އޭނާ ވެގެންދިޔަ ގޮތްވެސް ނޭނގެ އެވެ. ހެލީ ބެރީ ހުރީ އުފަލުން ގޮސް ރޯންވީ ކަމެއް ނޫނީ ހޭންވީ ކަމެއް ނޭނގިފަ އެވެ. ލިބުނު ހައިރާން ކަމުން އޭނާ ހުރީ ޝުކުރުގެ ބަސްތަށް ބުނާނެ ގޮތްވެސް ނޭނގިފަ އެވެ.
މި އެވޯޑު އެންމެ ހާއްސަވީ ހެލީ ބެރީއަކީ އޮސްކާގައި ބެސްޓް އެކްޓްރެސްގެ އެވޯޑު ކަމީޔާބުކުރި ފުރަތަމަ އެމެރިކާގެ ކަޅު ނަސްލުގެ ބަތާލާއަށް ވުމެވެ. އޭނާއަށް އެ އެވޯޑު ލިބުނީ "މޮންސްޓާ ބޯލް" ގައި އޭނާ ދެއްކި އެކްޓިނުންނެވެ.
މޯގަން ފްރީމަން (2005)
މިއީ މޯގަންގެ އޮސްކާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މޯގަން ހަތަރު ފަހަރެއްގެ މަތިން އޮސްކާއަށް ނޮމިނޭޓުވި އެވެ. ޝުކުރު އަދާކުރުމަށް މޯގަން ބޭނުންކުރީ ކުރު ފޮނި އަދި ހެއްވާލާ ބަސްތަކެކެވެ.
އެތަށް ބަޔަކު މޯގަން އެ އެވޯޑު ކާމިޔާބުކުރަން ބޭނުންވީ އޭނާގެ މޮޅު އެކްޓިންއަށްވުރެ އޭނާގެ އަޑުގެ ސަބަބުންނެވެ. އޭނާއަށް އޮސްކާ ލިބުނު ދުވަސްކޮޅު އިންޓަނެޓުގައި ހެއްވާ ޖޯކެއްވެސް ދައުރުވަމުންދިޔަ އެވެ. އެ ޖޯކުގައި ބުނަނީ މޯގަންގެ އަޑު އަހަން ބޭނުންނަމަ އޭނައަށް އެވޯޑެއް ދޭށެވެ.
ލުޕިތާ ނިޔޯންގޯ (2015)
އޮސްކާ ކާމިޔާބު ވުމާއެކު ލުޕިތާއަށް ލިިބުނު އުފާ އޭނާގެ މޫނާއި ހަށިގަނޑަށް އައި ކުލަވަރުތަކުން އެންގުނެވެ. އޭނާގެ ޝުކުރުގެ ބަސްތަކުން ފުންއަސަރު ކުރި އެވެ.
ލުޕިތާއަށް އޮސްކާ ލިބުނީ އޭނާ ކުޅުނު ފިލްމު "ޓުވެލް އިޔާސް އަ ސްލޭވް" އިން ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ކެޓަގަރީންނެވެ. އެ ފިލްމުގައި އޭނާ ކުޅުނީ 19 ވަނަ ގަރުނުގައި ވަރަށް ވޭންދެނިވި ދިރިއުޅުމެއް އުޅުނު ޕެޓްސޭ ކިޔާ އަންހެނެއްގެ ރޯލެވެ.
"ގަބޫލުކުރަންވެސް ދަތި އަހަންނަށް މި ލިބުނު އުފަލުގެ ޝުކުރު ހައްގުވާ ފަރާތަކީ ވޭންދެނިވި ހަޔާތެއް ވޭތުކުރި މީހަކަށްކަން." ލުޕިތާ ވަނީ ޕެޓްސޭއަށް ހާއްސަ ޝުުކުރެއް އަދާކޮށްފަ އެވެ.
ޝުކުރުގެ ބަސްތައް ނިންމަމުން އޭނާ ބުނީ "ކޮންމެ ތަނަކުން އައި މީހެއް ކަމުގައި ވީ ނަމަވެސް، ކޮންމެ މީހަކަށް ހުވަންތަށް ދުށުމުގެ ހައްގު އޮންނާނެ." އެވެ.
ލިއޮނާޑޯ ޑިކެޕްރިއޯ (2016)
ކޮންމެ އަހަރަކު އެތަށް ތަރިޔަކަށް އޮސްކާ ލިބެ އެވެ. އޮސްކާ ކާމިޔާބު ނުވާ އެތަށް ތަރިންނެއްވެސް ތިބެ އެވެ. އެކަމަކު އެންމެ ގިނަ ބަޔަކު އެ ތަރިއަކު އޮސްކާ ކާމިޔާބުކުރަން ބޭނުންވި ނަމަވެސް ކޮންމެ ފަހަރަކުހެން ނުލިބި ދިޔަ ތަރިޔަކު އެބަހުއްޓެވެ. އެ ތަރިޔަކީ ލިއޮނާޑޯ ޑިކެޕްރިއޯ އެވެ.
އެތަށް ފަހަރަކު ނޮމިނޭޓުވުމަށްފަހު ކާމިޔާބު ނުވެ އެންމެފަހުން 2016 ވަނަ ލިއޮނާޑޯއަށް އޮސްކާ ލިބުނެވެ. އޭނާއަށް އޮސްކާ ލިބުނީ "ދަ ރިވަނެންޓް" ފިލްމުން ބެސްޓް އެކްޓާގެ ކެޓަގަރީންނެވެ.
ލިއޮނާޑޯގެ ޝުކުރުގެ ސްޕީޗުގައި އެންމެ ފާހަގަކުރެވުނީ އެހާ ދުވަހުން އޭނާއަށް އެ ލިބުނު ކާމިޔާބީގެ ވާހަކަަތަކަށް އަލިއަޅުވާލުމުގެ ބަދަލުގައި ދުނިޔެ ހޫނުވާ ވާހަކަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަތައް ދެއްކުމެވެ. ލިއޮނާޑޯއަކީ މޫސުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަމުގައި ވަރަށް ފުޅާދައިރާއެއްގައި މަސައްކަތްކުރާ މީހެކެވެ.
އޭނާގެ އެ ކާމިޔާބީގެ ވަގުތު އެވާހަކަތައް ދެއްކުމުން ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އެވެ. ލިއޮނާޑޯ އޮސްކާ ކާމިޔާބުކުރުމުން އޮސްކާ ހަފްލާގައި ބައިވެރިވި އެންމެންގެ ފަރާތުން އެނާއަށް ސްޓޭންޑިން އޯވޭޝަންއެއްވެސް ލިބުނެވެ.