ފިނިޕޭޖް

އޮސްކާގެ އާ ކެޓަގަރީން އެވޯޑު ނުދޭން ނިންމައިފި

އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސްއިން ދެމުން އަންނަ، އޮސްކާ އެވޯޑަށް އަލަށް ތައާރަފުކުރި ކެޓަގަރީ "އައުޓްސްޓޭންޑިން އެޗީވްމަންޓް އިން ޕޮޕިއުލާ ފިލްމް" ކެޓަގަރީން މިފަހަރު އެވޯޑު ނުދިނުމަށް ނިންމައިފި އެވެ. މި އެވޯޑު މިފަހަރު ނުދޭން ނިންމީ އޮސްކާގެ ގަވަނާސް ބޯޑުން މަޝްވަރާކުރުމަށްފަހުގަ އެވެ.

އެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ކުއްލިއަކަށް މި ކެޓަގަރީ ތައާރަފުކުރުމާއެކު މީގެކުރިން ރިލީޒްކޮށްފައިވާ ފިލްމުތަކަށް މި ކެޓަގަރީން ވާދަކުރުމަށް ދަތިވާނެ ކަމަށާއި އަދި މިފަހަރު މި އެވޯޑު ނުދިން ނަމަވެސް ކުރިއަށް ހުރި އެވޯޑުތަކުގައި މި ކެޓަގަރީން އެވޯޑު ދިނުމަށް މަޝްވަރާކުރާނެ ކަމަށެވެ.

މި ކެޓަގަރީ ތައާރަފުކުރީ ބޮކްސް އޮފީހުގައި ނާކަމީޔާބީއާއި ކުރިމަތިވާ ފިލްމުތަކާއި އަދި އޮސްކާގެ އެހެން ބޮޑެތި ކެޓަގަރީތަކަށް ނޮމިނޭޓުނުވާ ފިލްމުތަކަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. މި ކެޓަގަރީން އެވޯޑު ނުދޭން މި ނިންމީ، ހޮލީވުޑްގެ ގިނަ ސްޓާރުންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވަނިކޮށެވެ. މިހާރު އޮސްކާ އެވޯޑް ދެމުން އަންނަނީ 24 ކެޓަގަރީއަކުންނެވެ.

އޮކްސާ އެވޯޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައި އެކަން އިއުލާނުކުރީ މިދިޔަ މަހު އެވެ. އެގޮތުން އެވޯޑު ހަފްލާގެ ދިގުމިން ތިން ގަޑިއިރަށް ކުރުކުރަން ވަނީ ނިންމާފަ އެވެ. އެވޯޑު ބަލާ މީހުންގެ އަދަދު އިތުރުކުރުމަށްވެސް ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފަ އެވެ. އޮސްކާ އެވޯޑު އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހު ހަތަރެއްގައި ޑޮލްބީ ތިއޭޓަރުގަ އެވެ.